29 ކުދިންނާއެކު ދިރާގުން މިއަހަރުގެ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި

މަސައްކަތުގެ މާހައުލަށް ބޭނުންވާ ތަފާތު ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމަށް ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ކުރިއަށްގެންދާ "އެޕްރެންޓިސް ޕްރޮގްރާމް"ގެ މިއަހަރުގެ ޕުރޮގުރާމް 29 ކުދިންނާއެކު ފަށައިފި އެވެ.

ދިރާގުގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ އެއް އަހަރާއި ދެ އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ އެ ޕްރޮގުރާމަށް މިއަހަރު އަލަށް ހޮވުނު 12 ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ. އެ ކުދިންނަށް އެ ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގުގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ވަހީދު އެވެ.

މިއަހަރުގެ ޕްރޮގްރާމްގައި އެ ޕްރޮގުރާމްގެ ދަށުން ދެ ވަނަ އަހަރު ފުރިހަމަކުރާ 17 ޒުވާނަކު ވެސް ބައިވެރިވެ އެވެ. އެ ޕްރޮގުރާމްގައި ބައިވެރިވި ކުދިން މާލެއާއި އަތޮޅުތެރޭގައި ވެސް މަސައްކަތް ކުރާނެ ކަމަށް ދިރާގުން ބުންޏެވެ.

އެހަފްލާގައި ވާހަކަފުޅު ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ، މިއަހަރުގެ ޕްރޮގުރާމްގައި ބައިވެރިވުމަށް 60 ކުދިން އެދުނު ކަމަށާއި އަދި އޭގެ ތެރެއިން ހޮވުނު 12 ކުދިންނަކީ ހުނަރުވެރި ކުދިންތަކެއް ކަމަށެވެ. މިއީ އެ 12 ކުދިންނަށް ލިބިގެންދާ ވަރަށް ރަނގަޅު ރަނުގެ ފުރުސަތެއްކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"މި ޕްރޮގްރާމްގެ ތެރެއިން މަސައްކަތުގެ އަހުލާގު ދަސްކޮށްދެވިގެންދާނެ. މިއީ ވަރަށް މުހިންމު މަގުސަދެއްގައި ހިންގާ ޕްރޮގުރާމެއް،" އިސްމާއިލް ވިދާޅުވި އެވެ.

ދިރާގަކީ ގިނަ މަސައްކަތަކެއް ކުރާ ކުންފުއްޏެއް ކަމުން އެ ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ގިނަގުނަ މަސައްކަތްތަކެއް ދަސްވެގެންދާނެ ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ 2009 ވަނަ އަހަރުން ފެށިގެން އޭލެެވެލް ނިންމާ ޒުވާނުން ވަޒީފާއަށް އަހުލުވެރި ކުރުމުގެގޮތުން ދިރާގުގެ އެކިއެކި އޮފިސްތަކުން ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް އެ ޕުރޮގުރާމުގެ ދަށުން 98 ދަރިވަރަކު ތަމްރީނުކޮށްފައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު