ވެލްބެކް އާސެނަލްއަށް، ހެނާންޑޭޒް ރެއާލަށް

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް އާސެނަލްއަށް ބަދަލުވި އިރު، ޔުނައިޓެޑްގެ މެކްސިކޯ ފޯވާޑް ހަވިއާ ހެނާންޑޭޒް ލޯނު އެއްބަސްވުމެއްގައި ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅިއްޖެ އެވެ.

އުމުރުން 23 އަހަރުގެ އިނގިރޭސި ފޯވާޑް، އާސެނަލްއާ ގުޅުނީ، ދިގުމުއްދަތުގެ އެއްބަސްވުމެއްގެ ދަށުން 16 މިލިއަން ޕައުންޑުގެ އަގަކަށެވެ.

"އާސެނަލްގެ ހުރިހާ އެންމެން ޑެނީއަށް މަރުހަބާކިޔަން. އަދި މިސީޒަންގައި އާސެނަލްގެ ޖާޒީގައި އޭނާގެ ހިދުމަތަށް އެދިއެދި ތިބިން،" އާސެނަލްގެ ވެބަސައިޓުގައި ލިޔެފައި ވެއެވެ.

ޔުނައިޓެޑަށް 142 މެޗު ކުޅެ 29 ލަނޑު ޖަހާފައިވާ ވެލްބެކެ އެޓީމުން ދޫކޮށްލާފައިވާނީ، މޮނާކޯއަށް ކުޅެމުން އަންނަ ކޮލަމްބިއާ ފޯވާޑް ރަޑެމަލް ފަލްކާއޯ ލޯނުއެއްބަސްވުމެއްގައި ޔުނައިޓެޑާ ގުޅުމުންނެވެ.

އުމުރުން އަށް އަހަރުގައި ޔުނައިޓެޑްގެ އެކަޑަމީއާ ގުޅުނު މެންޗެސްޓާއަށް އުފަން ވެލްބެކް ވަނީ، މީގެ ކުރިން ލޯނު އެއްބަސްވުމެއްގައި ސަންޑަލޭންޑާއި ޕްރެސްޓަންއަށް ކުޅެފައެވެ.

މެންޗެސްޓާއިން ދޫކޮށްލި މުހިއްމު އަނެއް ކުޅުންތެރިއަކީ އެޓީމުގެ ކުރިއަށް ކުޅެމުން އައި މެކްސިކޯގެ ހަލުއި ފޯވާޑް ހެނާންޑޭޒްއެވެ. ރެއާލް މެޑްރިޑަށް ހެނާންޑޭޒް ބަދަލުވެފައި ވަނީ، މި ސީޒަންގެ ނިޔަލަށެވެ.

މެކްސިކޯގެ ގުއަޑަލަޖަރާއިން 2010 ވަނަ އަހަރު ޔުނައިޓެޑާ ގުޅުނު ފޯވާޑް ވަނީ އެސީޒަންގައި ޔުނައިޓެޑަށް 20 ލަނޑު ޖަހައިދީފައެވެ. އަދި ޕްރިމިއާ ލީގުގައި އޭނާ މިހާތަނަށް ކުޅުނު 102 މެޗުން 37 ލަނޑު، އެފްއޭކަޕް 13 މެޗުން ހަ ލަނޑު، ލީގު ކަޕް 11 މެޗުން ހަ ލަނޑު، ޗެމްޕިއަންސް ލީގު 24 މެޗު ކުޅެ އެ މުބާރާތުގައި ވެސް ހަތްލަނޑު ޖަހާފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު