ހުޅުމާލެ ޔޫތު ސިޓީއަކަށް ހަދާނީ ހަމައެކަނި އިމާރާތްކޮށްގެނެއް ނޫން: ރައީސް

ހުޅުމާލޭގައި ޔޫތު ސިޓީއެއް ހެދުމަކީ ހަމައެކަނި އިމާރާތްތަކެއް އެޅުމެއް ނޫން ކަމަށާއި ޔޫތު ސިޓީއަކަށް ހުޅުމާލެ ބަދަލުވެގެންދާއިރު ވަޒީފާއާއި މުނިފޫހި ފިލުވުމުގެ ފުރުސަތުތައް އެތަނުން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އދ. ދަނގެތީގެ ބަނދަރު ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ހުޅުމާލޭގައި ޔޫތު ސިޓީއެއް ހެދުމުން ދިވެހި ޒުވާނުންނަށް ފަސޭހަ ކަމާއެކު ވަޒީފާގެ ފުރުސަތުތައް ލިބޭނެ ކަމަށެވެ. އަދި ޒުވާނުން ގެދޮރުވެރި ކުރާނެ މަޝްރޫއު ތަކެއް ހުޅުމާލޭގައި ހިންގާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އިމާރާތް ކުރުމުގެ މަޝްރޫއެއް މިދަނީ، މިއީ އެއްބައި. އަނެއްބަޔަކީ ޒުވާނުންގެ ވެއްޓެއް، ޒުވާނުންގެ ސިޓީއެއް ގާއިމް ކުރަމުން ދާއިރު ޒުވާނުންނަށް ވަޒީފާ ލިބޭނެ ފުރުސަތުތަކަކާއި ޒުވާނުންނަށް މުނިފޫހި ފިލުވޭނެ ހަރަކާތްތަކެއް ކުރިއަށް އޮތް ދިގު މުއްދަތަކަށް ހަމަޖެހިގެން ދިޔުން،" ރައީސް ވިދާޅުވިއެވެ.

ހުޅުލެއާއި މާލެއާ ދެމެދު ބްރިޖު އެޅުމުގެ މަޝްރޫއަކީ ވެސް ހުޅުމާލެ ޔޫތު ސިޓީއަކަށް ހެދުމުގެ މަސައްކަތުގެ ބައެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މިކަންތައްތައް [ޔޫތު ސިޓީ ހެދުމުގެ މަޝްރޫއު] ހަގީގަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން ބްރިޖު އަޅާ ވާހަކަ ދެއްކީމަ ބައެއް މީހުންނަށް އެއީ ހެއްވާ ވާހަކައަކަށް ވިނަމަވެސް އަޅުގަނޑަށް މިއީ ވަރަށް ސީރިއަސް ވާހަކައެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޒުވާނުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިރިއުޅެވޭނެ ގޮތް ތަނަވަސްވެފައި ނެތުމާއި ވަޒީފާގެ ފުރުސަތުތައް ނެތުން ކަމަށާއި ޔޫތު ސީޓީއެއް ހަދަނީ އެކަންކަން ހައްލު ކުރުމަށް ކަމަށެވެ.

"ޒުވާނުންނަށް ހަގީގަތުގައިވެސް އެންމެ ދަތި ވެފައި މިއޮތީ ޒުވާނުންނަށް ދިރިއުޅެވޭނެ ގޮތް ތަނަވަސް ވެފައި ނެތީމަ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެފައި ނެތީމަ. އަޅުގަނޑަށް، އަޅުގަނޑުގެ ސަރުކާރަށް އޮތް ގޮންޖެހުމަކީ ހުރިހާ ރަށަކަށް މިކަން (ޔޫތު ސިޓީ ހެދުން) ނުކޮށްދެވޭތި. ފަސްއަހަރުގެ ތެރޭގައި ހުރިހާ ރަށަކަށް މިކަން ކޮށެއް ނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު