ރާއްޖޭގައި 50 ގޭންގު ލީޑަރުން ތިބިކަން އެނގޭ: ހޯމް މިނިސްޓަރު

މާރާމަރީތަކާއި މީހުން މެރުމުގެ އަމަލުތައް ހިންގުމުގައި ހަރަކާތްތެރިވާ 50 ވަރަކަށް ގޭންގު ލީޑަރުން ރާއްޖޭގައި އުޅޭން އެނގިވަޑައިގަންނަވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުއައްސަސާ ވަކި މުވައްސަސާއެއްގެ ގޮތުގައި ހިނގަމުންދާތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ މާލެގައި 30 އަށްވުރެ ގިނަ ގޭންގު ގުރޫޕް އެބަ އޮތް ކަމަށާއި އޭގެ ތެރެއިން 13 ގޭންގަކީ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ގޭންގުތައް ކަމަށެވެ.

" ރާއްޖޭގައި، ޚާއްސަކޮން މާލެގެ މަގުތަކުގައި 30 ވަރަކަށް ގޭންގު އަޅުގަނޑުމެނަށް އައިޑެންޓިފައި ކުރެވިފައިވޭ. މީގެ ތެރެއިން 13 ގޭންގަކީ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ގޭންގުތައް.ފަންސާހަކަށް ގޭންގު ލީޑަރުން ތިބިކަން އެނގިފައިވޭ،" ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ 10،000 ވަރަކަށް މީހުން އެބަތިބި ކަމަށާއި އޭގެ ތެރެއިން 5000 މީހުނަކީ ވަޒީފާއެއް ނެތި މީސްމީހުންގެ ތަކެތި ފޭރިގެންނާއި ވައްކަން ކޮށްގެން އުޅޭ މީހުން ކަމަށެވެ. އަދި ގޭންގުތައް އުފެދިގެން އަންނަނީ އެމީހުންގެ ތެރެއިން ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

"ފައްސަތޭކަ އެއްހާ ގޭންގު މެމްބަރުން އަޅުގަނޑުމެނަށް އައިޑެންޓިފައިކުރެވިފައިވޭ. އަދި ދިހަ ހާހެއްހާ މަސްތުވާތެކެތި ބޭނުންކުރާ މީހުން އަޅުގަނޑުމެނަށް އެނގިފައިވޭ،" އުމަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނުރައްކާތެރި ގޭންގުތަކުގެ މެމްބަރުންގެ މައްސަލަތައް ކޯޓުތަކުގައި އެބަހުރި ކަމަށާއި ފަނޑިޔާރުނަށާއި ހެކިންނަށް ބިރުދައްކައިގެން އެމީހުން ސަލާމަތް ނުވާނެ ގޮތަށް ކަންކަން ރޭވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މަސްތުވާތަކެއްޗާއި މާރާމާރީތަކާއި މީހުން މެރުމުގެ މައްސަލަތަކަށް އަމާޒުކޮށްގެން ފިޔަވަޅުތަކެއް އަޅަން ތައްޔާރު ވަމުން ކަމަށް ވެސް މިނިސްޓަރު އުމަރު މިއަދު ވިދާޅުވި އެވެ. އެއީ އެފަދަ ކުށްތައް ހުއްޓުވުމަށް ދޭ ހަމަލާއެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު