ޖަލުން މީހަކު ފިލައިފި ނަމަ ހުރިހާ ގައިދީން ގޮޅިތަކަށް ލައި ތަޅުލާން ޖޭހޭ: ގަވާއިދު

ގައިދީއަކު ނުވަތަ ބަންދު މީހަކު ފިލައިފި ނަމަ ޖަލުގައި އެވަގުތަކު ތިބި ހުރިހާ ގައިދީންނާއި ބަންދު މީހުން ގޮޅިތަކަށް ލައި ތަޅުލާން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ގަވާއިދު ގެޒެޓްކޮށްފި އެވެ.

އިއްޔެ އާންމު ކުރި "ޖަލުން ގައިދީއަކު ނުވަތަ ކުށުގެ ތުހުމަތުގައި ތިބޭ މީހުންނާއި ކޯޓު އަމުރެއްގެ ދަށުން ބަންދުގައި ބަހައްޓަން ޖެހޭ މީހަކު ފިލައިފި ނަމަ އަމަލު ކުރުމާ ބެހޭ ގަވާއިދު"ގައި ބުނެފައިވާ ގޮތުން ނަމަ މި ގަވާއިދުގެ ދަށުން ޖަލު މީހަކު ނުވަތަ ބަންދު މީހަކު ފިލައިފި ނަމަ ޖަލުގައި އެވަގުތު ތިބެން ޖެހޭ ގައިދީންނާއި ބަންދު މީހުންގެ އަދަދު ގުނަައި ހަމަތޯ ބަލަންޖެހޭނެ އެވެ. އަދި ގައިދީއަކު ނުވަތަ ބަންދު މީހަކު ފިލައިފި ނަމަ ޖަލު އެލާޓްކޮށް، ފިލި ޖަލު މީހަކު ނުވަތަ ބަންދު މީހަކާ ބެހޭ މައުލޫމާތެއް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ލިޔުމަކުން އަންގަންޖެހެ އެވެ.

މިގަވާއިދުގެ ދަށުން ޖަލު މީހަކު ނުވަތަ ބަންދުގެ މީހަކު ފިލައިފި ނަމަ އެ މީހެއްގެ މައުލޫމާތު ފޮޓޯއާ އެކު މީޑިއާގައި އާއްމު ކުރަން ޖެހޭނެ ކަމަށް ވެސް ގަވާއިދު ބުނެ އެވެ.

ޖަލު މީހަކު ނުވަތަ ބަންދު މީހަކު ފިލިކަމަށް މި ގަވާއިދުގެ ދަށުން ބެލެވޭ ހާލަތްތަކުގެ ތެރޭގައި ޖަލުގެ ސަރަހައްދުން ނުވަތަ އެމީހަކު ބަންދުކޮށްފައި ހުރި ޔުނިޓުން ނުވަތަ ގޮޅިން ނުވަތަ ޔާޑަށް ނެރެފައިވަނިކޮށް ފިލަން މަސައްކަތްކުރުމާއި އެއްވެސް ބޭނުމަކަށް ޖަލުން ބޭރަށް ނެރެފައިވަނިކޮށް ފިލުން ނުވަތަ ފިލަން މަސައްކަތް ކުރުން ހިމެނެ އެވެ. އަދި ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނު 108 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ވަގުތީ ގޮތުން ޖަލުން ދޫކޮށްލާފައިވަނިކޮށް ފިލުހުން ނުވަތަ ވަގުތީ ގޮތުން ޖަލުން ދޫކޮށްފައިވަނިކޮށް މުއްދަތު ހަމަވުމުން ޖަލަށް އެނބުރި ނައުން ވެސް ފިލުހުން ކަމަށް ވަނީ ބަލައިފަ އެވެ.

އަދި ހޮސްޕިޓަލެއްގައި ނުވަތަ ސިއްހީ ފަރުވާދޭ އެނޫން ވެސް ތަނެއްގައި އެޑްމިޓްކޮށްފައިވަނިކޮށް ފިލުން ނުވަތަ ފިލަން މަސައްކަތް ކުރުމާއި ގައިދީން ނުވަތަ ބަންދު މީހަކު އެކި ހާލަތްތަކުގައި އެވަގުތު އެމީހަކު ހުރުމަށް ކަނޑައަޅާފައިވާ ނުވަތަ އަންގާ ތަނެއްގައި ނުހުރުން ވެސް ފިލުން ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.

މި ގަވާއިދުގެ ދަށުން ޖަލުން ގައިދީއަކު ފިލައިފި ނަމަ ނުވަތަ ބަންދު މީހަކު ފިލައިފި ނަމަ ނުވަތަ ފިލަން މަސައްކަތްކޮށްފި ނަމަ އެޖަލެއްގެ ސެކިއުރިޓީ ޔުނިޓާ ހަވާލުވެހުރި އިސް އޮފިސަރަކު އެ ޖަލެއްގައި ޑައިރެކްޓާ އޮފް ޕްރިޒަނަށް އެކަން ވަގުތުން އަންގަންޖެ އެވެ. އަދި ޑައިރެކްޓާ އޮފް ޕްރިޒަން އެކަން ކޮމިޝަނަރު އޮފް ޕްރިޒަން އަށް ވަގުތުން ރިޕޯޓްކުރަން ޖެހޭ ކަމަށް ވެސް އެގަވާއިދުގައިވެ އެވެ. އަދި 24 ގަޑިއިރުގެ ތެރޭގައި އެކަން ހިނގި ގޮތާއި އެގައިދީއަކާ ބެހޭ ތަފްސީލް ރިޕޯޓެއް ކޮމިޝަނާ އޮފް ޕްރިޒަންސް އަށް ފޮނުވަން ޖެހޭނެ ކަމަށް ވެސް އެގަވާއިދުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު