މިނިވަން 50 އަށް ހުނަރުވެރިންގެ ބޮޑެތި ހުށަހެޅުންތަކެއް

ރާއްޖޭގެ މިނިވަން ކަމަށް އަންނަ އަހަރު 50 އަހަރު ފުރޭތީ އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކާއި ވަކި ވަކި ފަރުދުން ހުނަރުވެރި ގިނަ ކަންތައްތަކެއް ކުރުމަށް ބޮޑެތި ހުށަހެޅުންތަކެއް ހުށަހަޅައިފި އެވެ.

އަންނަ އަހަރު މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބާގައި ހިންގާނެ ހަރަކާތްތަކެއް ކަނޑައެޅުމަށް އާއްމުންގެ ހިޔާލު ހޯދުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ފޯރަމްގައި ހުށަހެޅި ބޮޑު އެއް ހުށަހެޅުމަކީ ޕޯޗްގީޒުން ރާއްޖެއާ ހަނގުރާމަ ކުރަން ބޭނުން ކުރި ވައްތަރުގެ ނަވެއްގެ އަސްލު ސައިޒުގެ ނަމޫނާއެއް ހަދައި ދާރުލް އާސާރުގައި ބެހެއްޓުން ހިމެނެއެވެ.

ހޯމް މިނިސްޓަރް އުމަރު ނަސީރު ރިޔާސަތު ބެލެހެއްޓެވި ފޯރަމްގައި މޯލްޑިވްސް މެރިޓައިމް އަންޑަ ވޯޓާ ހެރިޓޭޖް ނަމަކަށް ކިޔާ ޖަމިއްޔާއަކުން ހުށަހެޅި ޕްރޮޕޯސަލްގައި ވަނީ ޕޯޗުގީޒުން ރާއްޖެއާ ހަނގުރާމަ ކުރަން ބޭނުން ކުރި ނަވުތަކުގެ އަސްލު ސައިޒާއި އޭގެ ހުރިހާ ސިފަތަކަކާ އެކު ނަމޫނާއެއް ހަދައި ދާރުލް އާސާރުގައި ބޭއްވުމަށާއި އޭގެ އެތެރެއިން ތްރީޑީކޮށް އެ ހަނގުރާމަ ފެންނަ ގޮތަށް އިންތިޒާމް ކުރުމެވެ. އެ ޖަމިއްޔާއިން ބުނީ އޭގެ ބޭނުމަކީ ރާއްޖެ އަޅުވެތި ކުރި އިރު އަދި އޭގެ ފަހުން އެ މީހުން ބަލިވެ، ރާއްޖެ މިނިވަންވީ އިރު ޕޯޗުގީޒުންނަކީ ކިހާ ވަރުގަދަ ބާރެއްކަން ހާމަވާފަދަ ކަމެއް ކުރުން ކަމަށެވެ. އަދި ބުނީ އެއީ ރާއްޖޭގެ ރައްޔިތުންގެ އިތުރުން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ފަތުރުވެރިވާނެ އެއްޗެއް ކަމަށް ދެކޭ ކަމަށެވެ.

އެ ހުށަހެޅުމަށް ޚިޔާލު ފާޅު ކުރައްވަމުން މިނިސްޓަރް އުމަރު ވިދާޅުވީ ޕޯޗްގީޒުންގެ ނަވުގެ ރެޕްލިކާގެ އިތުރުން ކަޅުއޮށްފުންމީގެ ރެޕްލިކާއަކާއެކު ސެޓަޕް ހެދުން ރަނގަޅު ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވޭނެތޯ އުމަރު ސުވާލު ކުރެއްވިއެވެ.

ފޯރަމްގައި ހުށަހެޅި އިތުރު ކަންތައްތަކުގެ ތެރޭގައި މިނިވަން 50 ގެ ވެބްސައިޓެއް ހެދުމާއި ރާއްޖޭގެ ބަތަލުންގެ ވާހަކަތައް ދައްކުވައިދޭ ކާޓޫން ސިލްސިލާއެއް އުފެއްދުމާއި މުޅި ރާއްޖެ ގައުމީ ކުލަތަކުން ދިއްލުމަށް ހުށަހެޅި ހުށަހެޅުމެއް ހިމެނެ އެވެ.

ފޯރަމް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އާއްމުން ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހަތް އައިޓަމެއް ނަގައި، އެ ހަތް އައިޓަމަށް ސަރުކާރުން ހަރަދު ކޮށްދޭން ނިންމާފައިވާ ކަމަށެވެ. އެގޮތުން ފަންޑު ކޮށްދޭނެ އައިޓަމްތައް ކަނޑައަޅާނީ މިނިވަން 50 ފާހަގަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނު އުފައްދަވާފައިވާ މިނިސްޓީރިއަލް ކޮމިޓީއަކުން ކަމަށް ވެސް ވިދާޅުވި އެވެ.

"...އަޅުގަނޑުމެންނަށް ހޮވައިލެވޭ، ޝޯޓްލިސްޓް ކުރެވޭ އެއްޗެހިތަކެއް، އަޅުގަނޑުމެން މިތާ މި ތިއްބެވި މިނިސްޓީރިއަލް ކޮމެޓީގެ ބޭފުޅުން، އެއީ އަޅުގަނޑާ ދުންޔާ މައުމޫނު އަދި އަމީނު، އަޅުގަނޑުމެން ޝޯޓް ލިސްޓްކޮށްފައި، މިކަމާ ބެހޭ މިނިސްޓީރިއަލް ކޮމެޓީއެއް އޮންނާނެ، އެއީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައި އޮންނަ ކޮމެޓީއެއް. އެ ކޮމެޓީއަށް ގެންގޮސް، އަޅުގަނޑުމެން މިހާރު ގަސްދުކޮށްފައި އޮތީ އަމިއްލަ ފަރާތަކުން ހަތް އައިޓަމް އަޅުގަނޑުމެން ނަގާނަން، އަދި އަޅުގަނޑުމެން ފަންޑުކޮށްދީގެން އެ ހަތް އައިޓަމް މިއަންނަ އަހަރުގެ ޕްރޮގްރާމް ތެރޭގައި ހިމަނާނަން،" އުމަރު ވިދާޅުވި އެވެ.

އުމަރު އަދި ވިދާޅުވީ މިނިވަން 25 ވެސް ވަރަށް ކުލަ ގަދަކޮށް ފާހަގަ ކޮށްފައިވާ ފަދައިން މިނިވަން 50 ވެސް ފާހަގަ ކުރާނީ ވަރަށް ކުލަގަދަކޮށް، އަލި ގަދަކޮށް އަދި އަޑުގަދަކޮށް ކަމަށެވެ.

"...މިނިވަން 25 ގެ ހަރަކާތްތައް ވެސް ވަރަށް ކުލަގަދަކޮށް، އަލިގަދަކޮށް ދިޔަ. އިރާދަކުރެއްވިއްޔާ މިފަހަރުގެ އަމާޒަކީ މިނިވަން 50 ގެ ހަރަކާތްތައް ކުރީ ފަހަރަށް ވުރެ ވެސް މާ ކުލަގަދަކޮށް އަލިގަދަކޮށް އަދި އަޑުގަދަކޮށް ގެންދިއުން،" އޭނާ ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު