ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ފާޅުގައި ވަންނަނީ

ބްރަސަލްސް (އޮގަސްޓް 31) : ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ފާޅުގައި ވަދެ ހަނގުރާމަ ކުރަމުން ގެންދާ ކަމަށް ޔުކްރޭންގެ ރައީސް ބީތްރޯ ބޯޝިންކޯ ވިދާޅުވެއްޖެ އެވެ.

ބްރަސަލްސްގައި އިއްޔެ ބޭއްވިޔޫރަޕްގެ އިއްތިޙާދުގެ ގައުމުތަކުގެ ސަމިޓްގައި ވާހަކަ ދައްކަވަމުން ބޯޝިންކޯ ވިދާޅުވީ ޔުކްރޭންގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ ސިފައިން ބަރުހަތިޔާރާ އެކު ވަންނަމުންދާ ކަމަށާ މިއީ ގަބޫލު ކުރެވޭނެ ކަމެއްނޫންކަމުގަ އެވެ. އަދި ޔުކްރޭންގައި ވަކިވެގަތުމަށް މަސައްކަތް ކުރަމުންގެންދާ ފަރާތްތަކުގެ ފަހަތުގައި ރަޝިޔާ ވާކަމަށް ވެސް ބޯޝިންކޯ ވިދާޅުވި އެވެ.

މިސަމިޓްގައި ވާހަކަ ދެއްކެވި ޔޫރަޕްގެ ގިނަ ލީޑަރުން ވިދާޅުވީ ޔުކްރޭނަށް ރަޝިޔާ ވަންނަމުން ދަނީ ރަޝިޔާ ބޭނުންވާ ގޮތަކަށް ޔޫރަޕްގެ ޗާޓު އަލުން ކުރެހުމުގެ މަގްސަދުގައި ކަމަށާއި ޔުކްރޭނަށް ރަޝިޔާ ސިފައިން ވަންނަ ނަމަ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އަޅަންޖެހިދާނެކަމުގަ އެވެ. ނަމަވެސް ރަޝިޔާގެ ތެލާއި ގޭހަށް ބަރޯސާވެފައިވާ ޔޫރަޕްގެ ގައުމުތަކަށް ރަޝިޔާއާ ދެކޮޅަށް އެޅޭނެ މާގިނަ އިގްތިސާދީ ފިޔަވަޅުތަކެއް ނެތް ކަމަށް އިގްތިސާދީ ތަޖްރިބާކާރުން ދެކެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ރަޝިޔާ ސިފައިންގެ އެހީތެރިކަމާ އެކު ޔުކްރޭންގެ އިދިކޮޅު ހަނގުރާމަވެރިން ގެންދަނީ އެގައުމުގެ އިރުމަތީ ސަރަހައްދުގައި ބާރުގަދަކުރަމުންނެވެ. މިގޮތުން ރަޝިޔާ ސިފައިންގެ އެތައް ހާސްބަޔަކު ޔުކްރޭންގެ ބިމުގައި އިދިކޮޅު ހަނގުރާމަވެރިންގެ ސަފުތަކުގައި ހަރަކާތްތެރިވަމުންދާ ކަމަށާއި ޔުކްރޭންގެ ދާޚިލީ ހަނގުރާމަ މިހާރު ބުރަވަނީ އިދިކޮޅު ހަނގުރާމަވެރިންގެ ކޮޅަށް ކަމަށް ވެސް ޢަސްކަރީ ރިޕޯޓްތައް ބުނެ އެވެ.

ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ރަޝިޔާއަކީ ނިއުކްލިޔާ ބޮޑު ބާރެއްކަން ޔުރަޕްގެ ލީޑަރުންނަށް ހަނދާންކޮށް ދެއްވައި ރަޝިޔާ އަށް ގޯނާ ކުރަން މަސައްކަތް ނުކުރުމަށް ޔޫރަޕްގެ ލީޑަރުންނަށް އިންޒާރު ދެއްވާފަ އެވެ. އަދި ޔުކްރޭނަށް ރަޝިޔާ ސިފައިން ވަންނަމުންދާ ވާހަކަތައް ކްރެމްލިން އިން ވަނީ ދޮގުކޮށްފަ އެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު