މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވަން ވަރުގަދަ ހަމަލާއެއް ދޭނަން: އުމަރު

މާރާމާރީ ހިންގުމާއި މީހުން މެރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވުމަށް "ހަމަލާއެއް" ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މުވައްސަސާ ވަކި މުވައްސަސާއެއްގެ ގޮތުގައި ހިންގަން ފެށިތާ 10 އަހަރު ފުރުން ފާހަގަ ކުރުމަށް މިއަދު ހެނދުނު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިޔާތުގައި ހޯމް މިނިސްޓަރު ވިދާޅުވީ މާރާމާރީތަކާއި މީހުން މެރުމުގެ މައްސަލަތަކުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކަށް އަމާޒުކޮށްގެން "ވަރުގަދަ ހަމަލާއެއް ތައްޔާރު ކުރަމުންދާ" ކަމަށެވެ. އެކަން ހުއްޓުވުމަށް ސަރުކާރުން އެޅުމަށް ހަމަޖައްސާ ވަނީ ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި އެ ފިޔަވަޅުތައް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ [މި މާރާމާރީތަކާއި މީހުން މެރުވުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ] މުޅި ސްޓްރަކްޗާ އަށް އެއްކޮށް ދޭނެ ހަމަލާއެއް އަޅުގަނޑުމެން މި ދަނީ ތައްޔާރުކުރަމުން. އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ ދޭނަން. ފުލުހުންނަށް ވަރަށް އުފާވެރި ވާހަކައަކަށް ވާނެ މި ވާހަކައަކީ. ތިޔަ ބޭފުޅުން ޔަގީންކުރައްވަން ވާނެ،" އުމަރު ވިދާޅުވި އެވެ.

ފުލުހުންނަށް ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާރާމާރީ ހިންގުންކަން ފާހަގަ ކުރައްވައި އުމަރު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ހަމަ އެކަނި ނޫސްބަޔާންތައް ނެރިލައިގެން ފުލުހުންނަށް ތިބެވެން ނެތް ކަމަށެވެ. އޭނާ ވިދާޅުވީ ގޭންގު ބޮޑެތި ކުށްތައް ހިންގާ މީހުނަށް ކޯޓުގެތަކުގެ ފަނޑިޔާރުނަށާއި ހެކިންނަށް ބިރު ދައްކައިގެން އެނބުރި އައުން ހުއްޓުވުމަކީ ވެސް ސަރުކާރުން އިއުލާންކުރާ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މާރާމާރީތަކުގެ އަސްލަކީ މަސްތުވާތަކެތި ކަމަށާއި މަސްތުވާތަކެތި ބޭނުން ކުރުމުން އަދަބުދޭން ޖެހޭ ކަމެއްކަން ހުރިހާ ފަރާތްތަކުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތައް ހުއްޓުވައިގެން ނޫނީ މާރާމާރީތައް ނުހުއްޓުވޭނެ ކަމަށާއި ސަރުކާރުން އެކުލަވާލާ މަސައްކަތްތަކަކީ މުޅި މަސްތުވާތަކެތީގެ މައްސަލަތަކަށް ވެސް އަމާޒްކޮށްގެން 10 އަހަރަށް އެކުލަވާލާ މަސައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު