"ހަޓުތައް" ރޫޅާލުމަކީ ހައްލެއް ނޫން: ރައީސް ޔާމީން

އެކުގައި އުޅޭ ޒުވާނުންތަކެއް އެއްވެ އުޅެން ހަދާފައިވާ "ހަޓް" ފަދަ ތަންތަން ރޫޅާލުމަކީ މުޖުތަމައުތެރޭގައި މިހާރު ހިނގަމުންދާ އެކިއެކި ކުށްތައް ހުއްޓުވުމަށް އޮތް ހައްލެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކުޑަހެންވޭރުގައި އެސްޓީއޯއިން ހަދާފައިވާ "ކޭއެޗް ސްޓްރީޓް" ޓާފް ދަނޑު ހުޅުވުމަށް އެތަނުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާލޭގައި ޒުވާނުން އެއްވެ އުޅެން ހަދާފައިވާ ހަޓް ފަދަ ތަންތަން ނައްތާލުމަށް މީގެ ދުވަސްކޮޅެއް ކުރިން ސަރުކާރުން ފެށި މަސައްކަތް މިހާރު ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

"... ރަނގަޅު ވިސްނުމެއްގެ ތެރެއިން ވިސްނާފައި ބައެއްކަހަލަ ކަންތައްތައް މިދޭތެރެއަކުން ކުރެވިގެން ދިޔައީ. އެހެން ނަމަވެސް މުޅި މައްސަލަ ދިރާސާކޮށްފައި އެކަމަށް ހައްލެއް ހޯދެންދެން، އަޅުގަނޑުމެންގެ ސަރުކާރުން މިހާރު މިވަނީ ނިންމާފައި އެކަންކަން އިތުރަށް ކުރިއަށް ނުގެންދަން. އެންމެ އާދައިގެ ބަހުރުވައިން ކަމަށް ވަންޏާ ހަޓުތައް ރޫޅާލުމުގެ މަސައްކަތްތަކެއް މިދޭތެރެއަކުން ފެށިގެން ދިޔައީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން، ހަޓުތަކާއި އެފަދަ ތަންތަން ރޫޅާލުމުގެ މަސްކަތް ފެށީ ވަރަށް ރަނގަޅު މަގުސަދެއްގައި ކަމަށެވެ. އެހެން ނަމަވެސް "އެކަމަކުން އެކަނި މި ހައްލުކުރަން އުޅޭ މައްސަލަ ހައްލު ނުވާކަމަށް" ސަރުކާރަށް ގަބޫލު ކުރެވޭތީ މިވަގުތަށް އެ މަސައްކަތް ހުއްޓަލީ ކަމަށެވެ.

"މިގޮތަށް އެކުގައި އުޅޭ ކުދިންތައް ޖަމާވާ ކޮންމެ ފަހަރަކު، އަޅުގަނޑު ހަމަ ގައިމުވެސް ގަބޫލެއް ނުކުރަން މިވަގުތު މި ހަވާލުވެހުރި މަގާމުގެ ހައިސިއްޔަތުން ވެސް ދަންނަވާ ވާހަކައެއް. އަޅުގަނޑެއް ހަމަ ގައިމުވެސް ގަބޫލެއް ނުކުރަން މިކަހަލަ ހުރިހާ ފަހަރެއްގައި ގޯސްތަކެއް ހިންގާނޭ ކަމަކަށް. އެހެންވީމަ މިއަށްވުރެ ޕޮޒިޓިވްލީ އަޅުގަނޑުމެންގެ ސައިޑުން ވެސް އެބަ އެންގޭޖް ވާންޖެހޭ މިކަހަލަ ކަންކަމާ،" ރައީސް ވިދާޅުވި އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ހަދާފައިވާ ހަޓުތަކުގައި ޖިނާއީ ކުށްތަކަށް މަގުފަހިވާ ފަދަ ކަންކަން ހިންގަމުންދާކަން ފާހަގަކުރެވޭ ކަމަށް ބުނެ މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުލުހުން ފުލުހުން ނުކުމެ އެފަދަ ތަންތަން ނައްތާލުމުގެ މަސައްކަތް ފެށި ނަމަވެސް ފަހުން އެ މަސްކަތް ވަނީ މެދުކަނޑާލައިފަ އެވެ. ރައީސް ވިދާޅުވީ ހަޓުތައް ރޫޅާލުމުގެ މަސައްކަތް ހުއްޓާލީ ހޯމްމިނިސްޓަރު އުމަރު ނަސީރުގެ ވެސް އެއްބަސްވެވަޑައިގަތުމާ އެކު މުޅި މައްސަލަ އެއްކޮށް ދިރާސާކޮށް ނިމެންދެން ކަމަށެވެ.

ކުޅިވަރަކީ ވަކި ފަންތިއަކަށް ވަކި ގިންތިއަކަށް ނުވަތަ ވަކި އުމުރަކަށް ޚާއްސަ ކަންތައްތަކެއް ނޫންކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ، ޒުވާނުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަފީރުންތަކެއްގެ ގޮތުގައި މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ދާއިރާގައި މަސައްކަތް ކުރައްވާ އެހެނިހެން ފަރާތްތަކުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ، މިރޭ ހުޅުވިގެންދިޔަ ހެންވޭރު ޓާފް ދަނޑުފަދަ ވަސީލަތްތަކަކީ، ޒުވާނުން ރަނގަޅު ގޮތުގައި ވަގުތުތައް ހޭދަކުރުމަށް ގާއިމް ކޮށްދެވިދާނެ ވަސީލަތްތަކެއް ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގެ ސަބަބުން ގާނޫނު ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް އެފަރާތްތަކުގެ މަސައްކަތްތައް ވަރަށް ބޮޑަށް ލުއިވެގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަހަލަ އެހެން ފެސިލިޓީތައް އަޅުގަނޑުމެން ގިނަ ކުރަން މިކުރާ މަސައްކަތްތަކަކީ ވެސް ހަމަ މިދެންނެވި ގޮތަށް މިކަންކަން ހައްލުކުރަން ކުރެވޭ މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންގެ ވަގުތުތައް ރަނގަޅު ގޮތުގައި ހޭދަކުރުމަށް މަގު ފަހިކުރުވުމުގެ ގޮތުން މިމަހުގެ ތެރޭގައި އަތޮޅުތެރޭގައި 10 ފުޓްސަލް ދަނޑު ބިނާކުރެވޭނޭ ކަމަށް ވެސް ރައީސް ޔާމިނު ވިދާޅުވި އެވެ. ސަރުކާރުން ކުރަމުން އަންނަ މިފަދަ މަސައްކަތްތަކުގައި އެންމެހައި ރައްޔިތުން ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

ރައީސް ވިދާޅުވީ، ހިތްހަމަ ނުޖެހޭކޮންމެ ފަހަރަކު އަޅުގަނޑުމެންގެ "ނެގެޓިވް އެނާޖީ" ބޭރުކޮށްލުމަކީ ކަންކަން ހައްލުވެގެންދާނޭ ކަމެއް ނޫންކަމަށެވެ. އަދި އެގޮތަށް ބަދަލުހިފުމުގެ ރޫހުގައި ކުރެވޭ ކަންތައްތަކުން އެއަށްވުރެ ނުރައްކާތެރި ކަންތައްތަކެއް އަޅުގަނޑުމެންގެ ތެރެއަށް އަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު