ސަންގެ ކުޅިވަރާއި ވިޔަފާރި ޕޭޖަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

ރާއްޖެއާއި ރާއްޖޭން ބޭރުގެ ޚަބަރުތައް އެންމެ ތާޒާކަމާ އެކު ކިޔުންތެރިންނަށް ފޯރުކޮށްދިނުމުގައި "ސަން މީޑިއާ ގްރޫޕް" އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން "ސަން އޮންލައިން" ގައި މިހާރު ހިމަނާފައިވާ ކުޅިވަރާއި ވިޔަފާރި ކެޓަގަރީގެ ފަރުމާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.

ސަން މީޑިއާ ގްރޫޕްގެ ސީއީއޯ ސިނާން އަލީ ވިދާޅުވީ، ކުޅިވަރާއި ވިޔަފާރިއަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ކިޔަމުން އަންނަ ޚަބަރު ތަކަކަށް ވާތީ، އެޚަބަރުތައް ހުށަހަޅާ ޕޭޖަށް ބަދަލުތަކެއް ގެނެސް ކިޔުންތެރިން މިހާރަށްވުރެ ގަޔާވާ ކަހަލަ ގޮތަކަށް ފަރުމާ ކުރަން ނިންމާފައިވާ ކަމަށެވެ.

"ސަންގެ އިންހައުސް ޑިވެލޮޕިން ޓީމުން އެ މަސައްކަތް ފަށައިގެން ކުރަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ. މި ދެ ކެޓެގަރީ އަށް ބަދަލު ގެނައުމުގައި ކުޅިވަރާއި ވިޔަފާރި ޚަބަރު ކިޔާ މީހުންނާއި އެ ދެ ދާއިރާގެ ފަންނީ މީހުންގެ ފަރާތުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ޚިޔާލާއި މަޝްވަރާ އަޅުގަނޑުމެން ވާނީ ހޯދާފައި" ސިނާން ވިދާޅުވި އެވެ.

އަލަށް ގެންނަ ބަދަލުތަކަކީ ހަމަ އެކަނި ވެބްސައިޓަށް އަންނަ ބަދަލުތަކެއް ނޫންކަން ފާހަގަކުރައްވައި، ސަން އޮންލައިންގެ ޗީފް އެޑިޓަރު، ހިރިގާ އަހްމަދު ޒާހިރު ވިދާޅުވީ، މި ބަދަލުތަކާ އެކު ކުޅިވަރާއި އިގްތިސާދީ ހަބަރުތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ގެނެސް ދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ ޒަމާނީ އިނޮވޭޝަން ސައިޓަށް ގެނެސް، ކޮންޓެންޓްގެ މުއްސަނދިކަމާ އެއްވަރަށް ސައިޓް ވެސް އެޓްރެކްޓިވް ކުރުމަށް. ސަން އިން އަބަދުވެސް މި އަންނަނީ އެއިރަކަށް އެންމެ ބޭނުންވާ އާ ބަދަލުތައް އެކި ސިފަސިފައިގައި ކިޔުންތެރީންނަށް ގެނެސްދެމުން،" ހިރިގާ ވިދާޅުވި އެވެ.

ކުޅިވަރު ޕޭޖުގެ އާ ފަރުމާއާ އެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުޅިވަރާ ގުޅޭ ހުރިހާ ހަބަރުތަކެއް ގެނެސްދޭނީ ކުޅިވަރު ޕޭޖުގައެވެ. އަދި ހަމަ އެ ބަދަލާ އެކު ސަން އަށް "ފީޗާޑް އާޓިކަލް" ލިޔުމުގެ ފުރުސަތު، ރާއްޖޭގެ ކުޅިވަރު ދިރާސާ ކުރާ ފަރާތްތަކަށް ހުޅުވައިލެވޭނެ އެވެ.

ރާއްޖޭގެ ކުޅިވަރު ތަރައްގީ ކުރުމަށް އަދި ޒުވާނުންގެ ތަރައްގީ އަށް ހިންގާ އެކިއެކި ކަންކަމާ ގުޅޭ ހަބަރާއި މައުލޫމާތު، އަދި ކަމުގެ ތަޖުރިބާކާރުންގެ ހިޔާލާއި ވިސްނުން މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މި ޕޭޖު މެޗުވެރިކޮށް ކިޔުންތެރިންނާ ހަމައަށް ގެނެސްދެވޭނެ އެވެ.

ވިޔަފާރި ޕޭޖަށް ގެންނަ ބަދަލާ އެކު، ރާއްޖޭގައި އިގްތިސާދީ އިލްމު ލިބިވަޑައިގެން ތިއްބެވި، އެ މައުލޫމާތު ހިއްސާކުރައްވަން ބޭނުންފުޅުވާ ބޭފުޅުންނަށް ސަންގެ ވިޔަފާރި ޕޭޖަށް ލިޔުއްވުމުގެ ފުރުސަތު ހުޅުވައިލަން ސަން އިން ވަނީ ނިންމައިފަ އެވެ. ހަމަ އެއާއެކު ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް "ޕްރޮމޯޓް" ކުރުމަށް ހާއްސަ ސަމާލުކަމެއް ދީގެން މިހާރަށް ވުރެ އިތުރު މަސައްކަތްތަކެއް މި ބަދަލާ އެކު ކޮށްދޭނޭ ކަމުގެ ޔަގީންކަން ވެސް ސަން އިން ދެއެވެ.

ސަން އޮންލައިންގެ ވެބްސައިޓަށް ބޮޑެތި ބަދަލުތަކެއް ގެންނަމުން އަންނަ މި ދަނޑިވަޅުގައި، އޮންލައިން ވިޔަފާރިއަށް ޝައުގުވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން މިދިޔަ ހަފުތާގައި ސަން އިން ވަނީ "ސަން ސްޓޯރު"ގެ ނަމުގައި ހާއްސަ ޕޭޖެއް ލޯންޗު ކޮށްފައެވެ.

ސަންގެ ސީއީއޯ ސިނާން ވިދާޅުވީ، ސަން އޮންލައިންގެ ކުޅިވަރު ޕޭޖާއި، ވިޔަފާރި ޕޭޖުގެ މޫނުމަތީ ފަރުމާ މިހާރު ނިމިފައިވާ ކަމަށާއި، އެ ބަދަލުތައް ކައިރި މުސްތަގުބަލެއްގައި ކިޔުންތެރިންނަށް ފެނިގެންދާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު