ކުއްލި ހާލަތްތަކުގައި ހޮސްޕިޓަލްތަކުން މަސައްކަތް ކުރާނެ ގޮތާ ބެހޭ ވޯކްޝޮޕެއް ފަށައިފި

ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ އާއި އޭސިއަން ޑިޒާސްޓާ ޕްރެޕެއަޑްނަސް ސެންޓަރާ ގުޅިގެން ހޮސްޕިޓާތަކުން ކުއްލި ހާލަތްތަކުގައި މަސައްކަތް ކުރާނެ ގޮތާ ބެހޭ ވޯކްޝޮޕެއް ފަށައިފި އެވެ.

ޓްރޭޑާސް ހޮޓެލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ވޯކްޝޮޕާ ބެހޭ މައުލޫމާތުދެއްވަމުން އެޗްޕީއޭގެ ފަރާތުން ޑރ. އައިސަތު އަަރޫނާ ވިދާޅުވީ. މި ވޯކްޝޮޮޕްގެ ބޭނުމަކީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ހޮސްޕިޓަލްތަކުން ދެމުން އަންނަ ހިދުމަތްތައް މެދު ނުކެނޑި ދެވޭނެ ގޮތްތަކެއް ހޯދައިދިނުން ކަަމަށެެވެ. އަދި ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުން ވެސް އިމަޖެންސީ ހާލަތްތަކަށް ތިބެންޖޭނީ އެފަދަ ހާލަތަކަށް ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުއްލި ހާލަތުގައި ހޮސްޕިޓަލެއްގެ ހިދުމަތް މެދުކެނޑިގެން ނުވާނެ. ކުއްލި ހާލަތެއްގައި ހޮސްޕިޓަލަށް ބަލިމީހުން އިތުރުވެދާނެ، ދޭންޖެހޭ ހިދުމަތްތައް ގިނަވާނެ، އެހެން ކަމުގައިވާއިރު ހޮސްޕިޓަލަށް އިމަޖެންސީއެއް ދިމާވެއްޖެއްޔާ މިސާލަކަށް އަލިފާނުގެ ހާދިސާއެއް ދިމާވެ ފެންބޮޑުވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަވެސް ކުއްލި ހާލަތަކަށް ތައްޔާރުވެގެން ތިބިއްޔާ ހޮސްޕިޓަލުން ދޭންޖެހޭ ހިދުމަތްތައް މެދުކަނޑައިނުލާ ރައްޔިތުންނާ ހަމައަށް އަވަހަށް ދެވޭނެ،" އަރޫނާ ވިދާޅުވި އެވެ.

"ހޮސްޕިޓަލް އެމަޖެންސީ ޕްރެޕެއާނަސް އެންޑް ރެސްޕޮންސް" ގެ ނަމުގައި ހަފްތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕްގެ ފުރަތަމަ ފަސް ދުވަހު ހޮސްޕިޓަލްގައި އެފަދަ ހާލާތެއް ކުރިމަތިވެއްޖެ ނަމަ ކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލެވޭނެ ގޮތް ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މި ވޯކްޝޮޕްގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް ޕްލޭން ހެދުމަށް ދެ މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ ހަމަޖައްސައިފަ އެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ ކޮންމެ ހޮސްޕިޓަލަކުން ވެސް އިމަޖެންސީ ހާލަތްތަކަށް ތައްޔާރުވާނެ ޖެހޭނެ ކަމަށާއި ނަމަވެސް އެންމެ އެކަށޭނެ ގޮތުގައި އެފަދަ ޕްލޭނެއް މިހާތަނަށް ހެދިފައިވަނީ އައިޖީއެމްއެޗުގައި އެކަނި ކަމަށެވެ.

މި ވޯކްޝޮޕްގައި ކިޔަވައިދެއްވާ ބޭފުޅުންގެ ތެރޭގައި އޭޑީޕީސީން ތަމްރީންވެފައިވާ ބޭފުޅުންނާއި ރާއްޖޭގެ ބައެއް މުއައްސަސާތަކާއި އެމްއެންޑީއެފް އާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ބޭފުޅުން ހިމެނެ އެވެ.

އެޗްޕީއޭގެ އުއްމީދަކީ މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ މޭޖާ ހޮސްޕިޓަލަކަށް އަދި އަތޮޅު ފެންވަރުގެ ކޮންމެ ހޮސްޕިޓަލަކަށް ވެސް މިފަދަ ޕްލޭނެއް ހެދިގެން އައުމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު