ހޭންޑްބޯލްގެ ރައީސްކަމަށް އަނެއްކާ ވެސް އިބްރާހީމް އިސްމާއީލް

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް ކަމަށް އެމަގާމުގައި ކުރިން ވެސް ހުންނެވި، އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް އިންތިހާބުކޮށްފި އެވެ.

އިބްރާހީމް އިސްމާއީލް އެމަގާމަށް އިންތިހާބުކޮށްފައި ވަނީ، ރޭ ދަރުމަވަންތަ ސްކޫލްގައި ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާންމު އިންތިހާބުގައި ވޯޓުދިން މެންބަރުންގެ އިއްތިފާގުންނެވެ.

އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ އިބްރާހީމް އިސްމާއީލް އަކީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

ހޭންޑްބޯލް މޯލްޑިވްސްގައި ވޯޓުދެވޭ 16 މެންބަރުން ތިބި ނަމަވެސް ވޯޓުގައި ބައިވެރިވެފައި ވަނީ 9 މެންބަރުންނެވެ. އަދި މަގާމުތަކަށް އިތުރު މެންބަރުން ވާދަކޮށްފައި ނުވާތީ ވޯޓު ނަގާފައި ވަނީ، ފެންނަ ނުފެންނަ ބެލުމަށް ސިއްރު ވޯޓެކެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ރައީސްކަމުގެ މަގާމުގެ އިތުރުން އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ އެހެން މަގާމުތަކަށް ވެސް ވަނީ މެންބަރުން އިންތިހާބުކޮށްފައެވެ. އެގޮތުން ހިންގާ ކޮމިޓީގައި ކުރިންވެސް ތިއްބެވި ގިނަ މެންބަރުންތަކެއް މިފަހަރުވެސް އިންތިހާބުކޮށްފައި ވާއިރު އެ ކޮމިޓީއަށް މުޅިން އަލަށް އިންތިހާބުވެފައި ވަނީ އެންމެ މެންބަރެކެވެ. އަދި އެ ހުރިހާ މެންބަރުން ވެސް އިންތިހާބުވެފައި ވަނީ، ވޯޓުލީ މެންބަރުންގެ އިއްތިފާގުންނެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ކުރިއަށް އޮތް ދައުރުގެ ހިންގާ ކޮމިޓީގެ ނައިބު ރައީސަކަށް އިންތިހާބުކޮށްފައި ވަނީ، އަހްމަދު އިސްމާއީލް އެވެ. އަދި ހަޒާންދާރަކަށް އިންތިހާބުކޮށްފައި ވަނީ ކުރިން ވެސް އެ މަގާމުގައި ހުންނެވި އަބްދުﷲ ސަލީމް އެވެ.

ހިންގާކޮމިޓީގެ އިތުރު މެންބަރުންގެ ތެރޭގައި ހިމެނެނީ، މުޙައްމަދު ޝާން އާއި، މުޙައްމަދު ޒަރީރުއާއި މުޙައްމަދު ލަޠީފުއާއި ޢަލީ ނަސީރާއި، މުޒްހިރާ އިބްރާހީމްއެވެ. މީގެތެރއިން މުޒްހިރާއަކީ އެކްސްކޯގައި ހިމެނޭ ހަމައެކަނި އަންހެން މެންބަރެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ހިންގާ ގަވާއިދަށް ގެނެސްފައިވާ ބައެއް ބަދަލުތަކާއެކު، އެ ޖަމިއްޔާގައި ކުރިން އޮތް ޗެއާ ޕާސަންގެ މަގާމު ވަނީ، "ރައީސް"އަށް ބަދަލުކޮށްފައެވެ. އަދި ކުރިން އިންތިޚާބު ކުރަމުން އައި ޖެނެރަލް ސެކްރެޓަރީގެ މަގާމު، މިހާރު އިންތިހާބީ މަގާމެއްގެ ބަދަލުގައި ހަމަޖައްސާފައި ވަނީ، ރައީސް އައްޔަންކުރާ މަގާމަކަށެވެ.

ރާއްޖޭގައި ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ކުޅިވަރެއް ކަމުގައިވާ ހޭންޑްބޯލް އަކީ އޮލިމްޕިކް ކޮމިޓީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެސޯސިއޭޝަނަކަށް ވާއިރު އެ އެސޯސިއޭޝަނަކި އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނާއި އޭޝިއަން ހެންޑްބޯލް ފެޑެރޭޝަންގައި ވެސް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެ ދެ ފެޑަރޭޝަންގެ ވެސް މެންބަރު އެސޯސިއޭޝަނެކެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު