އައިއެސްގެ ކޮންޓްރޯލް ދަށުގައިވާ އިރާގުގެ ރަށެއް މިނިވަންކޮށްފި

ބަޣްދާދު (ސެޕްޓެމްބަރު 1) : ޢިރާގުގައި ހަރަކާތްތެރިވާ އެންމެ ބާރުގަދަ ހަނގުރާމަވެރި ޖަމާއަތް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ޖަމާއަތުގެ ކޮންޓްރޯލްގެ ދަށުގައިވާ އާމުރްލީ މިނިވަންކޮށް އެރަށުގެ ސަރަހައްދުތަކުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިއްޖެކަން އިރާގުން ހާމަކޮށްފި އެވެ.

އިރާގު ސިފައިންގެ ތަރްޖަމާން ގާސިމް އަތަﷲ ވިދާޅުވީ އާމުރްލީ ހިފުމަށް އިރާގު ސިފައިންނާއި ކުރުދީންގެ ބިޝްމަރްގާ ހަނގުރާމަވެރިން ހިންގި އޮޕަރޭޝަން ކާމިޔާބު ކަމަށާ އައިއެސްގެ ނުރައްކަލުން އާމުރްލީގެ ރައްޔިތުން ސަލާމަތް ކުރެވިއްޖެ ކަމުގަ އެވެ.

އާމުރްލީން އައިއެސްގެ ހަނގުރާމަވެރިން ފައްސާލުމަށް އިރާގު ސިފައިންނާއި ކުރުދީ ހަނގުރާމަވެރިން މިދިޔަ ހޮނިހިރު ދުވަހު ފެށި އަސްކަރީ އޮޕަރޭޝަން ކާމިޔާބުކުރެވުނީ އެރަށުގައިވާ އައިއެސްގެ މައިމަރުކަޒުތަކާއި އައިއެސްގެ ހަނގުރާމަވެރިންގެ ސަފުތަކަށް އެމެރިކާދިން ވައިގެ ޙަމަލާތަކުގެ ސަބަބުން އެޖަމާއަތުގެ ގަނައަދަދެއްގެ ހަނގުރާމަވެރިން މަރުވުމުގެ ސަބަބުން ކަމަށްރިޕޯޓްތައް ބުނެ އެވެ. މިޙަމަލާތަކުގައި އައިއެސްގެ 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށާއި އެޖަމާއަތުގެ ކޮމާންޑް ސެންޓަރުތައް ވެސް ފުނޑުފުނޑުކޮށްލާފައިވާ ކަމަށް އިރާގު ސިފައިން ބުނެ އެވެ.

އައިއެސްއާ ދެކޮޅަށް ހިންގި މި އޮޕަރޭޝަންގައި އިރާގު ސަރުކާރަށް ވާގިވެރިވާ ޝިޔައީ މިލީޝިޔާތައް ބައިވެރިވެ އިރާގު ސިފައިންނަށް އެހީތެރިވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. އާމުރްލީ އަކީ އިރާގުގެ ބައިމަދު ޖަމާއަތެއް ކަމަށްވާ ތުރުކުމާނުން ދިރިއުޅޭ ރަށެކެވެ. މީގެ ދެ މަސްކުރިން އައިއެސްގެ ހަނގުރާމަވެރިން އާމުރްލީއަށް ވެރިވެގަތުމާ އެކު، އެރަށުގައި ދިރިއުޅޭ ތުރުކުމާން ދަރިކޮޅުގެ 15 ހާސްމީހުންގެ ފުރާނަ އަށް ނުރައްކާވެފައިވާ ކަމަށް އދ. ން ބުނެފައިވެ އެވެ.

އައިއެސްގެ އަތްދަށުން އާމުރްލީ މިނިވަން ކުރުމަށް ހިންގި އޮޕަރޭޝަންގައި އެޖަމާއަތުގެ 100 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލާފައިވާއިރު މީގެތެރެ އިން ގިނަމީހުން މަރުވެފައިވަނީ އެމެރިކާގެ ވައިގެ ހަމަލާތަކުގައި ކަމަށް ޚަބަރުތައް ބުނެއެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު