ޗައިނާއިން 'ސުޕަސޮނިކް' ސަބްމެރިން އެއް ހަދަނީ

ކަނޑު އަޑީގައި ބޮތްކެއްގެ ތެރޭގައި ދަތުރު ކުރެވޭ ގޮތަށް ޗައިނާގެ ސައިންޓިސްޓުން 'ސުޕަސޮނިކް' ސަބްމެރިން އެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި ސަބުމެރިން ހެދުމަށްޓަކައި ގެންގުޅެނީ 'ސުޕަކެވިޓޭޝަން' ކިޔާ އުކުޅެކެވެ. ދުނިޔޭގެ ބޮޑު ހަނގުރާމަ އަށްފަހު އޮތް 'ކޯލްޑް ވޯ' ގައި ސޯވިއެޓް މިލިޓަރީން މި އުކުޅުގެ ޓެސްޓު ވަނީ ކޮށްފައެވެ.

'ސުޕަކެވިޓޭޝަން' މަސައްކަތް ކުރާ ގޮތަކީ ސަބްމެރިންގެ ކުރީކޮޅުން ގޭހެއް ދޫކޮށްލުމުން އެ ގޭހުގެ އެހީގައި ސަބުމެރިން ވަށާލައި ވައިގެ ފަށަލައެއް އުފައްދާލަނީއެވެ. ނަމަވެސް މި ފަށަލަ (ބޮކި) އުފެއްދުމަށްޓަކައި ސަބްމެރިންގެ ދަތުރު ފަށަންޖެހެނީ ވަރަށް ބާރު ދުވެއްޔެއްގައެވެ. އެހެން ކަމުން ސައިންޓިސްޓުން މަސައްކަތް ކުރަމުން އަންނަނީ ފެން ބޭނުން ކޮށްގެން މިފަށަލަ ހެދުމަށެވެ. އެގޮތުން އަމިއްލައަށް އެ ފަށަލަ އުއްފެއްދޭ ވަރުގެ ދުވެއްޔެއް ސަބްމެރިންއަށް ގާއިމު ކުރެވޭނެކަމަށް ސައިންޓިސްޓުން ލަފާކުރެއެވެ.

ސައިންޓިސްޓުންގެ މި ރިސާޗު ޓީމުން ގަބޫލު ކުރާ ގޮތުގައި 'ސުޕަކެވިޓޭޝަން' ބޭނުން ކުރެވިއްޖިއްޔާ ސަބްމެރިން ކޮންޓްރޯލް ކުރަން ފަސޭހަ ވާނެ އެވެ.

ސުޕަކެވިޓޭޝަން އުކުޅު ބޭނުން ކުރެވޭނީ ހަމައެކަނި ސަބްމެރިންއަށް ނޫންކަމަށް ސައިންޓިސްޓުން ގަބޫލުކުރެ އެވެ. އެގޮތުން ފަތާ މީހުންނަށްވެސް މި އުކުޅުގެ ސަބަބުން ބޮޑެތި ފަސޭހަ ތަކެއް ވާނޭ ކަމަށް އެކަމުގައި ހަރަކާތްތެރިވާ ސައިންޓިސްޓުންގެ ޓީމުން ވަނީ ބުނެފައެވެ.

"ސްވިމިން ސޫޓަކުން ބޮކި އުފައްދާ ހިފަހައްޓައިފިނަމަ ފެނުގައި މީހާ ކޫއްތާ ވަރު ވަރަށް ބޮޑަށް ކުޑަ ކޮށްދޭނެ. އޭރުން މޫދުގައި ފެތޭނީ ވައިގައި އުދުހެވޭހާ ވެސް ފަސޭހަކޮށް،" ފަތާ މީހުންނަށް 'ސުޕަކެވިޓޭޝަން' ގެ ސަބަބުން ލިބޭނެ ފައިދާ ތަކާ ބެހޭގޮތުން ޕްރޮފެސަރު ލީ ފެންގް ޗެން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު