ފޭސްބުކްގައި އެންމެ މަޝްހޫރު ދިވެހި ބްރޭންޑަކަށް އުރީދޫ

ސޯޝަލް މީޑީއާގެ ރަސްގެފާނު ފޭސްބުކް (އެފްބީ)ގައި ބޭނުން ކުރަމުންދާ ރާއްޖޭގެ ވިޔަފާރި ބްރޭންޑްތަކުގެ "ޕޭޖް"ތަކުގެ ތެރެއިން ތެރެއިން އެންމެ ގިނަ "ލައިކްސް" ލިބިފައިވާ ބްރޭންޑަކަށް އުރީދޫ މޯލްޑިވްސް ވެއްޖެ އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތްދޭ އެއް ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސްގެ އެފްބީ ޕޭޖަށް ލައިކް ކޮށްފައިވާ މީހުންގެ އަދަދު މިދިޔަ އަންގާރަ ދުވަހު ވަނީ ލައްކަ އަކަށް އަރައިފަ އެވެ. އަދި އެ އަދަދު މިހާރު ވަނީ، 120،000 އަށްވުރެ މައްޗަށް އަރައިފަ އެވެ.

ރާއްޖޭގައި އެންމެ ގިނަ ފޭސްބުކް ލައިކް ލިބިފައިވާ ބްރޭންޑްގެ ޝަރަފް ލިބުމުން އުރީދޫ އިން ވަނީ އެކަން ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފަ އެވެ.

އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ އެ ކުންފުނީގެ ފޭސްބުކް ޕޭޖަށް އެހާ ގިނަ ލައިކް ލިބުމުގެ ސިއްރަކީ ފޭސްބުކް "ފޭންސް"އާ ބާއްވާ ގާތް ގުޅުން ކަމަށެވެ.

"އަޅުގަނޑުމެން ފޭސްބުކް ބޭނުންކުރަނީ ކަސްޓަމަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް އަދި ފޭންސްއާ ދެމެދު ހިޔާލު ބަދަލު ކުރާ ޕްލެޓްފޯމެއްގެ ގޮތުގައި. އަޅުގަނޑުމެންގެ ޕޭޖަށް ލިބެމުންދާ ތަރުޙީބުން ދައްކުވައިދެނީ ކަސްޓަމަރުން ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާއި ހުރި ގުޅުން އިތުރުވެގެންދާކަން،" ވިކްރަމް ސިންހަ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކުންފުނިން ފޭސްބުކް ބޭނުން ކޮށްގެން ކަސްޓަމަރުންގެ ހިޔާލާއި ސުވާލުތަކަށް ވަގުތުން ވަގުތަށް ޖަވާބު ދިނުމަށް ވަރަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.

"ކަސްޓަމަރުން ދެމުންދާ ހިޔާލުތަކަކީ އަޅުގަނޑުމެންގެ ކާމިޔާބީ އަށް ވަރަށް އަގުހުރި ހިޔާލުތަކެއް ކަމަށްދެކެން. އަދި މުސްތަގުބަލުގައި ވެސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާ ގުޅުން ބަދަހިކުރަން މަސައްކަތް ކުރާނަން." އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.

އުރީދޫ އިން އެ ކުންފުނީގެ އެފްބީ ފޭނުންނަށް ބެސްޓް މޯމަންޓްސް ފޮޓޯ އަޕްލޯޑްކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ މުބާރާތެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ބެސްޓް މޯމަންޓްސްގެ ފޮޓޯ އުރީދޫ އެފްބީ ޕޭޖަށް އަޕްލޯޑް ކުރާއިރު ހޭޝްޓެގް "#ބެސްޓްމޯމަންޓްސް" އާ އެކު އަޕްލޯޑް ކުރުމުން މުބާރާތުގައި ބައިވެރި ވެވޭ އިރު، އަޕްލޯޑް ކުރާ ފޮޓޯތަކުގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ފޮޓޯއަކަށް ޖަންބޯ ޑޭޓާ 20ގެ ޕެކޭޖެއް ހިލޭ ރައުޓާއަކާ އެކު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދެވަނަ އަދި ތިންވަނަ އަށް އެންމެ ގިނަ ވޯޓް ލިބިވަޑައިގަންނަވާ ފޮޓޯތަކަށް ސެމްސަންގް ގެލަކްސީ އެލްޓީއީ ފޯނެއް 4G ޕެކޭޖަކާ އެކު ލިބޭއިރު ހަތަރުވަނަ އަދި ފަސްވަނަ އަށް އެންމެ ގިނަ ވޯޓް ލިބޭ ފޮޓޯތަކަށް އިނާމުގެ ގޮތުގައި އުރީދޫގެ "މައިފައި" ޑިވައިސް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު