މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ހއ. އަތޮޅަށް ފަށައިފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީ ޕްލޭން ދަތުރުތައް ހއ. އަތޮޅަށް މިއަދު ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ހއ. އަތޮޅަށް އެ ކުންފުނީގެ ސީޕްލޭންގެ ދަތުރުތައް ކުރާނީ މަނަފަރު ރިސޯޓަށް ކަމަށާއި އެގޮތުން ކޮންމެ ދުވަހަކު ދެ ދަތުރު މަނަފަރަށް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެ ދަތުރުތައް ކުރުމުގެ ފުރުސަތު ދިވެހިންނަށް އަންނަ ހަފްތާއިން ފެށިގެން ހުޅުވާލާނެ ކަމަށް ހާރިސް ވިދާލުވި އެވެ.

"އަންނަ ހަފްތާގައި ޓިކެޓް އަގުތައް ހަމަޖެހި ދިވެހިންނަށް ހއ. އަތޮޅަށް ދަތުރުތައް ކުރުމުގެ ފުރުސަތު ހުޅުވިގެންދާނެ،" ހާރިސް ވިދާޅުވި އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭން އިން މިހާރު ދަނީ ތ. އަތޮޅަށް ވެސް ދަތުރުތައް ކުރަމުންނެވެ.

ހާރިސް ވިދާޅުވީ ހއ. އަތޮޅާއި ތ. އަތޮޅުގެ އިތުުރުން އެހެން ދެ އަތޮޅަކަށް ވެސް އެ ކުންފުނީގެ ސީޕްލޭންގެ ދަތުރުތައް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހާރިސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ ރިސޯޓްތަކަށް އެކުންފުނިން ސީ ޕްލޭން ދަތުރުތައް ފެށުމަށް ޓަކައި ރިސޯޓްތަކާއެއްކޮށް ހަދަން ޖެހޭ އެއްބަސްވުންތައް ހެދުމަށް ޓަކައި ތަފާތު މަޝްވަރާތައް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ތެރޭގައި މޯލްޑިވިއަނުން އިތުރު ދެ ސީ ޕްލޭން ރާއްޖެ ގެނައުމަށް ނިންމާފައިވާ ކަމަށް ވެސް ހާރިސް ވަނީ ވިދާޅުވެފަ އެވެ. މޯލްޑިވިއަން އިން މިހާރު ވެސް އޮޕަރޭޝަންގައި ދެ ސީ ޕްލޭން ގެންގުޅެ އެވެ.

މޯލްޑިވިއަންގެ ސީ ޕްލޭންގެ ދަތުރުތަކަށް ބޭނުންކުރަނީ "ޑީއެޗް ސިކްސް ޓްވިން އޮޓާ އެއާކްރާފްޓް"ގެ ފްލައިޓްތަކެވެ.

ގައުމީ އެއާލައިނުން ސީ ޕްލޭންގެ ހިދުމަތް ދިނުމަށް ނިންމައި އެކަމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު