ލީބިޔާ، ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުގެ އަތްދަށަށް

ޓްރިޕޮލީ (ސެޕްޓެމްބަރ 2) : ލީބިޔާގައި ވެރިކަން ކުރަމުން ގެންދަނީ ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށް އެގައުމުގެ ވަގުތީ ބޮޑުވަޒީރު އަބްދުﷲ އައްޘަނީ ވިދާޅުވެއްޖެ އެވެ.

އައްޘަނީ ވިދާޅުވީ ލީބިޔާ ސަރުކާރުގެ ގިނަ ވުޒާރާތަކާއި އޮފީސްތައް ކޮންޓްރޯލް ކުރަނީ ވާދަވެރި ހަނގުރާމަވެރި ޖަމާއަތްތަކުން ކަމަށާއި ލީބިޔާ ސަރުކާރާއި ދައުލަތުގެ ކޮންޓްރޯލް އެގައުމުގެ މުއައްސަސާތަކަށް ނެތްކަމުގަ އެވެ. ލީބިޔާގެ އިޚްވާން ފިކުރަށް ނިސްބަތްވާ ހަތިޔާރުއެޅި ޖަމާއަތަކުން އިއްޔެ ވަނީ ޓްރިޕޮލީގައި ހުންނަ އެމެރިކާ އެމްބަސީ ހިފައި އެތައް ބައެއް ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ.

މީގެ ދެމަހެއްހާ ދުވަސްކުރިން އެމެރިކާ ސަރުކާރުން ވަނީ ލީބިޔާގައި ހުންނަ އެމެރިކާގެ ސަފީރާއި ޑިޕްލޮމޭޓުން އަނބުރައި ގައުމަށް ގެންގޮސްފަ އެވެ. ލީބިޔާގެ ވެރިރަށް ޓްރިޕޮލީ މިހާރު ކޮންޓްރޯލް ކުރަމުން ގެންދަނީ ފަޖްރު ލީބިޔާގެ ނަމުން ނަންދީފައިވާ އިސްލާމީ ފިކުރުގެ މިލީޝިޔާއަކުން ނަމަވެސް ލީބިޔާގެ އިރުމަތީ ބައެއް ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ އިލްމާނީ ފިކުރުގެ ކުރީގެ ޖެނެރަލެއް ކަމަށްވާ ޚަލީފާ ޚަފްތަރުގެ ޖަމާއަތުންނެވެ.

މީގެ އިތުރުން ލީބިޔާގެ ދެކުނުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ހަތިޔާރުއެޅި އެހެން ޖަމާއަތްތަކުންނެވެ. ލީބިޔާގައި ދެ ޕާލަމެންޓަކާއި ދެ ސަރުކާރެއް މިހާރު އޮވެ އެވެ. އެއް ޕާލަމެމްޓަކީ މުއްދަތު ހަމަވިނަމަވެސް ބާރުތައް ދޫނުކޮށް އޮތް ޕާލަމެންޓެކެވެ. އަނެއް ޕާލަމެންޓަކީ އަލަށް އިންތިޚާބުކުރި ޕާލަމެންޓެވެ. އައު ޕާލަމެންޓްގެ މެންބަރުން ގުޅިފައި ވަނީ ބޭރުގެ ފަރާތްތަކާ އެވެ. އައު ޕާލަމެންޓާ ގުޅިގެން ލީބިޔާ އަށް ވަންނަމުންދާ ބޭރުގެ ފަރާތްތަކުގެ ތެރޭގައި މިސްރާއި ޔޫއޭއީ ހިމެނެ އެވެ. މިދެގައުމުން ލީބިޔާ އަށް ވަންނަނީ އެމެރިކާ އަޑީގައި އޮވެގެންކަމަށް ވަނީ ބެލެވިފަ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު