އަލްހާނަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމުން އެމްޑީޕީން އެކަން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީއަށް ވަޅިން ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާފައިވާތީ އެމްޑީޕީން އެކަން ކުށްވެރިކޮށްފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އަލްހާނަށް ވަޅިން ދިން ނުރައްކާތެރި "މަރުގެ ހަމަލާއާ ގުޅިގެން" ހައްޔަރުކުރެވުނު ދެ މީހުން ދޫކޮށްލާފައިވާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް ފާޅުކޮށް އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ.

އަލްހާނަށް ތޫނުއެއްޗަކުން ހަމަލާދިން ދެ މީހުން އިއްޔެ ދޫކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރަކާ ގުޅިގެންނެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްވުމަށް ކުރިން އަމުރުކޮށްފައި ވަނިކޮށް އެ ނިންމުން ބަދަލުކޮށް ޏ. ފުވައްމުލަކު ދަނޑިމަގު، ޝައިނީ، މުހައްމަދު ސަމީހު އާއި ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމް ދޫކޮށްލަން އިއްޔެ އަމުރު ކުރީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ހުށަހެޅިފައި އޮންނަތާ އެތަކެއް ދުވަސް ވެގެންދިޔައިރު ވެސް ދައުވާކޮށްފައި ނުވާތީ ކަމަށް ބުނެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ޕްރިސިކިއުޓާ ޖެނެރަލް މިހާތަނަށް ދައުވާ ކޮށްފައި ނުވާ ކަމަށް ބުނެ މުޖުތަމައުއަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ހައްޔަރު ކުރި ކުށްވެރިން ދޫކޮށްލުމަކީ ކުރެވޭނެ ކަމެއްކަމަށް އެ ޕާޓީން ނުދެކޭ ކަމަށެވެ.

"ހަމައެހެންމެ އެ ދެމީހުން ހައްޔަރު ކުރި ދުވަހުން ފެށިގެން މިހާތަނަށް އެ ދެމީހުން ބަންދުގައި ބެހެއްޓިފައި ހުންނަންވާނީ އެކަށީގެންވާ ހެކިތަކެއްގެ މައްޗަށް ބިނާކޮށްކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ޕްރޮސިކިޔުޓާ ޖެނެރަލްގެ ފަރާތުން ދައުވާ އުފުލުން ލަސްވެފައިވާކަން ސަބަބެއްގެ ގޮތުގައި ބަލައި، އެފަދަ ނުރައްކާތެރި މަރުގެ ޙަމަލާ ދީފައިވާކަމަށް ހެކިލިބިގެން، މުޖުތަމައުއަށް ނުރައްކާތެރި ބައެއްގެ ގޮތުގައި ބަންދުކުރެވުނު ފަރާތްތަކެއް ބަންދުން ދޫކޮށްލާފައިވާތީ، އެކަން އެގޮތަށް ނުކުރެވޭނޭކަމަށް ދެކެމެވެ،" އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އަލްހާނަށް ވަޅިން ހަމަލާދިން މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހައި ފަރާތްތަކަށް އެމްޑީޕީން ވަނީ ގޮވާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު