އިސްރާއީލުން އަނިޔާވެރިކަން ހުއްޓާލައި ޣައްޒާގެ ޙިސާރު ނައްތާލަންޖެހޭ: ތުރުކީ

ޣައްޒާ (ސެޕްޓެމްބަރ 2) : އިސްރާއީލުން ހިންގަމުން ގެންދާ އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހަރުކަށި އަމަލުތައް ހުއްޓާލައި ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމުން ނޫނީ ތުރުކީން އިސްރާއީލާ އެކު ގުޅުންތައް ގާއިމު ނުކުރާނެ ކަމަށް އެގައުމުގެ އައު ބޮޑުވަޒީރު އަހްމަދު ދާވޫދު އޮގްލޯ ވިދާޅުވެއްޖެ އެވެ.

ތުރުކީގެ ޕާލަމެންޓްގައި ވާހަކަ ދައްކަވަމުން އޮގްލޯ ވިދާޅުވީ އިސްރާއީލުން އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް ބައިނަލްއަގްވާމީ ގާނޫނަށް ބޯލަނބަން ޖެހޭ ކަމަށާއި އަދި ފަލަސްތީނުގެ ހިފާފައިވާ ބިންތަކުން ފާބައި އެބިންތަކުގައި ފަލަސްތީނުގެ މިނިވަން މުސްތަގިއްލު ދައުލަތެއް ގާއިމްކުރުމުގެ ފުރްސަތު އިސްރާއީލުން ދޭންޖެހޭކަމުގަ އެވެ.

ތުރުކީގެ މުސްތަގްބަލާބެހޭ ގޮތުންނާއި ޚާރިޖީ ސިޔާސަތާ ބެހޭ ގޮތުން އޮގްލޯ ވިދާޅުވީ މިހާރު މިއީ އައު ތުރުކީއެއް ކަމުގަ އެވެ. މި އައު ތުރުކީއަކީ މިނިވަންކަމާއި އަދްލު އިންސާފު ފުރިހަމަ ގޮތުގައި ގާއިމްކުރާ އަދި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ތަރައްގީވެފައިވާ މުއްސަނދި ތުރުކީއެއްކަމަށް ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ތުރުކީ އަށް ޔޫރަޕްގެ އިއްތިޙާދުގެ މެންބަރުކަން ހޯދުމަށް މަސައްކަތް ކުރުމަކީ ވެސް އޭނާގެ ސަރުކާރުގެ އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި ތުރުކީގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ ދުނިޔޭގައި ސުލްހަ ގާއިމް ކުރުމާއި އަނިޔާވެރި ބާރުތަކާ ދެކޮޅަށް ތެދުވުމާއި އަނިޔާ ލިބެމުންދާ ނިކަމެތިންނަށް އެހީވުމުގެ މައްޗަށް ކަމަށް އޮގްލޯ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި ތުރުކީގެ ޖުމްހޫރިއްޔާގެ ރައީސްކަމުގެ ގާނޫނީ ހުވާ ކުރެއްވުމަށް ފަހު ރައްޔިތުންނާ މުޚާތަބު ކުރައްވައި ދެއްވި ޚިތާބުގައި ތުރުކީގެ އައު ރައީސް ރަޖަބް ތައްޔިބު އުރުދުޣާންވަނީ މުޅިން އައު ތުރުކީއެއް (އަނެއް ތުރުކީ) އުފަންވެގެން ހިނގައްޖެކަން އިޢުލާން ކުރައްވާފަ އެވެ. އުރުދުޣާން ތުރުކީގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމުގެ އެއް ދުވަސްކުރިން، އޭނާގެ އިސްލާމީ ފިކުރުގެ ޕާޓީ ކަމަށްވާ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީގެ ޒައީމް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމުން އެޕާޓީގެ ކޮންގްރެސް ބާއްވައި އަހްމަދު ދާވޫދު އޮގްލޯއާވަނީ ޖަސްޓިސް ޕާޓީގެ ޒަޢީމް ކަމުގެ މަގާމަށް އިންތިޚާބުކޮށްފަ އެވެ.

އަޙްމަދު ދާއޫދު އޮގްލޯއަކީ 2002 ވަނަ އަހަރު އުރުދުޣާން ބޮޑުވަޒީރުކަމާ ހަވާލުވެ ވަޑައިގެންނެވުމާ އެކު އޭނާގެ މުސްތަޝާރަކަށް ޢައްޔަންކުރެއްވި އިސްލާމީ ފިކުރާއި ވިސްނުމުގެ ޝަޚްސިއްޔަތެކެވެ. ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން އޮގްލޯ އުޅުއްވީ ޕްރޮފެސަރެއްގެ ގޮތުގައި ޔުނިވަރސިޓީތަކުގައި ކިޔަވައި ދެއްވުމަށާއި ރީސާޗް ކުރެއްވުމަށެވެ. އޮގްލޯގެ ބޮޑުވަޒީރުކަމުގައި ތުރުކީގެ ސިޔާސަތުތަކަށް ބަދަލުތައް ނާންނަކަން އޭނާ ޕާލަމެންޓްގައި އިއްޔެ ދެއްވި ތަގްރީރުން ވަނީ ހާމަވެގެންގޮސްފައި ކަމަށް މުރާސިލުން ބުނެ އެވެ.

އުރުދުޣާންގެ ބޮޑުވަޒީރު ކަމުގައި ތުރުކީގެ އާންމު ޙަޔާތަށް އިސްލާމީ ސިފަތައް އަލުން އަނބުރައި ގެނަސް ތުރުކީގެ 70 އަހަރުވީ ލާދީނީ މޫނުމަތި އިސްލާމީ މޫނުމައްޗަކަށް ވަނީ ބަދަލުކޮށްލައްވާފަ އެވެ. އަދި އުރުދުޣާންގެ ބޮޑުވަޒީރުކަމުގައި ޖުމްހޫރިއްޔާގެ ބާނީ އަދި އެގައުމުގެ ލާދީނީ ފިކުރުގެ މުއައްސިސް މުސްތަފާ ކަމާލް ޕާޝާގެ ލާދީނީ ފިކުރުތަކާ ދުރަށް ތުރުކީ ގެންގޮސް ޒަމާނުއްސުރެ ތުރުކީގައި އޮތް ސިފައިންގެ ޖެނެރަލުންގެ ސިޔާސީ ކަންތައްތަކަށް އަތްގަދަ ކުރުމުގެ ސަގާފަތު ވެސް މުޅިން ބަދަލުކޮށް ސިފައިންގެ މުއައްސަސާއާއި ޖެނެރަލުން ވަނީ އެމީހުންގެ ސައިޒަށް ތިރިކުރައްވާފަ އެވެ. އަދި އެމެރިކާ އަށް ބަރޯސާކުރާ ގޮތަށް އޮތް ތުރުކީގެ ޚާރިޖީ ސިޔާސަތު ވެސް އުރުދުޣާން ވަނީ މުސްތަގިއްލު އަދި އިސްލާމީ ދުނިޔެއާ ގާތްވުމުގެ ސިޔާސަތަކަށް ހައްދަވާފަ އެވެ. މިކަމުގެ މޭސްތިރިއަކީ އޮގްލޯކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީގެ އިތުރުން ތުރުކީގެ އިގްތިސާދު ވަރަށްބޮޑަށް ރަނގަނޅުކޮށް އިންފްރާސްޓްރަކްޗާ ވަރުގަދަ ޒަމާނީ މުއްސަނދި ގައުމަކަށް ތުރުކީ ހަދައި ލާދީނީ މީހުންނާއި ޖެނެރަލުންގެ ވެރިކަމުގައި ތުރުކީން ގެއްލިގެން ދިޔަ ޑިމޮކްރަސީގެ އުސޫލުތައް ވެސް އުރުދުޣާންގެ ވެރިކަމުގައި އަލުން އަނބުރައި ތުރުކީއަށް ވަނީ ގެނަސްދެއްވާފަ އެވެ. އުރުދުޣާންގެ މިކާމިޔާބީގައި އޭނާގެ ފަހަތުން އެންމެ ބޮޑު ދައުރެއް އަދާކުރައްވާފައިވަނީ އައު ބޮޑުވަޒިރު އަޙްމަދު ދާއޫދު އޮގްލޯ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު