ޝަކީރާ ދެ ވަނަ ދަރިފުޅަށް ބަނޑު ބޮޑުވެއްޖެ

ނިއު ޔޯކް (29 އޯގަސްޓް)- މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އިސަބެލް މެބަރަކް ދެ ވަނަ ދަރިފުޅަށް ބަލިވެއިން ކަން އިއުލާނުކޮށްފި އެވެ.

ކޮލަމްބިޔާއަށް ނިސްބަތްވާ މިހާރު އުމުރުން 37 އަހަރުގެ ޝަކީރާ އޭނާގެ ދެ ވަނަ ދަރިފުޅަށް ބަނޑު ބޮޑުވިކަން އިއުލާނުކޮށްފައި ވަނީ އޭނާގެ ފޭސްބުކް ޕޭޖާއި ޓްވިޓާގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ. ޝަކީރާ ބަނޑުބޮޑުކަން ހާމަކޮށް މެސެޖް ލިޔެފައިވާ އެކައުންޓް ތަކަކީ އޭނާގެ އަސްލު އެކައުންޓުކަން ކަށަވަރު ކަމަށް އޭޕީގައި ލިޔެފައިވެ އެވެ.

"އާނ، އަހަރެމެންގެ ދެ ވަނަ ދަރިފުޅުގެ އުންމީދުގައި މި ތިބީ!! އެންމެންގެ ހެޔޮ އެދުންތަކަށް ޝުކުރުވެރިވަން،" ގްރެމީ އެވޯޑް ހާސިލްކޮށްފައިވާ ހުނަރުވެރި ލަވަކިޔުންތެރިޔާ ލިޔެފައިވެ އެވެ.

ޝަކީރާ އޭނާގެ މާބަނޑުވުމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.


ބާސެލޯނާ އާއި ސްޕެއިންގެ ގައުމީ ޓީމުގެ ޑިފެންޑަރު ޖެރާޑް ޕީކޭ، 27، އާއި ޝަކީރާގެ ފުރަތަމަ ދަރިފުޅު، މިލާން ޕީކޭ މެބަރަކް އުފަންވީ 22 ޖެނުއަރީ 2013ގަ އެވެ.

އެމްޓީވީ މިއުޒިކް އެވޯޑްސް ފަސް ފަހަރު، ގްރެމީ އެވޯޑްސް ދެ ފަހަރު، ލެޓިން ގްރެމީ އެވޯޑްސް އަށް ފަހަރު، ބިލް ބޯޑް މިއުޒިކް އެވޯޑް ހަތް ފަހަރު އަދި މި ނޫން ވެސް ގިނަ މިއުޒިކު އެވޯޑްތަކެއް ހާސިލްކޮށްފައިވާ ޝަކީރާއަކީ ލަވަ ކިޔުމުގެ އިތުން އިޖުތިމާއީ ހިދުމަތުގައި ވެސް ހަރަކާތެރިވާ ފަންނާނެކެވެ.

ފޯބްސްއިން ހޮވާ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ އަންހެނުންގެ، 2014 ވަނަ އަހަރުގެ ލިސްޓުގައި ޝަކީރާ ހިމެނެނީ 58 ވަނައިގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު