އިސްރާއީލުން ޣައްޒާގެ 73 މިސްކިތެއް ބިމާ ހަމަކޮށްލާފައިވޭ

ޣައްޒާ (އޮގަސްޓް 29) : ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލު ހިންގި އުދުވާނުގައި ޣައްޒާގެ 73 މިސްކިތެއް އެއްކޮށް ހަލާކުކޮށްލައި 205 މިސްކިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކާއި ގެއްލުންތައް ބަލައި އަދަދު ކުރަމުންގެންދާ ފަލަސްތީނުގެ ޚާއްސަ ކޮމިޓީން ނެރުނު ރިޕޯޓެއް ބުނާ ގޮތުން ޣައްޒާގެ މިސްކިތްތަކުގެ ތިންބައިކުޅަ އެއްބައި އިސްރާއީލުން ވަނީ ހަލާކުކޮށްލާފަ އެވެ. މިގޮތުން ހަމައެކަނި ޣައްޒާގެ މިސްކިތްތަކަށް އިސްރާއީލުން ދީފައިވާ ގެއްލުންތައް ވެސް 50 މިލިޔަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށް މިރިޕޯޓް ބުނެ އެވެ. ޣައްޒާގެ ގިނަ މިސްކިތްތަކަކީ ފަލަސްތީނުގެ އާންމުންގެ އެހީގައާއި އަރަބި އަދި އިސްލާމީ ބައެއް ގައުމުތަކުގެ މާލީ އެހީތެރިކަމާ އެކު ބިނާކޮށްފައިވާ މިސްކިތްތަކެކެވެ.

އިސްރާއީލުން ޣައްޒާގެ މިސްކިތްތައް ހަލާކުކޮށްލުމުގެ ނިޔަތުގައި ދީފައިވާ ޙަމަލާތަކަކީ ހަސަދައާއި ތަޢައްސުބާއި އަދި އިސްރާއީލުގެ ޝައިތާނީ ވަންތަކަމުގެ ތެރެއިން ދީފައިވާ ޙަމަލާތަކެއް ކަމަށް ވެސް މިރިޕޯޓްގައި ސިފަކޮށްފައިވެ އެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު