އިނގިރޭސި ލީގު: ލެސްޓާ ސިޓީން އާސެނަލް ހިފަހައްޓައިފި

އާސެނަލް ލަނޑެއް ޖަހައި ކުރި ހޯދިތާ ދެ މިނިޓް ފަހުން ފަހަތުން އަރައި މެޗުގެ ނަތީޖާ ހަމަހަމަކޮށް ލެސްޓާ ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ.

މެޗުގެ 20 ވަނަ މިނިޓްގައި ލަނޑެއް ކާމިޔާބުކޮށް އާސެނަލްއަށް ކުރި ހޯދައިދިނީ އެޓީމަށް އަލަށް ގުޅުނު ޗިލީ ފޯވާޑް އެލެކްސިސް ސަންޗޭޒް އެވެ. މިއީ ސަންޗޭޒް އެޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. އެހެން ނަމަވެސް އާސެނަލްއަށް އެ ލީޑު ހިފަހައްޓައިލެވުނީ ކުޑަ ހިނދުކޮޅަކަށެވެ. ބާސެލޯނާގެ ކުރީގެ ފޯވާޑް އާސެނަލްއަށް ލީޑު ނަގައިދިންތާ ދެ މިނިޓްފަހުން ލެސްޓާގެ އާޖެންޓީނާ ފޯވާޑް ލިއޮނާޑޯ އުލޮއާ ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ލެސްޓާގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ކުޅުނު މެޗުން އެއްވަރުވެ އެންމެ ޕޮއިންޓަކުން އާސެނަލްއަށް ފުއްދާލަން ޖެހުނުއިރު މި ނަތީޖާއާއެކު މިފަހަރުގެ ލީގުގައި އެޓީމު އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް މިވަނީ އެއްވަރުވެފައެވެ. މިދިޔަ ހަފްތާގައި އެވަޓަންއާ ދެކޮޅަށް އާސެނަލް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

މިއީ ލެސްޓާއަށް ވެސް އެޓީމުގެ އަމިއްލަ ދަނޑުގައި ޑްރޯ ނަތީޖާ ޖެހިޖެހިގެން ނެރުނު ދެވަނަ މެޗެވެ. މި ދެމެޗުން ވެސް އެޓީމަށް ނަތީޖާ ހަމަހަކޮށްދިން ލަނޑު ކާމިޔާބުކޮށްދީފައި ވަނީ، މި ޓްރާންސްފާގައި ކްލަބް ރެކޯޑް އަގަކަށް އެޓީމާ ގުޅުނު އާޖެންޓީނާ ފޯވާޑް އުލޮއާ އެވެ.

މެޗުގެ ފަހު ހާފުގައި ލެސްޓާގެ އުލޮއާ އާއި އޭނާގެ ބަދަލުގައި ކުޅެން އެރި ޖެމީ ވާޑީއަށް ނަތީޖާ ބަދަލުކޮށްލާނޭ ރަނުގެ ދެ ފުރުސަތެއް ލިބުނެވެ.

ލެސްޓާ އަތުން ލިބުނު ޕޮއިންޓާއެކު އާސީން ވެންގާގެ އާސެނަލްއަށް ލީގުގައި މިފަހަރު ކުޅުނު ތިން މެޗުން ލިބުނު 5 ޕޮއިންޓާއެކު އެޓީމު އޮތީ ލީގުގެ 7 ވަނައިގައެވެ. އަދި ލެސްޓާއަށް ތިން މެޗުން ލިބުނު 2 ޕޮއިންޓާއެކު އެޓީމު ވަނީ ތާވަލުގެ 15 ވަނައަށް ކުރިއަށް ޖެހިލާފައެވެ.

މެޗަށް ފަހު ވެންގާ ބުނީ، އޭނާގެ ޓީމަށް ކުރިއަށް ކުޅޭނޭ ރަނގަޅު އެއް ކުޅުންތެރިއަކު އަދި ވެސް ބޭނުން ކަމަށާއި މިފަހަރުގެ "ކުޅުންތެރިން ގަނެވިއްކުމުގެ ދޮރު" ބަންދުވުުގެ ކުރިން ރަނގަޅު ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރާނޭ ކަމަށެވެ.

"ކުޅުންތެރިއަކު ގަތުމަށް އަބަދުވެސް ޕްރެޝަރު އޮވޭ،" ވެންގާ ބުންޏެވެ. "އެކަމަކު އަހަރެމެން އަމިއްލައަށް މޮޔަ ހެދިގެން ގަބޫލުކޮށްގެން ނުވާނެ މެޗަކުން ބަލިވާއިރަަށް އެކަމުގެ ހައްލަކީ ކުޅުންތެރިއަކު ގަތުންކަން."

ލެސްޓާގެ ކޯޗު ނިޖެލް ޕިއަސަން ބުނީ، އާސެނަލް އަތުން ޕޮއިންޓެއް ލިބުމުން އުފާވި ނަމަވެސް މެޗުން މޮޅު ނުވެވުމުން މާޔޫސްވި ކަމަށެވެ. އަދި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އޭނާގެ ކުޅުންތެރިން ކަމަށާއި، ކުރިއަށް ހުރި މެޗުތަކުން މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް ނެރިވިދާނޭ ކަމަށް ގަބޫލު ކުރާކަމަށް ވެސް އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި އާދީއްދަ ދުވަހު ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ބްރެންޑަން ރޮޖާސްގެ އިރުޝާދުގެ ދަށުން ލިވަޕޫލު ކުޅުނު 100 ވަނަ މެޗުގައި އެޓީމު ވަނީ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-0 ލަނޑުން މޮޅުވެފައެވެ. އެޓީމުގެ ފުރަތަމަ ލަނޑު އަށް ވަނަ މިނިޓްގައި ރަޙީމް ސްޓާލިން ކާމިޔާބުކޮށްދިން އިރު ދެވަނަ ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން މެޗުގެ 49 ވަނަ މިނިޓްގައި ޖަހައިދިނީ ސްޓީވަން ޖެރާޑް އެވެ. އަދި ތިން ވަނަ ލަނޑު 60 ވަނަ މިނިޓްގައި ޖަހައި ދިނީ އަލްބާޓޯ މޮރޭނޯ އެވެ.

ވިލާ ޕާކްގައި ހަލްސިޓީއާ ދެކޮޅަށް ކުޅެ އެސްޓަން ވިލާ ވަނީ 2-1 ލަނޑުން މޮޅުވެފައެވެ. އެ މެޗުގައި އެސްޓަން ވިލާގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ މެޗުގެ 14 ވަނަ މިނިޓްގައި ގެބީ އަގްބޮންލަހޮރް އެވެ. ދެވަނަ ލަނޑު މެޗުގެ 34 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށް ދިނީ އަންދްރޭސް ވެއިމަން އެވެ. ހަލްގެ ހަމަ އެކަނި ލަނޑު މެޗުގެ 74 ވަނަ މިނިޓްގައި އެޓީމަށް ޖަހައި ދިނީ ނިކިޗާ ޖެލަވިޗް އެވެ.

މި ނަތީޖާ ތަކާއެކު އިނގިރޭސި ލީގު ތާވަލަށް ވަލާއިރު، ލިވަޕޫލް ވަނީ، 6 ޕޮއިންޓާއެކު ތާވަލުގެ ހަވަނައަށް ކުރިއަށް ޖެހިލައިފައެވެ. އަދި އެސްޓަން ވިލާ 7 ޕޮއިންޓާއެކު ތިންވަނައަށް ކުރިއަށް ޖެހިލިއިރު، ޓޮޓެންހަމް އޮތީ 6 ޕޮއިންޓާ އެކު ހަވަނައިގައެވެ. ހަލް އޮތީ، 4 ޕޮއިންޓާއެކު ނުވަނަވައިގައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި 9 ޕޮއިންޓާއެކު ޗެލްސީ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓު ހޯދި ނަމަވެސް ލަނޑުގެ ތަފާތުން ދެވަނައިގައި އޮތީ ސުވަންސީ ސިޓީއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު