ވައިގެ ސަރަހައްދުގައި އުދުހެނީ އެމެރިކާގެ މަތިންދާ ބޯޓުތަކެއް ކަމަށް ބެލެވިއްޖެ

ހުވަދު އަތޮޅާ ދިމާލުން ރާއްޖޭގެ ވައިގެ ސަރަހައްދުގައި އުދުހެނީ އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުތަކެއް ކަމަށް ބެލެވިއްޖެ އެވެ.

އެ މަތިންދާ ބޯޓްތަކަކީ އެމެރިކާ ނޭވީގެ މަތިންދާބޯޓްތަކެއް ކަމަށް ބެލެވުނީ އެމެރިކާގެ ނޭވީންގެ ނިޝާން ޖަހާފައިވާ ކަން ބޯޓްތައް ކައިރިން ދުށް މީހުންނަށް ފާހަގަ ކުރެވުމުންނެވެ.

އަސްކަރީ މަތިންދާ ބޯޓުތަކެއް އާދަޔާ ހިލާފަށް ތިރިން އުދުހެމުން ދަނިކޮށް، ރާއްޖޭގެ ދެކުނުގެ ބައެއް މަސްވެރިންނަށް ފެންނަން ފެށީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެންނެވެ. ހުވަދޫ ކަނޑުގެ އިރުމަތިން 13 ވަރަކަށް މޭލު ބޭރުން ވަރަށް ތިރިން އެ ބޯޓުތައް އުދުހެމުން ދަނިކޮށް، އެ ސަރަހައްދުން ވަނީ ގޮތް ނޭނގޭ ޑިވައިސްތަކެއް މިދިޔަ އަންގާރަ ދުވަހު ފެނިފަ އެވެ.
ލ. އަތޮޅު މަސްވެރިންތަކަށް ފެނުނު މަތިންދާ ބޯޓު --- ފޮޓޯ: އިބްރާހިމް ފަޒީލް

ލ. އަތޮޅުގެ މަސްވެރިންތަކަކަށް ވެސް އިއްޔެ ވަނީ އެފަދަ ތިން މަތިންދާބޯޓެއް ފެނިފަ އެވެ. ގާދޫ ކަނޑާ ދިމާލުން ގާތްގަނޑަކަށް 15 މޭލު ބޭރުން އެ ބޯޓުތައް ފެނުނު ސަރަހައްދުން، "ޓައިމަރު"ތަކެއް ހަރުކޮށްފައިވާ ހަތަރު ޑިވައިސެއް ވެސް ވަނީ ފެނިފަ އެވެ.

ނިއުމަތް ދޯނީގެ މަސްވެރިއެއް ކަމަށްވާ ލ. ގަން ލާސްޓް މޫވް، އިބްރާހިމް ފަޒީލް މިއަދު "ސަން"އަށް ބުނީ އިއްޔެ އެ ދޯނި މަހަށް ނުކުމެ އުޅެނިކޮށް ގާދޫ ކަނޑާ ދިމާލުން ގާތްގަނޑަކަށް 15 މޭލު ބޭރުން ވަރަށް ތިރިން، ތިން ބޯޓެއް އުދުހެނިކޮށް ފެނުނު ކަމަށެވެ. އަދި އެ ސަރަހައްދުގައި ވަރަށް ގިނައިރު ވަންދެން އެ ފުލައިޓުތައް ބުރު ޖަހަމުންދިޔަ ކަމަށް އޭނާ ބުންޏެވެ.
ލ. އަތޮޅު މަސްވެރިންތަކަށް އިއްޔެ ފެނުނު މަތިންދާ ބޯޓުތައް --- ފޮޓޯ: އިބްރާހިމް ފަޒީލް

އޭނާ ވަނީ އޭނާ އަށް ފެނުނު ބައެއް މަތިންދާ ބޯޓުގެ ފޮޓޯތައް "ސަން"އަށް ފޮނުވާފަ އެވެ. ފަޒީލު "ސަން"އަށް ފޮނުވި މަތިންދާ ބޯޓުގެ ފޮޓޯތައް ގޫގުލް އިމޭޖެސްގައި ސާޗުކޮށްލުމުން އަންނަނީ އެމެރިކާގެ އަސްކަރިއްޔާ އިން އުފައްދާފައިވާ "ޕީ-3 އޮރިއޯން މަރުކާ"ގެ މަތިންދާ ބޯޓެކެވެ. އަދި ބޯޓު އާންމުކޮށް ބޭނުން ކުރަނީ ވައިގެ މަގު ޕެޓްރޯލް ކުރުމަށާއި ސާޗް އެންޑް ރެސްކިއުގެ އިތުރުން ހަނގުރާމަ މަތީ ސަބްމެރީން ފަދަ އުޅަނދުތައް ހޯދުމަށެވެ.

އެމެރިކާ އިން އުފައްދާފައިވާ އެފަދަ މަތިންދާ ބޯޓްތައް ޗައިނާ އާއި ޖަޕާނާއި އޮސްޓްރޭލިއާއާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ވެސް ގެންގުޅެ އެވެ. ނަމަވެސް ރާއްޖޭގެ ވައިގެ ސަރަހައްދުން އިއްޔެ އުދުހުނު ބޯޓްތަކުގެ ސިފަތަކާއި އެ އުޅަނދުގައި ކުރަހާފައިވާ ނިޝާން ފަޒީލް ކިޔައިދިން ގޮތުން އެއީ އެމެރިކާގެ އަސްކަރިއްޔާގެ އުޅަނދުތަކެއްކަން އެނގެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭގެ ތެރެއިން ކޮންމެ މަތިންދާބޯޓެއްގެ ދެ ފިޔާގައި ހަތަރު ބުރަފަތި ހުރެ އެވެ. އެއް ފިޔައިގެ ތިރީގައި "ނޭވީ" ލަފްޒް ދޭހަވާ ގޮތަށް އިނގިރޭސީ ބަހުން އަކުރުތަކެއް ލިޔެފައިވާ ކަމަށް ފަޒީލް ބުންޏެވެ. މަތިންދާބޯޓުގެ ކަނައަތު ފިޔާގައި ކަޅު ކުލައިގެ ވަށް ބޮޅެއްގެ ތެރޭ ހުދު ތަރިއެއް ކުރަހާފައިވާ ކަމަށް އޭނާ ބުންޏެވެ. ފަޒީލުގެ ސިފަކުރުންތަކުން އޭނާ އެ ބުނާ ފްލައިޓަކީ ޕީ-3 އޮރިއޯން މަރުކާގެ ބޯޓެެކެވެ. އެމެރިކާގެ އެފަދަ އުޅަނދުތަކުގައި ޖަހާފައިވާ ނިޝާން ވެސް ފަޒީލް ސިފަކުރުންތަކާ އެއްގޮތެވެ. ނަމަވެސް އޭނާ ފޮނުވި ފޮޓޯތަކުން ބޯޓުގެ ނިޝާނާއި ނަން އެނގޭކަށް ނެތެވެ.

"ތިން ފްލައިޓެއް އުޅޭ. ބޮޑު އެކަތި ކުޑަ ދޭތި. ވަރަށް ތިރިން 10 ވަރަކަށް 15 ވަރަކަށް ފޫޓު ހަމަވާ ހިސާބުން ތިން ފްލައިޓް ވެސް އުދުހެނީ. ގާތްގަނޑަކަށް ހެނދުނުން ފެށިގެން މެންދުރާ ހަމައަށް ވެސް ހަމަ އެ ފްލައިޓްތަށް އުދުހުނު، ހަތަރު ބުރަފަތި އިނދޭ. ފިޔައިގެ ތިރީގައި އިނީ 'އެންވީވައި' ކަހަލަ އަކުރުތަކެއް. އެހާ ރީތިކޮށް ސާފެއް ނުވި. ދެން އަނެއް ފިޔައިގައި އިނީ ވަށްބޮޅެއް ތެރޭގައި ތަރިއެއް ކުރަހާފައި،" ރާއްޖޭގެ ވައިގެ ސަރަހައްދުން އުދުހޭ ފުލައިޓުތައް ސިފަކޮށްދެމުން ފަޒީލް ކިޔާދިނެވެ.
ލ. އަތޮޅު މަސްވެރިންތަކަށް އިއްޔެ ފެނުނު ހަތަރު ޑިވައިސެއްގެ ބައެއް ބައިތައް --- ފޮޓޯ: އިބްރާހިމް ފަޒީލް

ރާއްޖޭގެ ވައިގެ ސަރަހައްދުން ގޮތް ނޭންގޭ ފްލައިޓްތަކެއް ފެނުނު މައްސަލައާއި ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައި ވަނީ އެއީ އަސްކަރީ އުޅަނދުތަކެއް ކަން ޔަގީންކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ އަސްކަރީ އުޅަނދުތަށް މޮނިޓާކުރުމުގެ ގާބިލްކަން އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) އަށް ވެސް ލިބިގެން ނުވާނެ ކަމަށާއި އަސްކަރީ އުޅަނދެއް މޮނިޓާ ކުރުމުގެ ގާބިލްކަން ރާއްޖޭގައި ލިބިގެންވާ ފަރާތަކީ އެމްއެންޑީއެފް ކަމަށެވެ.
ލ. އަތޮޅު މަސްވެރިންތަކަށް އިއްޔެ ކަނޑުން ފެނުނު ޑިވައިސެއް--- ފޮޓޯ: އިބްރާހިމް ފަޒީލް

އެ މައްސަލައާ ގުޅިގެން މިއަދު އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް އެމްއެންޑީއެފް އިން އިއްޔެ ބުނެފައި ވަނީ އެ އެއާކްރާފްޓްތަކުގެ ތަހުގީގު އެކުވެރި ގައުމުތަކާ ހިއްސާކޮށް އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި އިތުރު މައުލޫމާތެއް އާއްމުކުރެވެން ނެތް ކަމަށެވެ.

ލ. އަތޮޅު މަސްވެރިންތަކަށް ކަނޑުން ފެނުނު ޑިވައިސެއްގައި ހަރުކޮށްފައި ހުރި އެއްޗެހިތަކެއް ނަގައިގެން ބަލަނީ--- ފޮޓޯ: އިބްރާހިމް ފަޒީލް
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު