ސޫރިޔާ ސަރުކާރު ސިފައިން ބޮން އަޅައި އެގައުމުން 47 ކުދިން މަރާލައިފި

ސޫރިޔާގެ އަހުލީ ހަނގުރާމައިގައި އެގައުމުގެ ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކުގައި އިއްޔެ އެ ގައުމުން 47 ކުޑަކުދިން މަރާލައިފި އެވެ.

ސޫރިއަން އޮބްޒަވޭޓްރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ ސޫރިޔާގެ ވައިގެ ސިފައިންގެ މަތިންދާބޯޓްތަކާއި ހެލިކޮޕިޓަރުތަކުން އިއްޔެރޭ މެންދަމުން ފެށިގެން ދިން މިސައިލާއި ބެރެލް ބޮމުގެ ހަމަލާތަކުގައި 16 އަހަރުން ދަށުގެ 47 ކުދިން މަރުވި ކަމަށެވެ.

ސޫރިޔާ ސިފައިން އިއްޔެ ބޮން އަޅާފައި ވަނީ ހަލަބުގެ ބައެއް ރަށްތަކަށާއި އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކޮންޓްރޯލްކުރާ ރަށެއް ކަމަށްވާ ރައްޤާއަށެވެ.

ސޫރިޔާގެ އަހުލީ ހަނގުރާމައިގައި އެގައުމުގެ ސަރުކާރުން އަންނަނީ ބައިނަލް އަގުވާމީ ގޮތުން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރާއި ބެރަލް ބޮން ފަދަ ހަތިޔާރުތައް ބޭނުންކުރަމުންނެވެ. އެ ހަނގުރާމައިގައި މިހާތަނަށް 140،000 މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން ގިނަމީހުންނަކީ އާއްމުންނެވެ. ސޫރިޔާގެ ބައްޝާރުލް އަސަދުގެ އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް އެގައުމުގެ އެކި ޖަމާއަތްތަކުން ފެށި ހަނގުރާމައަށް މިހާރު ވަނީ ތިން އަހަރުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު