އެންމެ ފުލުހަކު ކުރާ ކަމަކުން ވެސް މުޅި މުއައްސަސާގެ މަގުބޫލުކަން ކެނޑިގެން ހިނގައިދާނެ: ކޮމިޝަނަރު

އެންމެ ފުލުހަކު ކުރާ ކަމެއްގެ ސަބަބުން ވެސް މުޅި މުއައްސަސާގެ މަގުބޫލުކަން ކެނޑިގެން ހިނގައިދާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތަކަށް ބަދަލު ކުރިތާ 10 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ވިދާޅުވީ އެންމެ ފުލުހެއްގެ ސަބަބުން މުޅި މުއައްސަސާގެ މަގުބޫލުކަން ކެނޑިގެން ހިނގައިދާނެ ކަމަށާއި ފުލުހުންގެ ކޮންމެ ފިޔަވަޅަކަށް ފާރަވެރިވާ ބަޔަކު އެބަތިބި ކަމަށެވެ.

"މިޔަދު ފުލުހުންގެ މަސައްކަތްތަކަށް ފާރަވެރިވާ އެތައް ބަޔަކު ތިބިކަން ހުރުހާ ފުލުހުން ގަބޫލު ކުރަން ޖެހޭ،" ހުސައިން ވަހީދު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވިގޮތުގައި ފުލުހުންގެ އަމަލު ތަކީ މިއަދު ފޮރުވޭނެ ކަންތައް ތަކެއް ނޫނެވެ. އެހެން ކަމުން ކޮންމެ ފުލުހަކީވެސް ގައުމަށާއި މުއައްސަސާއަށް އިޚްލާސްތެރި ޚިދުމަތެއް ދިނުމުގައި ދެމިހުންނަ ބަޔަކަށް ވާންޖެހޭ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

"ފުލުހަކު ކުރާ ގޯސް ކަމަކީ މިއަދު ފޮރުވޭނެ ކަންކަމެއް ނޫން. އެހެން ކަމުން ކޮންމެ ފުލުހަކީވެސް މިގައުމަށާއި މި މުއައްސަސާއަށް އިޚްލާސްތެރި އަދި ތެދުވެރި ޚިދުމަތެއް ދިނުމުގައި ދެމި ހުންނަ މީހަކަށް ވާން ޖެހޭނެ،" ކޮމިޝަނަރު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ ވިންދާ ގުޅިފައިވާ ތަނެއްކަން ފާހަގަކުރައްވަމުން ކޮމިޝަނަރު ވަނީ ކޮންމެ ކަމެއްގައިވެސް ރައްޔިތުން އެންމެ ފުރަތަމަ އެހީއަށް އެދޭ ތަނަކީ ފުލުހުންގެ މުއައްސަސާކަމުގައި ހެދުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

"ފުލުހުންގެ މުއައްސަސާ އަކީ ތިހުރިހާ ލޮބުވެތި ރައްޔިތުންގެ ހިތްހަމަ ޖެހުމާއި ވިންދާ ގުޅިފައިވާ މުއައްސަސާއަކަށް ވީހިނދު މި މުއައްސަސާއަށް ތިޔަބޭފުޅުން ކުރައްވާ އިތުބާރާ ޔަގީންކަން އަޅުގަނޑުމެން އުފަލާ އެކު ފާހަގަ ކުރަން. ހަމަ އެހެންމެ ތިޔަ ލޮބުވެތި ރައްޔިތުން އެންމެ ފުރަތަމަ އެހީއަށް އެދޭ ތަނަކީ ފުލުހުންގެ މުއައްސަސާކަމުގައި ހައްދަވާ،" ކޮމިޝަނަރު ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު