މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި

ފައިސާ ހޯދުމަށް ޓަކައި މީހަކު ރަހީނު ކުރި ކަމުގެ ތުހުމަތުގައި ފަސް މީހަކު ފުލުހުން ހައްޔަރުކޮށް، ރަހީނުކުރި މީހާ ސަލާމަތްކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދެ މީހުންނާއި 38 އަހަރާއި 30 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން، 36 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 34 އަހަރުގެ އެކަކާއި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، ތިލަފުށީގައި އޮތް "އެވާ ވިން ފްރެޝް" ނަމަކަށް ކިޔާ ދޯންޏަކުން އަރައި، އެ މީހުންނަށް ދޭން ޖެހޭ ފައިސާއެއް ނުދީގެން ކަމަށް ބުނެ އެ ދޯނީގައި ހުރި މީހެއްގެ ގައިގައި ތަޅާ މާރާމާރީ ހިންގުމަށްފަ ހު، ވާގަނޑަކުން އެމީހާ ބަދެ، އޭނާ ރަހީނުކޮށްގެން މާލޭގެ ގެއަކަށް ގެންގޮސް، އެ މީހާ ގޮވައިގެން މާލޭގެ ގެއެއްގައި ތިބި ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މީގެ އިތުރުން، އެ މީހުން އެރި ދޯނީގައި ހުރި ބައެއް ތަކެތި އެހެން ދޯންޏަކަށް އަރުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ހިމެނޭ އުމުރުން 34 އަހަރުގެ އަނެއް މީހާ ހައްޔަރު ކޮށްފައި ވަނީ އެ މީހުން އެރި ދޯނީގައި ހުއްޓާ އެ ރޭގެ ފަތިހުގެ ވަގުތެއްގައި ކަމަށާއި 36 އަހަރުގެ މިހާ ހައްޔަރުކޮށްފައި ވަނީ މި އަމަލު ހިންގުމަށް އެހީތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހަމަ އެރޭގެ ވަގުތެއްގައި ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ 30 އަހަރުގެ މީހާ ހައްޔަރު ކޮށްފައި ވަނީ އެ ކަންތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް އުޅެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން 34 އަހަރުގެ ދެ މީހުންނާއި 38 އަހަރުގެ މީހާ މިހާރު ތިބީ ގޭ ބަންދުގަ އެވެ. އަދި ހައްޔަރުކުރި 36 އަހަރުގެ ބަންގްލަދޭޝް މީހާ އާއި 30 އަހަރުގެ މީހާ ތިބީ ފުލުހުންގެ ހައްޔަރުގަ އެވެ.

ފުލުހުން ބުނީ، އެ މައްސަލާގައި ރަހީނުކުރި މީހާ ސަލާމަތް ކޮށްފައި ވަނީ އެ ރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު