އަސީލަށް ހަމަލާދިން މައްސަލާގައި ކުޑަކުއްޖަކާ ދެ މީހަކު ހައްޔަރުކޮށްފި

މިދިޔަ ހަފްތާގެ ތެރޭގައި އިސްކަންދަރު ސްކޫލް ކުރިމަތީގައި އޮންނަ "ދިދި" ގޯޅިގަނޑުގެ ތެރޭގައި ވަޅިން ހަމަލާދީ ޒަޚަމްކޮށްލުމުން ފަރުވާދެނިކޮށް މަރުވި ތ. ތިމަރަފުށީ، ބްލޫނިއާގެ އަހުމަދު އަސީލްގެ މަރުގެ މައްސަލާގައި ކުޑަކުއްޖަކާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އަހުމަދު އަސީލު، 19، އަށް ހަަމަލާދިން މައްސަލާގައި ބަޔަކު ހައްޔަރުކުރިކަން ފުލުހުން ހާމަކުރި މިއީ ފުރަތަމަ ފަހަރެވެ. ނަމަވެސް ފުލުހުން އެ މީހުން ހައްޔަރުކޮށްފައި ވަނީ ކޮންއިރަކު ކަމެއް ހާމައެއް އަދި ނުކުރެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު ހިނގި އެ ހާދިސާގައި އަސީލްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީ ޒަޚަމްކޮށްލިއިރު، އަސީލަށް ލިބުނު އަނިޔާގެ ސީރިއަސް ކަމުން އޭނާގެ ފައި ވެސް ވަނީ ބުރިކޮށްލައިފަ އެވެ. އަދި އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން ދެނިކޮށް ހަތް ދުވަސް ފަހުން މިއަދު އޭނާ ވަނީ މަރުވެފަ އެވެ.

އާއިލާގެ މެމްބަރަކު "ސަން"އަށް މިއަދު ބުނީ އަސީލު މަރުވީ އޭނާގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތް ކަމަށް ޑޮކްޓަރުން އިއްޔެ ބުނެފައިވަނިކޮށް ކަމަށެވެ. ފުލުހުންގެ ފޮރެންސިކް ތަހުލީލުތައް ކުރުމަށްފަހު އޭނާގެ ހަށިގަނޑު ވަޅުލުމަށްޓަކައި އަސީލްގެ ހަށިގަނޑު މިރޭ ވަނީ އާސަހަރާ އަށް ގެންގޮސްފަ އެވެ.

އަސީލުއަށް ތޫނުއެއްޗަކުން ހަމަލާ ދިން އެ ހާދިސާގައި އޭނާގެ އިތުރުން އުމުރުން 20 އަހަރާއި 13 އަހަރުގެ ކުޑަކުއްޖަކަށްވެސް ވަނީ ޒަހަމްވެފަ އެވެ. އަދި އެ ދެ މީހުން ފަރުވާއަށްފަހު ހަމަލާދިން ރޭ ވަނީ ދޫކޮށްލާފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު