ގާދޫ ކައުންސިލްގެ ކުރީގެ ރައީސްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ލ. ގާދޫ ކައުންސިލް އިދާރާގެ ލެޑާ ހެޑު ބޭނުންކުރައްވައިގެން އަމިއްލަ ކުންފުންޏަކަށް ސިޓީ ފޮނުވައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ކުންފުންނަށް ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ކައުންސިލްގެ ކުރީގެ ރައީސް އިބްރާހީމް އަހްމަދުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާދޫ ކައުންސިލުން ފާސްކުރުމެއް ނެތި އަދި އިދާރީ މުވައްޒަފުންނަށް ނޭގި، 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކައުންސިލްގެ ރައީސް އެތަނުގެ ލެޑާ ހެޑް ބޭނުންކުރައްވައިގެން އަމިއްލަ ކުންފުންޏަކަށް ސިޓީއެއް ފޮނުވާފައިވާކަން ތަހުގީގުން އެނގޭ ކަމަށެވެ.
އެ ސިޓީގައި ގާދޫ އާއި ފޮނަދޫއާ ދެމެދު ފާލަމަކުން ގުޅައިދޭ ފަރާތަކަށް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން އިންވެސްޓް ކުރުމަށް ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް، ގާދޫ އިން މީހޫން ނޫޅޭ ސަރަހައްދުން ބައެއް ދޭނެ ކަމަށް ބުނެފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އެރަށު ފަޅުތެރެއިން ވެސް ދެވެން އޮތް އެންމެ ބޮޑު މިނަކަށް އިންވެސްޓަރަށް ދޭނެ ކަމުގެ ޔަގީންކަން ގާދޫ ކައިންސިލުމް އަރުވާ ކަމަށާއި އެހެންކަމުން އެ މަސައްކަތް ކުރުމަށް އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވާ ކަމަށް ވެސް އޭސީސީގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ގާދޫ ކައުންސިލްގެ ހިންގާ ގަވާއިދުގައި ކައުންސިލުން ނިންމުމަކާ ނުލައި އެފަދަ ކަންކަން ނިންމުމުގެ ބާރު ކައުންސިލްގެ ރައީސަށް ލިބިދީފައިނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު