ހުޅުމާލެ ހިއްކަން ނަގާ ލޯނު އަދިވެސް ހަމަނުޖެހޭ: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތަށް ބޭންކް އޮފް ސިލޯނުން ނަގަން ނިންމާފައިވާ 30 މިލިއަން ޑޮލަރުގެ ލޯން ނެގޭނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިން ބުނިތާ އެއްމަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެލޯން އެއްބަސްވުމުގައި ސޮއި ނުކުރެވޭ ކަމަށް އެޗްޑީސީއިން ބުނެފި އެވެ.

އެޗްޑީސީ އިން ކުރިން ބުނެފައި ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބޭންކް އޮފް ސިލޯނުން ދިނުމަށް ހަމަޖެހިފައިވާ ލޯނު އެއްބަސްވުމުގައި މިދިޔަ ޖުލައި މަހުގެ ފަހުކޮޅު ސޮއިކުރެވޭ ވަރު ވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އަދިވެސް އެލޯނު ހަމަޖެހިފައި ނުވާކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީގެ އޮފިޝަލަކު މިއަދު ސަންއަށް ވިދާޅުވީ، އަދި ލޯނުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކުރެވިފައިނުވާ ކަމަށާއި އަދި ސޮއިކުރެވޭނެ ވަކި ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ. ނަމަވެސް ވަރަށް ކައިރި މުސްތަގުބަލެއްގައި ސޮއިކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބެންކުން ފުރިހަމަ ކުރަންޖެހޭ ޕްރޮސީޖާތަކެއް ކުރިއަށް ދާތީ އަދި ލޯންގެ އެއްބަސްވުމުގައި ސޮއިނުކުރެވިގެން އުޅެނީ. އަޅުގަނޑުމެންނަށް ވަަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ލޯނު ހަމަޖެހޭނެ ކަމުގެ،" އެޗްޑީސީގެ އޮފިޝަލް ވިދާޅުވި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމަށް ބެލްޖިއަމްގެ ޑްރެޖިން އިންޓަނޭޝަނަލް އާ އެކު ފްރޭމްވޯކް އެގްރިމެންޓެއްގައި ރަސްމީކޮށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފޭހަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށެވެ.

އެގޮތުން އެ މަސައްކަތަށް ބޭންކް އޮފް ސިލޯން (ބީއޯސީ)ން 30 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ނިންމާފައިވާ އިރު، އަނެއް 20 މިލިއަން (308 މިލިއަން ރުފިޔާ) ހަރަދުކުރާނީ އެޗްޑީސީގެ ރިޒާވުން ކަމަށް ސުހައިލު ވިދާޅުވި އެވެ.

ޑްރެޖިން އިންޓަނޭޝަނަލްއާ އެކު ހަދާފައިވާ ފްރޭމްވޯކް އެގްރިމެންޓްގެ އެއްބަސްވުމުގައިވާ ގޮތުން މި ދިޔަ މަހުގެ ތެރޭގައި މަސައްކަތް ފަށައި އަންނަ އަހަރުގެ ޑިސެމްބަރު މަހަށް ނިންމަން ޖެހެ އެވެ. ނަމަވެސް އަދިވެސް މިވަނީ ލޯނު ހަމަނުޖެހި އެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެއްޓި މަޝްރޫއު އެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު