ތައިލެންޑްގެ ވަގުތީ ސަރުކާރު އެކުލަވާލައިފި

ބެންކޮކް (ސެޕްޓެމްބަރ 1) : ތައިލެންޑްގައި އެކުލަވާލާ ވަގުތީ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ނިމިއްޖެ ކަމަށާއި އެ ސަރުކާރުގެ ތިންބައިކުޅަ އެއްބައި ވަޒީރުންނަކީ ސިފައިންގެ ކުރީގެ ޖެނެރަލުންނާއި މިހާރުގެ އިސް ބައެއް އޮފްސަރުން ކަމަށް އެގައުމުގެ ސިފައިންގެ ވެރިޔާ އަދި ބޮޑުވަޒީރު ޖެނެރަލް ބްރާޔޮތް ޗާންއޮޗާ ވިދާޅުވެއްޖެ އެވެ.

ޖެނެރަލް ޗާން އޮޗާ ވިދާޅުވީ އައު ސަރުކާރުގެ ކެބިނެޓް އެކުލަވާލުމުގެ ކަންތައް ނިމިއްޖެ ކަމަށާ ދެންއޮތީ ޕާލަމެންޓުން ކެބިނެޓް އެޕްރޫވް ކުރުންކަމުގަ އެވެ. ތައިލެންޑްގެ ރައްޔިތުން އިންތިޚާބުކުރި އެގައުމުގެ ކުރީގެ މަދަނީ ސަރުކާރު ވައްޓާލައި ބޮޑުވަޒީރު ޔަންގްލަކް ޝިނަވަޓްރާ މަގާމުން ދުރުކުރުމަށް ސިފައިން މިދިޔަ މޭ މަހު ގެނައި އަސްކަރީ އިންގިލާބުގައި އިސްކޮށް ހުންނެވީ ޖެނެރަލް ޗާން އޮޗާ އެވެ. އޭނާ ތައިލެންޑްގެ ބޮޑުވަޒީރަކަށް އިންތިޚާބުކޮށްފައި ވަނީ ތައި ރައްޔިތުންގެ އެއްވެސް ދައުރެއްނެތި އެގައުމުގެ ސިފައިންގެ މުއައްސަސާ އިން އިޚްތިޔާރުކޮށްފައިވާ ޕާލަމެންޓަކުން މިދިޔަ ހަފްތާގަ އެވެ.
ތައިލެންޑްގެ ސިފައިން ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެގައުމުގައި ދެން އިންތިޚާބެއް ބާއްވައިގެން ޕާލަމެންޓެއް އިންތިޚާބު ކުރުމުގެ ފުރްސަތު ދޭނީ 2015 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމުގަ އެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ސިފައިން ވެރިކަން ކުރުމުގެ ބޭނުމަކީ ސިޔާސީ ހަލަބޮލިކަމާއި ސިޔާސީ ކޯޅުންތަކުން ގައުމު ސަލާމަތް ކުރުމަށާއި އިގްތިސާދު ހަމައަކަށް އެޅުވުން ކަމަށް ވެސް ތައި ސިފައިންގެ ބަޔާނުގައި ހާމަކޮށްފައިވެ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު