މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އަދަބު ނުދީ ފަރުވާއެއް ނުދެވޭނެ: އުމަރު

މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ޝަރުއީ ކޯޓަކަށް ސާބިތުވެއްޖެ ނަމަ އެމީހަކަށް އަދަބު ލިބެން ޖެހޭނެ ކަމަށާއި އެމީހުންނަށް ފަރުވާ ދޭންޖެހޭނީ އަދަބުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުވައްސަސާ ވަކި މުވައްސަސާއެއްގެ ގޮތުގައި ހިނގަމުން އަންނަތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް އިއްޔެ އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާގައި އުމަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއް ކަމަށާއި ކޮންމެ ކުށެއް ކުރިއަސް އެކަމަށް އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

"މި ކުށަށް [މަސްތުވާތަކެތި ބޭނުން ކުރުމަށް] ދޭނީ އަދަބުހޭ ނޫނީ ފަރުވާހޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ކުށެއް ކުރިއަސް އެ ކުށަކަށް ދޭނީ އަދަބު. އެހެންވީމާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ދޭން ޖެހޭނީ އަދަބު. އެ އަދަބުގެ ތެރެއިން ފަރުވާ ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް،" އުމަރު ވދާޅުވި އެވެ.

ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުގެ ސަބަބުން މަސްތުވާތަކެތި ބޭނުން ކުރުމަކީ ކުށެއް ނޫން ކަމަށާއި އެކަމަށް ދޭން ޖެހޭނީ ފަރުވާ ކަމަށް ޒުވާނުންނަށް ގަބޫލުކުރެވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން މަސްތުވާތަކެއްޗާއި ޒުވާނުން ގާތްވުން އިތުރުވާ ކަމަށް އޭނާ ފާހަގަ ކުރެއްވެވި އެވެ.

"ވަރަށް ސާފުކޮން އަޅުގަނޑުމެން ހުރިހާ މުވައްސަސާއަކަށް ވެސް އެނގެން އެބަޖެހޭ މަސްތުވާތަކެތި ބޭނުންކުރުމަކީ ބައްޔެއްނޫން ކަމާއި އެއީ ކުށެއްކަން. ވަރަށް ސާފުކޮން އަޅުގަނޑުމެނަށް އެނގެން އެބަޖެހޭ، މިކަން އެނގެން އެބަޖެހޭ ސަރުކާރުގެ ހުރިހާ ފަރާތްތަކަށް ވެސް މައިންބަފައިނަށް ވެސް ޒުވާނުނަށް ވެސް ހުރިހާ އެންމެނަށް ވެސް އެނގެން ޖެހޭ،" އުމަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އުމަރު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް އެކަމުން ދުރުކުރުމަށް "މަދު މަދުން ދީގެން" ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކީ ކުރެވޭނެ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ލުއި މަސްތުވާތަކެތި ހުއްދަ ކޮށްފައިވާ ބައެއް ގައުމުތަކުގެ ތަޖުރިބާއަކީ އިތުރަށް މަސްތުވާތަކެތި ބޭނުން ކުރުން ކަމަށް ވެސް އުމަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ދަންނަވަނީ ދިވެހި ރާއްޖޭގައި ސައްތަ އިން ސައްތަ މުސްލިމް މުޖުތަމައުއެކޭ. ދިވެހި ރާއްޖޭގައި މަސްތުވާތަކެތީގެ އެއްވެސް ބާވާތެއް ދުވަހަކު ވެސް ހުއްދައެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އުމަރު މި މޭރުމުން ވާހަކަ ދައްކަވާފައިވާ އިރު މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން މަސްތުވާ ތަކެތި ބޭނުންކުރި ކަމަށް އިއުތިރާފު ވެގެން ހުކުމް ކުރާ މީހުންނަށް ހާއްސަ ފަރުވާ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން އެ ހުކުމުން ސަލާމަތްވެ އެވެ. އަދި ގަވައިދުން ފަރުވާ ޕްރޮގުރާމް ފުރިހަމަކޮށްފި ނަމަ އެ ހުކުމް އޭނާގެ މައްޗަށް ތަންފީޒެއް ނުކުރެވޭނެ އެވެ. މަސްތުވާތަކެތި ބޭނުންކުރިކަން ސާބިތުވެފައިވާ ގިނަ ބަޔަކު މިހާރު ވެސް ވަނީ ފަރުވާ ޕްރޮގުރާމް ފުރިހަމަ ކުރުމުން ދޫކޮށްލާފަ އެވެ. އަދި އެހެންމެ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް މަސްތުވާތަކެތީގެ ވަބާއިން އެއްކޮށް ދުރުކުރުމުގެ ނަމުގައި މަދު މިންވަރުގެ އެތި ކޮޅު ކޮޅުން ދީގެން ދުރުކުރުމަށް ފަރުވާ ޕްރޮގުރާމް ހިންގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު