ހައްޖަށް ތައްޔާރުވާން ހައްޖާޖީންނަށް ތަމްރީން ޕްރޮގްރާމެއް ފަށައިފި

ހައްޖު ކޯޕަރޭޝަންގެ ފަރާތުން މިއަހަރު ހައްޖަށް ދާ ހައްޖުވެރިންނަށް ހާއްސަ ތަމްރީން ޕްރޮގްރާމްތަކެއް ފަށައިފި އެވެ.

ހައްޖަށް ތައްޔާރުވާނެ ގޮތާއި ހައްޖުގެ އަޅުކަން އަދާ ކުރާނެ ގޮތް ދަސްކޮށްދިނުމުގެ އިތުރުން ސިއްހީ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ބާއްވާ އެ ޕްރޮގްރާމް ފައްޓަވައި ދެއްވީ މިރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރު ޝެއިހް މުހައްމަދު ރަޝީދު އިބްރާހީމެވެ.

މިރޭގެ ރަސްމިއްޔާތުގައި، ތުރުކީގެ ރައީސް ކަމުގެ ހުވާ އެގައުުގެ ކުރީގެ ބޮޑުވަޒީރު، ރަޖަބު ތޮއްޔިބު އުރުދުޣާން ކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އަބްދުﷲ ޔާމީންގެ މަންދޫބެއްގެ ގޮތުގައި ތުރުކީއަށް ވަޑައިގެން އުޅުއްވާ، އިސްލާމިކް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް ޢަލީ ސަޢީދުގެ ފަރާތުން ހިތާބެއް ވެސް އިއްވާފައިވެ އެވެ. ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމުގެ ފަރާތުން ހިތާބު އިއްވައިދެއްވީ އިސްލާމިކް މިނިސްޓަރުގެ ޑެޕިއުޓީ މިނިސްޓަރު އަލީ ވަހީދެވެ.

މިނިސްޓަރުގެ ހިތާބުގައި ވިދާޅުވެފައި ވަނީ، ހައްޖު ކޯޕަރޭޝަންގެ ސަބަބުން ހެޔޮ އަގެއްގައި ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަންދެވި، ހައްޖާއި އުމްރާގެ ފައިސާ ދައްކާ ފަރާތްތަކުގެ ފައިސާ އަށް އަމާނާތްތެރިކަމާއެކު ބަލަހައްޓާ ދިނުމުގެ އިތުރުން އެ ފައިސާއިން ޝަރީއާ ގަބޫލުކުރާ ހަލާލް އިންވެސްޓްމަންޓެއް ކޮށްގެން ފައިސާ ބެހެއްޓި ފަރާތަށް ހަލާލު ފައިދާއެއް ހޯދައިދޭނެ ކަމަށެވެ.

ހައްޖު ކޯޕަރޭޝަން ވުޖޫދަށް ގެނައި ދުވަސްވަރު ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ކަމަށް އިޝާރާތް ކުރައްވައި މިނިސްޓަރުގެ ހިތާބުގައި ވިދާޅުވީ، ހައްޖު ހިދުމަތް ދިނުމުގެ މާކެޓުގައި އުޅުނު ބައެއް ފަރާތްތަކުގެ ހިތްހަމަޖެހުން ހިމެނޭ ކަމަށެވެ. އަދި އެ ހިތްހަމަނުޖެހުމާ އެކުވެސް ގިނަ ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިއަދު ފެށި ތަމްރީން ޕްރޮގްރާމާ ގުޅޭ ގޮތުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމިން އިދުރީސް "ސަން" އަށް ވިދާޅުވީ، ހައްޖަށް ފުރުމުގެ ކުރިން، އެފަދަ ދެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު ވެސް ހައްޖަށް ގެންދިއުމަށް ލިބޭ ކޯޓާގެ 50 ޕަސެންޓް ހައްޖު ކޯޕަރޭޝަނަށް ލިބިފައިވާއިރު، މިއަހަރު ހައްޖު ކޯޕަރޭޝަންގެ ފަރާތުން 500 މީހުން ހައްޖަށްދާނެ އެވެ.

އޭގެ ތެރޭގައި ހައްޖުގެ އަޅުުކަމާމެދު އުފެދޭ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ދީނީ އިލްމުވެރިންނާއި ދިވެހި ޑޮކްޓަރެއް ހިމެނޭ ގޮތަށް އަށް ސިއްހީ ތަޖުރިބާކާރުންގެ ޓީމެއް ހިމެނެ އެވެ. އަދި ހައްޖުވެރިންގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކާ ފުލުހުންނާއި ސިފައިންގެ ކޮންމެ ވުޒާރާއަކުން ހަތް އޮފިސަރުން މިއަހަރު ހައްޖަށް ގެންދާނެ އެވެ.

ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށްދާ މީހުން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 11 އަދި 12 ގައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު