ސޫރިޔާ ހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެކަމަށް ބިލާދުއްޝާމުން ބުނެފި

ސޫރިޔާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޖަބުހަތުއް ނުސްރާ( އަލްގައިދާ އިން ދަ ލޭވެންޓް) ގެ ނަމުގައި ހަނގުރާމަކުރަމުން އަންނަ ޖަމާއަތާ ގުޅިގެން ހަނގުރާމަކުރަމުން ދިޔަ ދިވެއްސަކު އަނެއްކާވެސް މަރުވެއްޖެ ކަމަށް ބިލާދުއްޝާމް މީޑިއާއިން ބުނެފި އެވެ.

ޖަބުހަތުއް ނުސްރާއާ ގުޅިގެން ހަނގުރާމަކުރަމުން އަންނަ ދިވެހިން ހިންގަމުން އަންނަ ފޭސްބުކް ޕޭޖްގައި މަރުވި މީހާގެ ނަމެއް ކަމަށް ލިޔެފައި ވަނީ އަބޫ ދުޖާނާއެވެ. އަދި ބުނެފައި ވަނީ ޕޭޖްގެ މެއިން އެޑްމިން ގެ ގޮތުގައި މަސައްކަތް ކުރަމުން އައި އަބޫ ދުޖާނާ " ޝަހީދުވީ ވަރުގަދަ ހަމަލާ ބަދަލުކުރުމެއްގައި " ކަމަށެވެ.

އަދި އެޕޭޖްގައި ބުނެފައި ވަނީ އޭނާގެ އަސްލު ނަމާއި މައުލޫމާތާއި ފޮޓޯ އާއްމު ނުކުރުމަށް އޭނާގެ މަންމަ އެދިފައިވާ ކަމަށެވެ.

ޖަބުހަތުއް ނުސްރާއާ ގުޅިގެން ހަނގުރާމަ ކުރި ދިވެހީންގެ ދެމީހަކު ކުރިން ވެސް ވަނީ މަރުވެފައެވެ. ކުރިން މަރުވި ދެމީހުންނަކީ އަބޫ ނޫހް އާއި އަބޫ ތުރާބު ކަމަށް ބިލާދުއް ޝާމް މީޑިއާއިން އޭރު ބުންޏެވެ. އެ ދެމީހުން މަރުވިކަން ބިލާދުއް ޝާމްގެ އިތުރުން އާއިލާތަކުން ވެސް އޭރު ކަށަވަރުކޮށްދިނެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމައިގައި ޖަބުހަތުއް ނުސްރާއިން ސޫރިޔާ ސަރުކާރާ ހަނގުރާމަކުރާއިރު އިސްލާމިކް ސްޓޭޓް (އައިއެސް) އިން އެ ބަޔަކާ ދެކޮޅަށް ހަނގުރާމަކުރާ ޖަމާއަތްތަކުގެ ތެރޭގައި ޖަބުހަތުއް ނުސްރާ ވެސް މިހާރު ހިމެނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު