އަލްހާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލަށް ލައިފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ސ. ހިތަދޫ އުލްފާ މަންޒިލް މުހައްމަދު ނަސީމް އެހެން މައްސަލައެއްގައި ޖަލަށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރުމުގެ ކުށުގައި ނަސީމް ތިން އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުމަށްޓަކައި މޯލްޑިވްސް ކަރެންޝަނަލް ސާވިސްއާ އޭނާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ނަސީމްގެ މައްޗަށް ހުކުމްކޮށްފައިވާއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ވެސް އޭނާގެ މައްޗަށް ވަނީ ދައުވާއެއް އުފުލާފައެވެ.

ނަސީމާއެކު އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދިން ކަމަށް ތުހުމަތު ކުރެވެނީ ޏ. ފުވައްމުލަކު ޝައިނީ މުހައްމަދު ސިމާހު އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަލްހާނަށް ހަމަލާދިން މައްސަލަ އެ އޮފީހުން އަންނަނީ ދިރާސާ ކުރަމުން ކަމަށާއި އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށެވެ.

އަލްހާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ ދެ މީހުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައި ވަނީ، އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅިފައި އޮންނަތާ އެތަކެއް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައި ނުވާތީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު