"ހިނިތުންވެލާށޭ ކަލާ!"

ގޭދޮށު ދެތިން ފިހާރައަކަށް ނުދާން ނިންމީމެވެ. އެންމެ ސަބަބަކާ ހުރެ އެވެ. ފިހާރަތަކުގެ ކައުންޓަރުތަކުގައި އެ ތިބޭ ސޭޓުން ނުވަތަ ކޭޝިއަރުންގެ "ރުންކުރު" ކަމުންނެވެ. އެތަންތަނަށް ގޮސް ދެތިން އެއްޗެއްގެ އަގު އަހާލާއިރަށް އެމީހުންނަށް އެހެރަވާ ގޮތެއްތާ އެވެ. އެ ހުންނަނީ މުޅި މީހާ "ރަތަށް" އަރާފަ އެވެ. ތުންގަނޑު ފޫޓަކަށް ނެރެގެންނެވެ. ޖަވާބު ދޭ އިރު ތިމަންނަ މިއީ ޖަވާބުދޭން ބަހައްޓާފައި ހުރި މީހެކޭ ހީވެސް ނުވާ ކަހަލަ އެވެ.

މި ބުނެވުނު ކަންތަައްތައް ބައެއް އެކުވެރިންނާ ވެސް ހިއްސާކުރީމެވެ. އެމީހުން ވެސް ބުނަނީ ހަމަ ދާދި އެއް ވާހަކަ އެކެވެ. ހަމަ އެއް ޝަކުވާއެކެވެ. އެ އެންމެގެ ފަރާތުން ވެސް އެނގުނު ގޮތުގައި އެއީ ރާއްޖޭގައި ހިދުމަތްދޭ ގިނަ ތަންތަނުގެހާލެވެ. އޭގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކާއި ބޮޑެތި ކުންފުނިތަކާއި ފިހާރަތައް ވެސް ހިމެނެ އެވެ. "ރުޅި މޫނު" ހަދައިގެން ތިބެ ހިދުމަތްދޭ ވާހަކަ އެވެ. އެފަދަ ބައެއް މީހުންގެ ވާހަކަތައް ހިއްސާ ކޮށްލާނަމެވެ.

އަލީ ޝިމާހް، 46، އަކީ އޭނާގެ ވަޒީފާގެ ގޮތުން ދުވާލަކު އެތައް ތަނަކަށް ގޮސް އެތަންތަނުން ހިދުމަތް ހޯދަންޖެހޭ މީހެކެވެ. ޝިހާމް ބުނާގޮތުން ރާއްޖޭގެ މުއައްސަސާތަކުގައި ހިދުމަތްދޭން ތިބޭ ކުދިންނަށް ހިނިތުންވާން ނޭނގުމަކީ ހިދުމަތް ހޯދަންދާ މީހުން މާޔޫސް ކޮށްލާ ކަމެކެވެ. ހޯދަންދާ ހިދުމަތާ ބެހޭ މައުލޫމާތު، ހިދުމަތް ދޭން ތިބޭ ކުދިންނަށް ނޭނގުމާއި އިތުރު މައުލޫމާތެއް ސާފްކޮށްލަން ސުވާލުކުރުމުން "ރޫޑް" ކަމާ އެކު ޖަވާބު ދޭތީ ހިދުމަތް ހޯދަން ދަތިކަމަށް އޭނާ ބުންޏެވެ.

"ރާއްޖޭގައި ވަރަށް މަދު ރަނގަޅަށް ހިދުމަތްދޭން އެނގޭ ރިސެޕްޝަނިސްޓުން. އެންމެ ބޮޑު އެއް މައްސަލައަކީ އެމީހުން ވާހަކަ ދައްކާ ފޫހި ރާގު. އަދި މޫނު މަތިން އެއްވެސް ހިނިތުންވުމެއް ނެތުން،" ޝިހާމް ބުންޏެވެ.

އެފަދަ ކަމެއް ދިމާވެފައިވާ އެހެން އެކުވެރިއެއްގެ ވާހަކަ ވެސް ހިއްސާކޮށްލާނަމެވެ. ހުސެއިން އަހުމަދު މީހަކާ އިނުމަށް ފޯމް ހުށަހަޅަން ފެމެލީ ކޯޓަށް ދިޔަ އެވެ. ފޯމް ހުށަހަޅަމުން ކައުންޓަރުގައި އިން ކުއްޖަކާ ސުވާލު ކޮށްލި އެވެ. "ކައިވެނިކޮށްދޭ ހަތް ދުވަސް ގުނަނީ ބަންދު ދުވަސް ވެސް ހިމަނައިގެންތޯ؟ ނުވަތަ ނޫންތޯ؟" އެކުއްޖާ ކުރެން ހުސެއިން އަހާލި އެވެ.

އެ ސުވާލުގެ ޖަވާބު ހުސެއިނަށް ލިބުނީ ތަންކޮޅެއް "ހޫނު" ކޮށެވެ. އެ ކުއްޖާ ދިން ޖަވާބަކީ "އެހެންވިއްޔާ ދުވަސް ގުނަނީ ދުނިޔޭގައި ލެއްވި ހުރިހާ ދުވަސްތަކެއް ހިމަނައިގެންތަ؟" މިއެވެ.

"ހިތަށްއެރި ސުބުހާނަﷲ އޭ! މިއީ ކޮންތާކުން ތަމްރީނު ކޮށްފައި ތިބި ބަޔެއްބާއޭ. ދުވަހަކު ވެސް އެ މީހުންންގެ ކިބައިން ހިދުމަތް ހޯދާކަށް ނުދާނަމޭ ހިތަށް އަރުވައިގެން މަމިހުންނަނީ،" ހުސެއިން ބުންޏެވެ. މިފަދަ އެތަކެއް ހާދިސާއެއް ހަމަ އެ ވުޒާރާ އިން ތަފާތު އެކުވެރީންނަށް ދިމާވެފައި އެބަހުއްޓެވެ.

އެއް އަހަރުގެ ތުއްތު ކުއްޖެއްގެ މަންމައެއް ކަމަށްވާ މަރިޔަމް ޝީޒާ ބުނާ ގޮތުން އޭނާ އަށް ކޮންމެ މަހަކު ވެސް ދަރިފުޅު ގޮވައިގެން ކިރަންދާ ދުވަހަކީ ހިތްދަތި ދުވަހެކެވެ. އޭނާ ބުނާ ގޮތުން އޭނާގެ ދަރިފުޅު ކިރަން ގެންދާ ދުވަސްދުވަހު އެ ތަނުގައި ހިދުމަތް ދޭން ތިބޭ ބައެއް މީހުން ހިދުމަތް ދެނީ ހިތްހަމަ ނުޖެހި ރުޅި އައިސްތިބެ އެވެ. އެކަމުގެ ސަބަބުން ހިދުމަތް ހޯދަން ދާހިތް ނުވާކަމަށް ޝީޒާ ބުންޏެވެ.

"ބައިވަރު ތުއްތު ކުދިން ގޮސް މި ތިބެނީ ކިރަން. އެކަމަކު އެ ހިދުމަތްދޭން ތިބޭ މީހުން ތިބެނީ ރުޅިއައިސް ރަތްވެފައި. ކުޑަކުއްޖަކާ ދިމާއަށް ލޯބިން ބަލާލައި ހީވެސް ނުލާނެ. ދެން މަށަށް ހީވަނީ އެމީހުން ކުރާ ހިތްނުވެ ތިބެ ދޭ ހިދުމަތެކޭ މިއީ. އެހެންވެ މަ ދާހިތެއް ނުވޭ ދަރިފުޅު ގޮވައިގެން ކިރަން ވެސް،" ޝީޒާ ބުންޏެވެ.

މުހައްމަދު ނަދީމަކީ މާލެއާއި ވަކިން އޮންނަ މާލޭގެ އަވަށެއްގައި ދިރިއުޅޭ މީހެކެވެ. ވަޒީފާ އަދާކުރުމަށް ޓަކައި ކޮންމެ ދުވަހަކު ނަދީމް މާލެ އަންނަން ޖެހޭ އިރު އޭނާ އަށް އެންމެ ދަތިވާކަމަކީ މާލެ އައުމަށާއި އެނބުރި ދިއުމަށް ފެރީ ޓިކެޓް ނެގުމެވެ. ކީއްވެ ހެއްޔެވެ؟ "ޓިކެޓް ވިއްކަން ތިބޭ މީހުން ރުޅިމޫނު ހަދާތީ" އެވެ. އެއީ "ފޫހި ކަމާއެކު ދޭ ހިތުމަތަކަށް ވާތީ" އެވެ.

ރާއްޖޭގައި ތައުލީމު އުނގަންނައި ދިނުމާއި ތަރުބިއްޔަތު ކުރުވުމުގެ އެންމެ ފަހުގެ މަރުހަލާ އަދާކުރާ މަތީ ތައުލީމަށް ކިޔަވައިދޭ ގިނަ ތަންތަނުގެ ހާލަތު ވެސް މިފަދަ އެވެ.

"އަޅުގަނޑު އެންމެ ގިނައިން މުއާމަލާތް ކުރަން ޖެހޭ ބޭފުޅުންގެ ތެރޭގައި ކައުންޓަރުގައި އެ ތިއްބަވާ ބޭފުޅުން ހިމެނޭ. އެސައިންމަންޓްތައް ހަވާލު ކުރުން، ނަތީޖާ ސާފުކުރާށާ އަދި ވެސް އެފަދަ ބައިވަރު ކަންތައް. އެހެން ނަމަވެސް ގިނަ ފަހަރު ހިދުމަތް ހޯދަން ގޮސް ކުރިމަތިލާން ޖެހޭ ބޭފުޅުން މި ތިއްބަވަނީ ރުޅިއައިސް ރަތްވެފައި. ފަހަރެއްގަ ވެދާނެ ގޭތެރޭގައި ދިމާވާ މައްސަލައެއްގައި އޮފީހަށް އައިސް ރުޅިގަނޑު ބާލަނީ ކަމަށްވެސް،" ގައުމީ ޔުނިވާސިޓީގައި މަތީތައުލީމް ހާސިލުކުރަމުން އަންނަ މުޙައްމަދު ރިޝްވާން ބުންޏެވެ.

މިއީ ބައެއް ތަންތަނުގެ ވާހަކަ ނަމަވެސް ގިނަ ތަންތަނުގެ ހާލަތު ހުރީ މިފަދައިންނެވެ. އިސްވެ މި ފާހަގަކޮށްލި ފަރާތްތަކުގެ އިންޓަވިއުތައް ރިޕޯޓްގައި މި ހިމަނާލީ އެ ފާހަގަކުރި އިދާރަތަކުގެ ކައުންތަރުތަކުގައި ހިދުމަތްދޭންތިބޭ ފަރާތްތަކުގެ "ރުޅި މޫނުގެ" ވާހަކަ އެތައް ބަޔެއްގެ ކިބައިން އަޑުއިވި އެއީ ހަގީގަތެއްކަން ޔަގީން ވުމުންނެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވާ ގޮތުގައި، ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަކީ "ހިތްހެޔޮކަމާއި ހިނިތުންވުމާ"އެކު ރައްޔިތުންނަށް ހިދުމަތް ދޭން ތިބޭ ބަޔަކަށް ވާންޖެހެ އެވެ. ސިއްހީ ދާއިރާއިން "އުނިވެފައި" ވަނީ "އޯގާތެރިކަން" ކަމަށް އޭނާ ވިދާޅުވި އެވެ. ސިއްހީ ދާއިރާގެ އެ "އުނިކަން" ނެތިކޮށްލުމަށް ހިނިތުންވުމާ އެކު ހިދުމަތް ދޭން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ރައްޔިތުންނަށް ހިދުމަތް ދޭން ތިބި ބައެއް. ފުރަތަމަ ކައުންޓަރާ ދިމާވާއިރު މޫނުން 'ފޫގަޅާފަ' ހުންނަ މީހަކާ ދިމާވީމާ ބަލި މީހާގެ އެ ބަލި ވެސް އިތުރު ވާނެ ކަމަށް އަޅުގަނޑައް ބެލެ ވެނީ. އެއްވެސް ވަރަކަށް އިހާނެތިކޮށް ނުހިތާ ވީހާ ވެސް ހަމްދަރުދީ ގޮތަށް ކަންކަން ކުރަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އެކި ތަންތަނުގެ ކައުންޓަރުތަކުގައި ހިދުމަތްދޭން ތިބޭ މީހުންނަކީ އެމީހަކަށް ވަޒީފާ ދިން ފަރާތަކުން މުސާރައެއް ދީގެން ބައިތިއްވާފައި ތިބޭ ބައެއްކަން ވެސް އޭގެ ތެރެއިން ގިނަ މީހުންނަށް އިހުސާސް ނުކުރެވޭ ފަދައެވެ. އެހެނަސް އެމީހުންގެ ވަޒީފާއަކީ ހިދުމަތް ހޯދަން އަންނަ މީހާއަށް ރަނގަޅު ހިދުމަތެއް ދިނުމެވެ. އެ ހިދުމަތް ވާންޖެހޭނީ ހިދުމަތް ހޯދަން އަންނަ މީހާ ހިތްހަމަޖެހޭވަރުގެ ހިދުމަތަކަށެވެ. އެކަން ވާނީ ހިނިތުންވުމާ އެކު ހިދުމަތެއް ދީގެންނެވެ. ހިދުމަތް ހޯދަން އަންނަ މީހާ ދެވަނަ ފަހަރަށް އަންނާނީ ވެސް އަދި އޭނާ އެ އިދާރާއެއް ނުވަތަ ކުންފުއްޏަކާ މެދު ދެކޭގޮތް ރަނގަޅު ވާނީ ވެސް އޭރުންނެވެ. މިއީ ދޮގެއްތޯ އެވެ؟

ކަސްޓަމަރުންނަށް ހިނިތުންވުމާއެކު ހިދުމަތް ދިނުމަށް މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯ އިން ވަނީ މީގެ ދުވަސްކޮޅެއް ކުރިން "ސްމައިލް ކެމްޕެއިން"ގެ ނަމުގައި ރަނގަޅު ކެމްޕެއިނެއް ފަށާފަ އެވެ. އެސްޓީއޯ އިން ބުނާ ގޮތުން އެ ކެމްޕެއިންގެ ބޭނުމަކީ ކަސްޓަމަރުންނަށް ހިނިތުންވުމާ އެކު ހިދުމަތް ބޭނުންވާތީ އެ ބޭނުން ފުއްދައިދިނުމެވެ.

އަހަރެމެންގެ މާތްވެގެންވާ އިސްލާމްދީނަށް ބަލާ އިރު ވެސް އެކަކު އަނެކަކާ ބައްދަލުވާހިނދު "ހިތް ހެޔޮކަމާއި ހިނިތުންވުމާ އެކު" މުއާމަލާތުކުރުމަށް ވަރަށް ބޮޑަށް ބާރުއަޅަ އެވެ. އެގޮތުން ތިމާގެ އަޚާ ނުވަތަ އުޚުތާ ބައްދަލުވާހިނދު އުފާވެރި މޫނަކާއިގެން ބައްދަލުކުރުމަކީ ޟަދަގާތެއް ކަމަށް އަހަރެމެންގެ މި ދީނުގައި އަންގަވާފައިވެ އެވެ.

ކަލާއެވެ! ކަލާއަށް މުސާރަ ކަނޑައަޅާފައި ތިޔަ ކައުންޓަރުގައި އިންނަނީ ކަސްޓަމަރުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަކަށް ނޫންތޯ އެވެ؟ އެހެން ކަމުން ހިދުމަތް ހޯދަން އަންނަ މީހާއަށް ފުރަތަމަ ދެވޭ ހަދިޔާއަކަށް "ކަލާގެ ރީތި ހިނިތުންވުން" ހަދާށެވެ. އެހެނީ، ކަލާއަށް ވެސް އަދި ކަލާ ވަޒީފާ އަދާކުރާ ތަނަށްވެސް އެންމެ ފައިދާ ބޮޑީ މިގޮތުގައި ކަމަށް ވާތީ އެވެ. ކަލާ ހިނިތުން ވެލާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް