މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ބައްދަލުވެއް ބާއްވަން އެމްޑީޕީން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ބަންދުން ދޫކޮށްލި މައްސަލައާ ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އެމްޑީޕީން ހުށަހަޅައިފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތިން މެމްބަރަކު ސޮއިކުރައްވައި މަޖިލީހަށް ފޮނުވި ސިޓީގައި އަލްހާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލް މިހާތަނަށް އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ނުވާތީކަން މީޑިއާގެ ރިޕޯޓުތަކުން އެނގޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެލުމަކީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށް ވެސް އެ ސިޓީގައިވެ އެވެ.

އެ މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އާއި އެނޫން ވެސް ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުމަށް ކޮމެޓީ އަށް ހާޒިރުކުރެވޭނެ ފަދަ ގޮތަކަށް ވީއެންމެ އަވަހަކަށް ބާއްވައި ދިނުމަށް ވަނީ އެދިފަ އެވެ.

".... މި މައްސަލައާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލް އާއި އަދި އެނޫންވެސް ދައުލަތުގެ ކަމާ ބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ކޮމެޓީއަށް ހާޒިރުކޮށްދެވޭނޭ ގޮތަށް މިނިވަންމުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމެއް ވެވަޑައިގަތް އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބާއްވައި ދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން ތިން މެމްބަރުން ސޮއިކޮށް މި މައްސަލަ ހުށަހަޅަމެވެ،" އެ ސިޓީގައި ވެއެވެ.

ކޮމެޓީ ބައްދަލުވުން ބާއްވަން އެދިފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. އެ މާއްދާގައި ބުނެފައި ވަނީ އެފަދަ ހުށަހެޅުމެއް ހުށަހަޅާތާ ތިން ދުވަހުގެ ތެރޭގައި ކޮމިޓީގެ ބައްދަލުވުމެއް ނުބާއްވައިފިކަމަށްވާ ނަމަ، އެ ކޮމިޓީގެ އަޣުލަބިއްޔަތުކަމަށް ބެލެވޭ އަދަދަށް ނިސްބަތްވާ މެންބަރުން ގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނޯޓިސް ދެވިދާނެ ކަމަށެވެ.

އެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން އެދި ފޮނުވި ސިޓީގައި ސޮއިކޮށްފައި ވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު