ތިނަދޫ ކައުންސިލަރެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވައިފި

ގދ. ތިނަދޫ ކައުންސިލް މެމްބަރު ސައުދު އަލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތު ކުރެވޭތީ އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރިސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ތިނަދޫ ކައުންސިލް އިދާރާގެ ޕްރޮޖެކްޓު އޮފިސަރަކަށް ސައުދު ހުންނެވި އިރު އަމިއްލަ ފަރާތަކުން ހުށަހެޅި ސިޓީއަކާ ގުޅިގެން އެފަރާތަށް 50 ގޮނޑި އޭނާ ދޫކޮށްފައި ވަނީ ކަމާބެހޭ އުސޫލާ ޚިލާފަށް ކަމަށް ތަހުގީގުން އެނގެން އޮންނަ ކަމަށެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ތިނަދޫ ކައުންސިލް އިދާރާގެ ތަކެއްޗާއި ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިވާ ތަންތަނާއި ތަކެތި ދޫކުރުމާއި ކުއްޔަށް ދިނުމުގައި އަމަލު ކުރާނެ އުސޫލެއް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އުސޫލުގައި އަގު ނުނަގައި ކުއްޔަށްދޫކުރާ ތަންތަނާއި ތަކެތީގެ ލިސްޓެއް ހިމަނާފައިވާ ކަމަށާއި އެ ލިސްޓުގައި ގޮނޑި ހިމަނާފާއި ނުވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެ އުސޫލުގައި ބުނެފައިނުވާ ތަކެތި ދޫކުރެވޭނީ ކައުންސިލްގެ ހުއްދަ ހޯދައިގެން ކަމަށް ތަހުގީގަށް ބަޔާން ދިން ކައުންސިލް އިދާރާގެ ބައެއް މުވައްޒަފުން ބުނެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ތަކެތި ބަޔަކަށް ދޫކުރެވޭނީ އެކަމާ ބެހޭ ފޯމް ފުރިހަމަ ކުރުމަށްފަހު އެ ފޯމްގައި ބަޔާންކުރާ ގޮތުގެމަތިން ކަމަށް ކަމާބެހޭ އުސޫލުގައި ބުނެފައިވާއިރު، އެ ފޯމާ އެކު ހުށަހަޅަންޖެހޭ އައިޑީކާޑުގެ ކޮޕީ ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި އެ ގޮނޑިތައް ދޫކޮށްފައި ވަނީ ސައުދު ކަމަށް އޭނާ ތަހުގީގުގައި އިއުތިރާފުވެފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

".....އެ ގޮނޑިތައް ދޫކުރީ ސައުދު އަލީ ކަމަށް ސައުދު އަލީ މި ކޮމިޝަނަށް ދީފައިވާ ބަޔާނުގައި އިއުތިރާފުވެފައިވާތީ، މިކަމަކީ ސައުދު އަލީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ދަލީލުކޮށްދޭތީ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ އެއް ވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމާ ބެހޭ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ގދ. ތިނަދޫ ކައުންސިލް އިދާރާގެ [ކުރީގެ] އެސިސްޓެންޓް ޕްރޮޖެކްޓު އޮފިސަރު ގދ. ތިނަދޫ އަބުހަރީއާގޭ ސައުދު އަލީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކުރިމަށް ޕްރޮސިއުޓާ ޖެނެރަލްގެ އޮފީހަށް މި މައްސަލަ ވަނީ ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.

އެ މައްސަލަ ޕީޖީއަށް ފޮނުވާފައިވާއިރު 2012 ވަނަ އަހަރުގެ ފެބްރުއަރީ އަށް ވަނަ ދުވަހު ތިނަދޫ ޕޮލިސްޓޭޝަންގައި ހުޅުޖެހި މައްސަލައގެ ތުހުމަތުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު