ޓީ-20 ބްލާސްޓް: ސިފައިންނާއި ލަންކާއާއި އިންޑިއާ ބްލޫސް ފެށުން ރަނގަޅުކޮށްފި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ޓީ-ޓުވެންޓީ ބްލާސްޓް ކްރިކެޓް މުބާރާތުގެ ފުރަތަމަ ތިން މެޗުގައި ވާދަކުރި، އެމްއެންޑީއެފްގެ ޓީމާއި ސްރީލަންކާ ހައިކޮމިޝަނާއި އިންޑިޔާ ބްލޫސް އިން ފެށުން ރަނގަޅުކޮށްފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހެނދުނު ވެސްޓް ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް ސިފައިން މެޗު ކާމިޔާބުކުރީ 10 ވިކެޓުންނެވެ. އަދި އިއްޔެ މެންދުރު ފަހު ކުޅުނު މުބާރާތުގެ ދެވަނަ މެޗުގައި ބަނގުލަދޭޝް ހައިކޮމިޝަންގެ ޓީމު އަތުން ލަންކާ ޓީމު މޮޅުވީ 8 ވިކެޓުންނެވެ. އަދި މިއަދު ހެނދުނު ކުޅުނު މެޗުން މާލޭ ސްޕޯޓްސް ކްލަބާ ވާދަކޮށް އިންޑިޔާ ބުލޫސް މޮޅުވީ 5 ވިކެޓުންނެވެ.

މުބާރާތް ހުޅުވި މެޗުގައި ޓޮސް ދިމާވުމުން ވެސްޓް ކުޅެންއަރައި 20 އޯވަރުގެތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހަދާފައި ވަނީ 96 ލަނޑެވެ. އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 17 ބޯޅައިން 24 ލަނޑުހެދި ގޮޑްވިންއާއި 15 ބޯޅައިން 18 ލަނަޑުހެދި އަލީ ޠާލިބް އެވެ. ސިފައިންގެ ޓީމުން މުހަންމަދު ފައިސަލް 6 ލަނޑަށް ދެ ވިކެޓް، މުހަންމަދު ރިޝްވާން 11 ލަނޑަށް ދެ ވިކެޓް ނެގިއިރު، ޖަވާބުގައި އެޓީމުން ކުޅެންއަރައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 100 ލަނޑު ހެދިއެވެ. އޭގެ ތެރޭގައި ރިސްވާން 68 ލަނޑު އަދި ލުއިސް ހެދި 17 ލަނޑު ހިމެނެއެވެ.

ދެވަނަ މެޗުގައި މެޗުގައި ޓޮސްދިމާވުމުން ލަންކާ ޓީމުން ގަސްދުކުރީ ހޮވާށެވެ. އެގޮތުން ބަނގުލަދޭޝް ޓީމުން ކުޅެން އަރައި 20 އޯވަރުގެތެރޭގައި 132 ލަނޑު ހެދި އެވެ. އެޓީމުގެ އަލްއަމީން 32 ލަނޑު ހެދިއެވެ.

ލަންކާ ޓީމުން ޖަވާބުގައި ކުޅެންއަރާ 18.2 އޯވަރުގެތެރޭގައި 137 ލަނޑުހެދި އެވެ. އެ ޓީމުގެ ރޯޝްން 55 ލަނޑު، އައްޒާމް 27 ލަނޑު، އަދި ނިލާންތަ 41 ލަނޑު ހެދިއެވެ.

މުބާރާތުގެ ތިން ވަނަ މިޗެގައި މިއަދު ހެނދުނު ޓޮސް ދިމާވުމުން މާލޭ ސްޕޯޓްސް ގަސްދުކުރީ ކުޅޭށެވެ. އެގޮތުން އެޓީމުން ކުޅެންއަރައި 20 އޯވަރުގެތެރޭގައި ހުރިހާ ކުޅުންތިރިން ނުބައިވެގެން ހެދުނީ 113 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 58 ބޯޅައިން 60 ލަނޑުހެދި އަހްމަދު ހަސަނާއި 16 ލަނޑުހެދި އަހްމަދު ޒައިދު ނާސިހު އެވެ. އިންޑިޔާ ބުލޫސްއިން އެންމެ ރަގަޅަށް އުކީ ހަތަރު އޯވަރު 13 ލަނޑަށް 3 ވިކެޓްނެގި ދިނޭސް އެވެ.

ޖަވާބުގައި އިންޑިޔާ ބުލޫސް ކުޅެންއަރައި އެޓީމުން ވަނީ 16 ވަނަ އޯވަރުގައި 5 ކުޅުންތެރިން ނުބައިވެގެން 115 ލަނޑު ހަމަކޮށްފައެވެ. އެގޮތުން އެޓީމުން އެންމެ ރަގަޅަށް ކުޅުނީ 40 ބޯޅައިން 46 ލަނޑުހެދި ރާއްޖޭ ގައުމީ ޓީމުގެ އިސްމާއިލް އަލީއާއި 25 ލަނޑުހެދި އަބްދުﷲ ޝާހިދުއެވެ. މާލޭ ސްޕޯޓްސް އިން ވިކެޓްނެގީ 21 ލަނޑަށް 3 ވިކެޓްނެގި ޒައިދު އެވެ.

ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނޭ 14 ކުޅުންތެރިއަކު މި މުބާރާތުގައި ރޭންކް ކުރެވިފައިވާ އިރު މުބާރާތުގެ ގަވައިދުގައިވާ ގޮތުން ކޮންމެ ޓީމެއްގައި ވެސް އޭގެ ތެރެއިން ގިނަވެގެން ތިން ކުޅުންތެރިން ހިމެނިދާނެ އެވެ.

ޓީ-20 ބްލާސްޓްގެ ހަތަރު ވަނަ މެޗު ކުޅޭނީ މިއަދު މެންދުރު ފަހު 3:00 ގައެވެ. އެ މެޗުގައި ބައްދަލުކުރާނީ ސިފައިންނާއި ބަނގްލަދޭޝްގެ ޓީމެވެ. ކުޅުން ކުރިއަށްދާނީ ކުޅިވަރު އެކުވެނީގެ އެއް ނަންބަރު ކްރިކެޓް ދަނޑުގައެވެ.

މިއީ ރާއްޖޭން ބޭރުގެ ޓީމުތަކެއް ބައިވެރިކޮށްގެން ގައުމީ ފެންވަރުގެ ކްރިކެޓް މުބާރާތެއް ރާއްޖޭގައި ނުބާއްވާތާ ބައި ގަރުނަށް ފަހު ކްރިކެޓް ބޯޑުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މިފަދަ މުބާރާތެއް އެންމެ ފަހުން ބާއްވާފައި ވަނީ 1953 ވަނަ އަހަރުގައި ކަމަށް ކްރިކެޓް ބޯޑުން މައުލޫމާތު ދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު