ނަރުހުންނާ މެދު އެއްވެސް ވަރަކަށް އަޅާލުމެއް ގެންގުޅެފައެއް ނެތް: މިނިސްޓަރު

ރާއްޖޭގައި ނަރުހުންނާ މެދު އެއްވެސް ވަރަކަށް އަޅާލުމެއް ގެންގުޅެފައި ނުވާ ކަމަށާއި ޑޮކްޓަރުންނާއި އެއްހަމަ އެއްގައި ނަރުހުންނާ މެދު ވެސް އަޅާލުން ގެންގުޅެން ޖެހޭ ކަމަށް ހެލްތު މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓާޔަޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާ ހިންގުމާ ގުޅޭ 'މާސްޓާ ޕްލޭން' ތައްޔާރު ކުރުމަށް މިއަދު ހެނދުނު ނަސަންދުރާ ޕެލަސް ހޮޓެލްގައި ފެށި ސެމިނާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ސިއްހީ ދާއިރާ ހިންގުމާ ގުޅޭ މާސްޓާ ޕްލޭން ތައްޔާރު ކުރުމަށް މިއަދު ހެނދުނު ނަސަންދުރާ ޕެލަސް ހޮޓެލްގައި ފެށި ސެމިނާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ނަރުހުންނާ މެދު އެއްވެސް އަޅާލުމެއް ގެންގުޅެފައި ނުވާކަން އެމަނިކުފާނު އެ މިނިސްޓްރީ ހިންގުމާ ހަވާލުވެވަޑައިގެންވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެނގިވަޑައިގެންފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޑޮކްޓަރުންނެކޭ އެއްގޮތަށް ނަރުހުން ތަމްރީން ކުރުމުގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށާއި ނަރުހުން ތަމްރީން ކުރުން އޮތީ "ވަރަށް ދަށުގައި" ކަމަށެވެ.
ސިއްހީ ދާއިރާ ހިންގުމާ ގުޅޭ 'މާސްޓާ ޕްލޭން' ތައްޔާރު ކުރުމަށް މިއަދު ހެނދުނު ނަސަންދުރާ ޕެލަސް ހޮޓެލްގައި ފެށި ސެމިނާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ނަރުހުން ތަމްރީން ކުރުން ވަރަށް ދަށުގައި މިތިބީ މިހާރު. އަޅުގަނޑުމެނަށް ވަރަށް މުހިންމު ޑޮކްޓަރެކޭ އެއްގޮތަށް ނަރުހުން ތަމްރީން ކުރުން. އީކްއަލީ އިމްޕޯޓެންޓް [އެއް ހަމައެއްގައި މުހިންމު]. ނަރުހުން މި ފެންނަނީ އެކީގައި ނެގްލެކްޓް [ބާކީކޮށްފައި] އޮތްތަން މިހާރު. އެހެންވީމާ ކުރިއަށް އޮތް ތަނުތަނުގައި ނަރުހުން ތަމްރީން ކުރުމަކީ ޑޮކްޓަރުންނެކޭ އެފަދައިން އިސްކަން ދޭން ޖެހޭނެ ކަމެއް. ޑޮކްޓަރުންނެކޭ އެއްފެންވަރެއްގައި ނަރުހުންނަށް ދެވޭ ފެންވަރު ރަނގަޅު ކުރެވެން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ޑޮކްޓަރުން ތަމްރީންކުމުގައި މިހާރު ގެންގުޅޭ ގޮތްތަކަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ސަރުކާރުގައި މަސައްކަތްކުރާނެ ޑޮކްޓަރުން ތަމްރީނު ކުރެވޭނެ ގޮތްތަކީ ކޮބައިތޯ ބަލަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހެލްތު މިނިސްޓްރީ ހިންގުމަށް މުވައްޒަފުންނަށް ދޭން ޖެހޭ ތަމްރީންތައް ދިނުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި ސިއްހީ ދާއިރާ އަށް ސަރުކާރުން ހަރަދުކުރާ މިންވަރު މިހާރަށް ވުރެ އިތުރު ކުރުމަށް އެމަނިކުފާނު މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

އޭގެ އިތުރުން ހެލްތު މިނިސްޓްރީގެ މާސްޓާ ޕްލޭނުގައި ސަރުކާރުގެ މެނިފެސްޓޯގެ ކަންކަން ހިމެނުއްވަން ޖެހިވަޑައިގަންނަވާ ކަމަށާއި މާސްޓާ ޕްލޭން ކޮންމެ ގޮތަކަށް ފަރުމާކުރި ނަމަވެސް ސަރުކާރުގެ މެނިފެސްޓޯގައިވާ ގޮތަށް ނޫނީ މިނިސްޓްރީގެ މަސައްކަތްތައް ހިނގަމުން ނުދާނެ ކަމަށެވެ. ހަމަ އެހެންމެ ސިއްހީ ކަންކަމަށް ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށާއި ސިއްހީ ދުޅަހެޔޮކަން އިތުރުކުރުން މާސްޓާ ޕްލޭންގައި ހިމެނުއްވުމަށް ނާޒިމް ވަނީ އެދިވަޑައިގެންފަ އެވެ. އަދި މާލެ އާއި މާލެ ކައިރީގެ ރަށްތަކުގައި ދެމުންދާ ސިއްހީ ހިދުމަތާއި މާލެ އާއި ދުރު ރަށްތަކުގައި ދެމުންދާ ސިއްހީ ހިދުމަތުގެ ފެންވަރު އެއް ހަމައަކަށް ގެނެސްދިނުން މާސްޓާ ޕްލޭންގައި ހިމެނުއްވަން އެމަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ.
ސިއްހީ ދާއިރާ ހިންގުމާ ގުޅޭ 'މާސްޓާ ޕްލޭން' ތައްޔާރު ކުރުމަށް މިއަދު ހެނދުނު ނަސަންދުރާ ޕެލަސް ހޮޓެލްގައި ފެށި ސެމިނާގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"ސަރުކާރުން މި ވަނީ ކުރިއަށް އޮތް ފަސް އަހަރަށް މެނިފެސްޓޯއެއް އެކުލަވާލާފައި. މި މެނިފެސްޓޯއަކީ ހަމަގައިމު ވެސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިޕްލޭންގެ ތެރޭގައި އިންކޯޕަރޭޓް ކުރެވެން ޖެހޭނެ އެއްޗެއް. ހެލްތު ދާއިރާގެ ބޭފުޅުން ކިތަންމެ ވަރަކަށް އެވެނި ގޮތަކަށް މިވެނި ގޮތަކަށް ކަންކަން ކުރާ ވާހަކަ ވިދާޅުވިއަސް އަޅުގަނޑުމެންގެ މި މެނިފެސްޓޯގައިވާ ގޮތަށް މެނުވީ ކަންކަން ނުދާނެ،" ނާޒިމް ވިދާޅުވި އެވެ.

ރާއްޖޭގައި ތަހްލީލު ކުރެވޭ މިންވަރު ވަރަށް ކުޑަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި ފެތުރޭ ބަލިތަކުގެ ފަރުވާ ހޯދަން ފެށުމުގެ ކުރިން ބަލި ތަހުލީލު ކުރުމަށް ރާއްޖޭގައި "ޑައިގްނޯސިސް ސެންޓަރެއް" އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާ ގުޅިގެން ހެލްތު މިނިސްޓްރީން އެކުލަވާލާ މާސްޓާ ޕްލޭނަކީ 10 އަހަރު ދުވަހަކަށް އަމާޒުކޮށްގެން އެކުލަވާ މާސްޓާ ޕްލޭނެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު