ސިފައިންގެ ވަޒީފާއަށް ކުރިމަތިލުމަށް މިއަހަރު ދެ ވަނަ ބުރަށް ހުޅުވާލައިފި

ދިވެހި ސިފައިންގެ ވަޒީފާއަށް ކުރިމަތިލުުމުގެ ފުރުސަތު މިއަހަރުތެރޭގައި ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސިފައިންގެ ވަޒީފާއަށް ނެގުމަށް ހަމަޖައްސާފައިވަނީ މިވެނި އަދަދެއްްގެ މީހުންނެއް ކަމެއް ވިދާޅުވާން ދަތި ކަމަށެވެ. އަދި ކުރިމަތިލާ މީހުންނަކީ ސިފައިންގެ ކޮންކޮން ދާއިރާއަކަށް ނެގޭ މީހުންކަން ކަނޑައަޅާނީ އިންޓަވިއުއަށް ފަހު ކަމަށް ވެސް އެނާ ވިދާޅުވި އެވެ.

"ވަކި ފަންނަކުން ތަމްރީން ވެފައި ހުރި މީހަކު ނަމަ އިންޓަވިއަށްފަހު އެމީހަކު ކުރިއަށްދާނީ އެ ދާއިރާއަކުން،" އޮފިޝަލް ވިދާޅުވި އެވެ.

ސިފައިންގެ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކަކީ ދިވެހި ރައްޔިތަކަށް ވުމާއި ޖީސީއީ އޯލެވެލް ފެންވަރު ނުވަތަ އެ ފެންވަރުގެ ސެޓްފިކެޓެއް އޮތުމާ އެކު އުމުރުން 18 އަހަރު ފުރި 28 އަހަރު ނުފުރޭ މީހަކު ކަމުގައި ވާންޖެހެ އެވެ. އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައި ވުމާއި ވޭތުވެ ދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަކީ ފިރިހެނަކު ނަމަ އިސްކޮޅުގައި ފަސް ފޫޓު ފަސް އިންޗި ހުންނަން ޖެހެ އެވެ. އަދި އަންހެނަކު ނަމަ ފަސް ފޫޓު ތިން އިންޗި ހުންނަން ޖެހެ އެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތުތަކާއި މަސައްކަތްތަކުން ވީއްލުމުގެ ޕްރޮގްރާމުގެ ދަށުން ވަޒީފާ އިން ވަކިވެފައިވާ މީހެއްކަމުގައި ވެގެން ނުވާނެ ކަމަށާއި އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތަކުގެ ތެރޭގައި ވެއެވެ.

ސިފައިންގެ ވަޒީފާއަށް އެދި ކުރިމަތިލުމަށް މިފަހަރު ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

ސިފައިންގެ ވަޒީފާއަށް 45 މީހަކު ނެގުމަށް މިއަހަރުގެ ޖެނުއަރީ މަހު ހުޅުވާލި ފުރުސަތުގައި ވެސް 470 މީހަކު ވަނީ އެކަމަށް ކުރިމަތިލައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު