އައިއެސްގެ ނުރައްކަލާ ގުޅިގެން ސައޫދީ އާއި އީރާން، ގާތްވަނީ

ތެހެރާން (ސެޕްޓެމްބަރ 1) : މިމަހު އދ.ގެ މައި މަރުކަޒުގައި ފެށޭ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގެ އަރިމަތީގައި ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފް ވިދާޅުވެއްޖެ އެވެ.

ސައޫދީ ސަރުކާރުން ދެއްވި ދައުވަތަކަށް އީރާނުގެ އިސް މަސްއޫލުވެރިއެއް ކަމަށްވާ ޙުސައިން އަމީރު އަބްދުއްލީހާން ސައޫދީ އަރަބިޔާ އަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެއްވި ބަޔާނެއްގައި ޒަރީފް ވިދާޅުވީ ސައޫދީ އަރަބިޔާއާ ގުޅުންތައް ރަނގަނޅު ކުރުމަށް އީރާނުން އިސްކަމެއްދޭ ކަމަށާ ސައޫދީ އަރަބިޔާއަކީ ގަލްފުގެ ސަރަހައްދުގެ އިތުރުން އިސްލާމީ ދުނިޔޭގައި ވެސް ނުފޫޒުހުރި ގައުމެއް ކަމުގަ އެވެ. އަދި ދެ ގައުމުގެ މަސްލަޙަތުތައް ތަފާތުވެފައި ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައެއް މައްސަލަތަކުގައި އީރާނާއި ސައޫދީ އަރަބިޔާގެ ޚިޔާލުތައް ތަފާތު ނަމަވެސް ދެގައުމަކީ ދުޝްމަނުން ނޫންކަމަށާ އެއްއިރެއްގައި ވެސް ދެގައުމުގެ ގުޅުންތައް ކެނޑިގެން ގޮސްފައިނުވާ ކަމަށް ޒަރީފް ވިދާޅުވި އެވެ.

ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލްފައިސަލް ދާދިފަހުން ވަނީ ރިޔާޟް އަށް ވަޑައިގެން އޭނާއާއި ސައޫދީ އިސް މަސްއޫލުވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމުގެ ދަޢްވަތު އީރާނުގެ ޚާރިޖީ ވަޒީރު ޖަވާދު ޒަރީފް އަށް އަރުވާފަ އެވެ. މިދަޢްވަތު އީރާނުގެ ޚާރިޖީ ވަޒީރު ގަބޫލުކުރައްވާފައިވީ ނަމަވެސް ޒަރީފް ރިޔާޒަށް ވަޑައިގަންނަވާނެ ތާރީޚެއް ކަނޑައަޅާފައެއް ނުވެ އެވެ. ނަމަވެސް ޒަރީފް ވިދާޅުވީ މިމަހު އދ.ގެ މައި މަރުކަޒުގައި ފެށޭ އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުންތަކުގެ އަރިމަތީގައި(ނިޔުޔޯކްގައި) ސައޫދީ ޚާރިޖީ ވަޒީރު ސައޫދުލް ފައިސަލްއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމުގަ އެވެ.

ސައޫދީ އަރަބިޔާއާއި އީރާނަކީ ގަލްފުގެ ސަރަހައްދުގެ އިތުރުން އިސްލާމީ ދުނިޔޭގައި ވެސް ނުފޫޒު ގަދަ ދެ ގައުމެވެ. މިދެގައުމަކީ ބައިނަލްއަގްވާމީ ގުޅުންތަކުގައި މުޅިން ތަފާތު ސިޔާސަތު ތަކެއް ގެންގުޅޭ ދެގައުމެވެ. ސައޫދީން ހުރިހާ ކަމެއްގައި އެމެރިކާ އަށް ބަރޯސަވާއިރު އަދި އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ބައިވެރިއެއްގެ ގޮތުގައި ސަޢޫދީން ހަރަކާތްތެރިވާ އިރު އީރާނަކީ އެމެރިކާއާ އިދިކޮޅު އަދި އީރާނުގެ ގައުމީ މަސްލަޙަތަށް ރިޢަޔަތްކޮށްފައިވާ މުޅިން މުސްތަގިއްލު ޚާރިޖީ ސިޔާސަތެއް ގެންގުޅޭ އަދި އަމިއްލަ ނަފްސަށް ބަރޯސާކުރާ ސިޔާސަތެއް ގެންގުޅޭ ގައުމެކެވެ.
ސައޫދީ އަރަބިޔާއާއި އީރާނާ ދެމެދު ގުޅުންތައް ގޯސްވަމުން ދަނީ މި ދެ ގައުމަކީ ވެސް ވާދަވެރި އަދި އިސްލާމީ ދުނިޔޭގައި ނުފޫޒު ފަތުރަން މަސައްކަތްކުރާ ދެގައުމު ކަމަށްވާތީ އެވެ. ދެގައުމުގެ ގުޅުންތައް ގޯސްވަނީ ހަތިޔާރު އުފެއްދުމާއި ނިއުކްލިޔަރ ޓެކްނޮލޮޖީ ތަރައްގީ ކުރުމަށް އީރާން ކުރަމުންގެންދާ މަސައްކަތްތަކުގެ ސަބަބުންނާއި އިރާގުގައި ބާރާއި ނުފޫޒު ގަދަކުރުމަށް އީރާން ގެންގުޅޭ ސިޔާސަތުތަކާއި ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ މައްސަލާގަ އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ އީރާނުން ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ދަމަހައްޓަން މަސައްކަތްކުރާ އިރު ސައޫދީ އަރަބިޔާ ގެންދަނީ ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ހުޅަނގާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

މިގޮތުން ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ސިޔާސީގޮތުންނާއި މާލީ ގޮތުން ވާގިވެރިވެގެން ބައްޝާރުގެ ސަރުކާރު ވައްޓާލުމަށް ސައޫދީން ފާޅުގައި މަސައްކަތްކުރަމުން ގެންދާ އިރު ސައޫދީ ސަރުކާރު ވައްޓާލުމަށް އެގައުމުގެ އިދިކޮޅު ފަރާތްތަކަށް އެހެން ގައުމަކުން ވާގިވެރިވާނަމަ ސައޫދީންނަށް ވެސް އެކަން ބަލައިނުގަނެވޭނެ ކަމަށް ސޫރިޔާއިން ބުނެ އެވެ. ސޫރިޔާގެ މައްސަލާގައި މިދެގައުމުން ކުރެ އެއްގައުމަކަށް ވެސް އެދެވޭ ކާމިޔާބެއް ލިބެމުންނުދާ އިރު ސޫރިޔާގައި އުފެދިފައިވާ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތްފަދަ ހަރުކަށި ޖަމާއަތްތަކުގެ ނުރައްކާ މިދެގައުމަށް ވެސް ވަނީ ކުރިމަތިވެފަ އެވެ.

މިދެގައުން ކުރެ ކޮންމެ ގައުމަކުން ވެސް އަނެއް ގައުމާ ގުޅުންތައް ރަނގަނޅުކުރަން ބޭނުންވާކަން ހާމަކުރަމުން މިގެންދަނީ އައިއެސް ޖަމާއަތާއި ޖަބްހަތުއްނުސްރާ ޖަމާއަތް ފަދަ ހަރުކަށި އަދި ތަކްފީރީ އައިޑިއޮލޮޖީގެ ޖަމާއަތްތަކުގެ ނުރައްކާ މިދެގައުމަށް ބޮޑުވަމުންދާތީ މިފަދަ ޖަމާއަތްތައް މައިތިރިކުރުމަށް ގުޅިގެން މަސައްކަތްކުރުމުގެ ބޭނުންތެރިކަން އިޙްސާސް ކުރެވިގެން ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު