އިންތިޒާރު ނިމުމަކަށް:
ޖޮލީ އާއި ޕިޓް ކައިވެނިކޮށްފި

ހޯލީވުޑްގެ "މަތީ އުޑުގައި" ފިޔަ ޖަހަމުން އަންނަ ދެ ލޯބިވެރިން ކަމަށްވާ މަޝްހޫރު ފިލްމީތަރި ބްރެޓް ޕިޓާއި އދ.ގެ ހައިކޮމިޝަނާ އޮފް ރެފިއުޖީސް އެމްބެސެޑަރު އަދި ފިލްމީ ތަރި އެންޖަލީނާ ޖޮލީ އެންމެ ފަހުން ކައިވެނީގެ ގޮތުން ގުޅި އެ ދެ ތަރިންގެ ފޭނުންގެ އިންތިޒާރީއަށް ނިމުމެއް ގެނެސް ދީފި އެވެ.

އެ ދެމީހުން އިންނާނީ ކޮން އިރަކު؟ ކޮންތާކު؟ އަދިވެސް ނީނދެ އުޅެނީ ކީއްވެ؟ އަނެއްކާ އެ ދެ މީހުން އުޅެނީ އިނދެގެންތަ؟ މިފަދަ އެތަކެއް ސުވާލުތަކެއް ދެ ފަންނާނުންގެ ސަޕޯޓަރުންގެ ހިތްތަކުގައި އުފެދިފައިވާ އިރު، އެ ސުވާލުތަކުގެ ޖަވާބު އެ ދެލޯބިވެރިން ދީފައި ވަނީ، މީޑިއާއަށް ވެސް އެހާބޮޑު ސަމާލުކަމެއް ހޯދައި ނުގަނެވޭ ފަދަ ގޮތަކަށް ދެކުނު ފްރާންސްގެ އެކަހެރި "ކިއްލާއެއްގައި"، މިދިޔަ ހޮނިހިރު ދުވަހު ކަމަށް އެ ދެލޯބިވެރިންގެ ތަރުޖަމާނު ވަނީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)އަށް ކަށަވަރުކޮށްދީފަ އެވެ.

ނަން ހާމަ ނުކުރަން ޝަރުތުކޮށް އޭޕީއަށް މައުލޫމާތުދިން ސްޕޯކްސްވުމަން ބުނީ، އެ ދެ ތަރިން ކައިވެނީގެ ގޮތުން ގުޅުނީ، ދެކުނު ފްރާންސްގެ ކޮރެންސް ޕްރޮވިންސްގައި 2008 ވަނަ އަހަރުން ފެށިގެން އެ ދެ ލޯބިވެރިން ދިރިއުޅެމުން އަންނަ ޗަޓާއޫ މިރަވެލްގެ އެކަހެރި ފައްޅިއެއްގައި ކަމަށެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ގާތްގަނޑަކަށް 10 ވަރަކަށް އަހަރުވެފައިވާ ޖޮލީ އާއި ޕިޓްގެ ހަ ދަރިން ވެސް އެ ދެ މީހުންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވި އެވެ.

ދެ ލޯބިވެރިންގެ ކައިވެނި ސިއްރިއްޔާތުގައި ރޭވިގެން ދިޔައިރު، އެ ދެ ތަރިން ދަނީ، ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ބޮޑު ދެ ފިލްމު ޕްރޮމޯޓު ކުރުމުގެ ކަންތަކުގައި ވެސް އަވަދި ނެތިއުޅެމުން ނެވެ. އެގޮތުން ޕިޓް ހަރަކާތްތެރިވާ ފިލްމެއް ކަމަށްވާ ވޯލްޑް ވާ II ޑްރާމާ "ފިއުރީ" ރިލީޒު ކުރުމަށް ހަމަޖެހިފައި ވަނީ، އޮކްޓޫބަރު 17ގަ އެވެ. އަދި ޖޮލީ ހަރަކާތްތެރިވާ ވޯލްޑް ވާ II އޮޑިއްސީ "އަންބްރޯކަން" އަންނަ ޑިސެންބަރުގައި ރިލީޒް ކުރާނެއެވެ.

ކައިވެންޏަށް ފަހު "މާމުއި ހަނދަށް" ދިއުމުގެ ބަދަލުގައި ޕިޓް ހަރާކާތެރިވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުކޮޅުގައި އެމެރިކާ ސިފައިން ޓޭންކުތަކުގައި ޔޫރަޕްގައި ހަރަކާތްތެރިވި ނާޒު ދަނޑިވަޅުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފިލްމު ފިއުރީ އިނގިރޭސިވިލާތުގައި ޕްރޮމޯޓު ކުރުމަށެވެ.

ދިރާސާކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި މި ދެ ތަރިންގެ ފިލްމު ވެސް ހޮލީވުޑްގެ އެވޯޑްސް ސީޒަންގައި ރަނގަޅު ކާމިޔާބުތަކެއް ހޯދާނެ އެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު