ޓީ-20 ބްލާސްޓް: ބަނގުލަދޭޝް އަތުން މޮޅުވެ ސިފައިން ސެމީއަށް

ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓީ-20 ބްލާސްޓް ކްރިކެޓް މުބާރާތުގައި މިއަދު ހަވީރު ބަނގުލަދޭޝް ހައިކޮމިޝަންގެ ޓީމު އަތުން 61 ލަނޑުން މޮޅުވެ ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދައިފި އެވެ.

ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ޓޮސް ދިމާވުމުން ސިފައިން ގަސްދުކުރީ ކުޅެން އަރާށެވެ. އެގޮތުން އެޓީމު ކުޅެންއަރައި 20 އޯވަރު ތެރޭގައި ފަސް ވިކެޓަށް 192 ލަނޑު ހެދިއެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ހަދާފައިވާ އެންމެ މަތީ ސްކޯއެވެ.

މިއަދުގެ މެޗުގައި ސިފައިންގެ ޓީމުގެ މުޙައްމަދު ރިޝްވާން ވަނީ، މިއަހަރުގެ ފުރަތަމަ "ސެންޗަރީ" 47 ބޯޅައިން 111 ލަނޑު ހަދައިފައެވެ. އެޓީމަށް ދެން އެންމެ ރަނގަޅަށް ކުޅުނީ 21 ލަނޑުހެދި މުހަންމަދު އެވެ.

ޖަވާބުގައި ކުޅެން އަރައި ބަނގުލަދޭޝް ޓީމަށް 17 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 131 ލަނޑެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 51 ލަނޑުހެދި ސުހޭލް މިއާ އެވެ.

މި މެޗުގައި އެންމެ ރަގަޅަށް އުކީ 2.2 އޯވަރު 7 ލަނޑަށް 3 ވިކެޓްނެގި ސިފައިންގެ ޓީމުގެ މުހަންމަދު ފައިސަލް އެވެ.

ގައުމީ ފެންވަރުގެ ކްރިކެޓް މުބާރާތެއްގައި ސިފައިން ވާދަކުރާ ފުރަތަމަ މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި އިއްޔެ ހެނދުނު ވެސްޓް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް މެޗު ކާމިޔާބުކުރީ 10 ވިކެޓުންނެވެ.

މުބާރާތުގައި ދެން އެންމެ އަވަހަށް މެޗެއް ކުޅޭނީ އަންނަ ހުކުރު ދުވަހު ހެނދުނު އެވެ. ހެނދުނު 8:00ގައި ކުޅޭ އެ މެޗުގައި އިންޑިއާ ބްލޫސްއާއި ވައިޑީޕީ ވާދަކުރާން ހަމަޖެހިފައިވާ އިރު އެދުވަހު މެންދުރު ފަހު 3:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ވެސްޓް ސްޕޯޓްސް އާއި ސްރީ ލަންކާ ހައިކޮމިޝަންގެ ޓީމެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު