ކުޅުދުއްފުށްޓާއި ހިތަދޫ ޕޯޓް އެމްޕީއެލްގެ ދަށަށް ބަދަލު ކުރަން ނިންމައިފި

ސަރަހައްދީ ބަދަލުގެ ގޮތުގައި ރާއްޖޭގެ އުތުރާއި ދެކުނުގައި ބޭނުން ކުރާ އައްޑޫ ސިޓީ ހިތަދޫ ޕޯޓާއި ހދ. ކުޅުދުއްފުށީ ޕޯޓް، މޯލްޑިވްސް ޕޯޓް ލިމިޑެޓް (އެމްޕީއެލް)ގެ ދަށަށް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ހެންވޭރު "ޓާފް ދަނޑު" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އެމްޕީއެލްގެ ދަށަށް އެ ދެ ޕޯޓް ބަދަލު ކުރަން ނިންމީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ކަމަށެވެ.

އެމްޕީއެލްގެ ސަބްސިޑަރީ ދެ ކުންފުންޏަކުން ހިންގާ ކުޅުދުއްފުށީ ޕޯޓާއި ހިތަދޫ ޕޯޓުން ފައިދާއެއް ނުލިބޭ ކަމަށް ފާހަގަ ކުރައްވައި ރައީސް ރައީސް މިއަހަރުން ފެށިގެން އެ ދެ ޕޯޓް ހިންގާނީ އެމްޕީއެލްގެ މެނޭޖުމަންޓުގެ ދަށުން ކަމަށެވެ.

"އައްޑޫ އަތޮޅުގައި އޮންނަ ހިތަދޫ ޕޯޓް، ކުޅުދުއްފުށީގައި އޮންނަ ޕޯޓް. މިއީ ވަކި ދެ ކުންފުންޏަކުން ހިންގާ ދެ ޕޯޓް ގޮތަށް މި އޮންނަނީ. އޭގެ ޒާތުގައި އެ ތަންތަނަކީ ފައިދާ ލިބޭ ތަންތަނެއް ނޫން. މާލޭގައި މި އޮންނަ ޕޯޓްސް އޮތޯރިޓީ ސަބްސިޑައިޒްކޮށްގެން މި ހިންގަނީ. މި ސަރުކާރުން މި ނިންމީ ޒުވާނުންނަށް ވަޒީފާ ހޯދައި ދިނުމަށްޓަކައި މި ދެ ޕޯޓަކީ ވެސް މާލޭގައި މި އޮންނަ އެމްޕީއެލްގެ ޕޯޓުގެ މެނޭޖުމަންޓުގެ ތެރޭގައި ހިމެނޭ އަނެއް ދެ ޕޯޓުކަމަށް ހަދަން،" ރައީސް ޔާމިން ވިދާޅުވި އެވެ.

ރައީސް ޔާމިން ވިދާޅުވީ ހިތަދޫ އާއި ކުޅުދުއްފުށީ ޕޯޓު އެމްޕީއެލްގެ ދަށަށް ބަދަލުކޮށް، އެ ސަރަހައްދުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ކުރުމަށް އެ ކުންފުނިން މި އަހަރު މަސައްކަތްތަކެއް ފަށައިގަންނާނެ ކަމަށެވެ.

"އެމްޕީއެލުން ކުރާ އެ މަސައްކަތުގައި މިއަހަރު ފަށާނެ ޓޫ ސްޓާ، ނުވަތަ ތުރީ ސްޓާގެ އެކޮމަޑޭޝަން ފެސިލިޓީއެއް ހަދާނެ. އޭގެ ބޭނުމަކަށް މި ވަނީ، އެތަނުގެ ހުރިހާ މަސައްކަތެއް ހަވާލުވެގެން ދާނީ ރައްޔިތުންނަށް. އެތަނުގެ އެއްވެސް މަސައްކަތަކަށް ބޭރު މީހަކު ގެންނާކަށް ނޫން ހިޔާލުކޮށްފައި އޮތީކީ. މިއީ އޭގެ ޒާތުގައި ވަޒީފާ ނެތް ޒުވާނުންނަށް ވަޒީފާ އުފައްދައިދެވޭނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު