ރައްޔިތުންގެ ލާބައަށްޓަކާ ސަރުކާރާއެކު މަޝްވަރާކުރަން ތައްޔާރު: ޖޭޕީ

ދިވެހި ގައުމާއި ރައްޔިތުންނަށް ފައިދާ އާއި މަންފާ ލިބޭ ކޮންމެ ކަމެއްގައި ސަރުކާރާއެކު މަސްވަރާކުރަން އަބަދުވެސް ތައްޔާރަށް ތިބި ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ބުނެފި އެވެ.

އެ ޕާޓީގެ ސްޕޯކްސްޕާސަން އަދި ކުރީގެ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް މިއަދު 'ސަން' އަށް ވިދާޅުވީ، ރައްޔިތުންގެ މަންފާ އާއި ރައްޔިތުންގެ މަސްލަހަތަށްޓަކައި ސަރުކާރާއެކު މަޝްވަރާކޮށް އެކުގައި މަސައްކަތް ކުރަން އަބަދުވެސް އެ ޕާޓީ ތައްޔާރު ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ވެސް އިއްޔެ ވިދާޅުވެފައި އެބައޮތް ޖެޕީއާއި އެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް. އެގޮތަށް އަޅުގަނޑުމެން ވެސް އެ މަޝްވަރާތައް ކުރުމަށް މަރުހަބާ ކިޔަން. ރައްޔިތުންގެ ހެވާ ލާބައަށް ކުރާ ކޮންމެ ކަމެއްގައި ޖުމްހޫރީ ޕާޓީ އިސްވެ އަބަދުވެސް އެކަމަށް މަރުހަބާ ކިޔާނެ،" އަލީ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރާއެކު މަސައްކަތް ކުރަން ޖޭޕީ ހަދާފައިވާ ކޯލިޝަން އެއްބަސްވުން މިއަދާ ހަމައަށް އައި އިރުވެސް އުވިފައިވާ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި އެގޮތަށް ގަބޫލުކުރަނީ ކޯލިޝަނުން ޖެޕީ ވަކިވެފައިވާކަން މިހާތަނަށް އައި އިރު ސަރުކާރުން ވެސް ނުވަތަ ކޯލިޝަނުން ވެސް އެއްވެސް ގޮތަކުން ޖޭޕީއަށް އެކަން އަންގާފައި ނުވާތީ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލެއް ނުކުރަން ކޯލިޝަނުން ޖޭޕީ ވަކިވި ކަމަކަށް. ސަބަބަކީ މިހާ ދުވަސް ވީއިރު ވެސް ސަރުކާރުން ވެސް އަދި ކޯލިޝަންގެ އެއްވެސް ފަރާތަކުން ވެސް އަޅުގަނޑުމެންނަށް ލިޔުމަކުން ވެސް އަންގާފަ އެއް ނެތް ކޯލިޝަން އުވުނު ކަމެއް ނުވަތަ އުވާލި ކަމެއް. އެހެންވީމަ މަޝްވަރާތައް ކުރަން ޖޭޕީ އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ގެންދާ ކޮންމެ ޕްރޮޖެކްޓެއްގައި ވެސް ސަރުކާރަށް ޖޭޕީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އެގޮތުން މަޖިލީހުން މިހާރު ފާސްކޮށްފައިވާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލުގައި ވެސް ހިތްހަމަ ނުޖެހޭ ކަމެއް ހުރި ނަމަވެސް އެއީ ރައްޔިތުންނަށް ފައިދާވާނެ ކަމަކަށް ވުމުން އެ ބިލު ވެސް އެންމެ ފަހު ވަގުތު ޖޭޕީގެ އެއްބާރުލުމާ އެކު ފާސްކޮށްފައިވާ ކަމަށެވެ.

ޖޭޕީއާއެކު މަޝްވަރާކުރަން ބޭނުންވެ ލައްވާ ކަމަށް ރައީސް ޔާމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު