ޗެމްޕިއަންސް ލީގު: ލިވަޕޫލާއި ޗެމްޕިއަން ރެއާލް އެއް ގުރޫޕަކަށް

މޮނާކޯ (28 އޯގަސްޓް) - ރެއާލް މެޑްރިޑުން މިފަހަރުގެ ޗެމްޕިއަންސް ލީގު ތަށި ދިފާއުކުރަން ނުކުންނައިރު އެޓީމާ އެއް ގްރޫޕެއްގައި އެ މުބާރާތް ފަސްފަހަރު ކާމިޔާބުކޮށްފައިވާ އިނގިރޭސިވިލާތުގެ ލިވަޕޫލް ލައްވައިލައިފި އެވެ.

ޗެމްޕިއަންސް ލީގުގެ ތަށި 10 ފަހަރު ކާމިޔާބުކޮށް އެ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި އޮތް ރެއާލްއާ ދެކޮޅަށް ލިވަޕޫލް ނުކުންނަނީ މުބާރާތަށް ކޮލިފައި ނުވާތާ ފަސް އަހަރަށް ފަހުއެވެ. ގްރޫޕް "ބީ"ގައި އެ ދެޓީމުގެ އިތުރުން އޮތީ، ސްވިޒަލޭންޑްގެ އެފްސީ ބާސްލްއާއި ބަލްގޭރިއާގެ ލުޑޮގޮރެޓްސް ރަޒްގްރާޑް އެވެ.

ލިވަޕޫލުން ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ތިންވަނަ ފަހަރަށް ކާމިޔާބުކުރީ، 1981 ވަނަ އަހަރު ޕެރިހުގައި އޮތް ފައިނަލް މެޗުގައި ރެއާލް މެޑްރިޑް 1-0 ލަނޑުން ބަލިކުރުމަށް ފަހުއެވެ.

މުބާރާތުގެ ގްރޫޕް "އެފް"ގައި ބާސެލޯނާއާއި އަޔެކްސް ލައްވައިލި އިރު އެ ދެޓީމަށް ވެސް ކުރިން ކުޅެފައިވާ ޒްލަޓަން އިބްރަހިމޮވިޗްގެ މިހާރުގެ ޓީމް ޕީއެސްޖީ ވެސް ލައްވައިލީ ހަމަ އެ ގްރޫޕަށެވެ. ގްރޫޕް އެފްގައި ދެން އޮތީ ސައިޕްރަސްގެ އެޕޮއެލް ނިކޯސިއާ އެވެ.

މުބާރާތުގެ މަރުގެ ގްރޫޕްގެ ގޮތުގައި ބެލެވޭ ގްރޫޕްގެ ގޮތުގައި މިފަހަރު ބެލެވެނީ ގްރޫޕް "އީ" އެވެ. އެ ގްރޫޕްގައި މިދިޔަ ސީޒަންގައި ވެސް އެއް ގްރޫޕެއްގައި ލައްވައިލި ތިން ޓީމު ކަމަށްވާ ހަތަރު ފަހަރު ޗެމްޕިއަން ބަޔާން މިއުނިކާއި، މެންޗެސްޓާ ސިޓީއާއި ސީއޭއެސްކޭއޭ މޮސްކޯ ހިމެނޭއިރު ގްރޫޕުގެ އަނެއް ވާދަވެރިޔާއަކީ އިޓަލީގެ އޭއެސް ރޯމާއެވެ.

ހަތަރު ސީޒަންގެ ތެރޭގައި އިނގިރޭސި އާސެނަލްއަށް ތިންވަނަ ފަހަރަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ ކުރިމަތިލާން ޖެހުނު އިރު އެ ދެޓީމު ހިމެނޭ ގްރޫޕް "ޑީ"ގައި ދެން އޮތީ ތުރުކީގެ ގަލަތަސަރާއީ އާއި ބެލްޖިއަމްގެ އަންޑަލެޗްއެވެ.
އިނގިރޭސި ވިލާތުގެ ޗެލްސީއަށް މިފަހަރު ލައްވައިލީ ގްރޫޕް "ޖީ"ގައި ޖަރުމަނުގެ ޝަލްކޭއާ ޕޯޗްގީޒްގެ ސްޕޯޓިން ލިޒްބަންއާއި ސްލޮވޭނިއާގެ މަރިބޯ އެވެ.

މުބާރާތުގެ އެންމެ ފަހުގެ ރަނަރަޕް ސްޕެއިންގެ އެތުލެޓީކޯ މެޑްރިޑާއި އިޓަލީގެ ޔުވެންޓަސް ލައްވައިލީ ގްރޫޕް "އޭ"ގައި ސްވިޑްންގެ މަލިމޯއާއި ގްރީސްގެ އޮލިމްޕިއާކޮސްއާ އެވެ.

ހައިރާންކުރުވަނިވި ނަތީޖާއެއް މިފަހަރުގެ ގްރޫޕް ސްޓޭޖްގައި ނެރެފާނެ، ނަތީޖާ ދިމާކުރަން ދަތި ޓީމުތަކެއް ހިމެނިފައިވަނީ، ގްރޫޕް "ސީ" ގައެވެ. އެ ގްރޫޕުގައި ލައްވައިލީ ޕޯޗްގަލްގެ ބެންފިކާއާއި ރަޝިޔާގެ ޒެނިތު ޕީޓާސްބާގާއި ޖަރުމަނުގެ ބޭޔާ ލެވަކޫސަންއާއި ފްރާންސްގެ މޮނާކޯއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ ދިގު ދަތުރުތަކެއް ކުރަން ޖެހޭނޭ ކަމަށް ބެލެވެނީ ގްރޫޕް "އެޗް"ގައި ހިމެނޭ ޕޯޗްގަލްގެ ޕޯޓޯއާއި ޔޫކްރެއިންގެ ޝަކްތާ ޑޮނެޓްސްކްއާއި ސްޕެއިންގެ އެތުލެޓީކޯ ބިލްބާއޯއާއި ބެލަރޫސްގެ ބާޓޭ ބޮރިސޯފްއެވެ.

ހަތަރު ޓީމުގެ މައްޗަށް ހިމެނޭ އަށް ގްރޫޕްގެ ގްރޫޕް ސްޓޭޖް މެޗުތައް ފަށާނީ ސެޕްޓެމްބަރު 16-17 ގައެވެ. އެގޮތުން ކޮންމެ ގްރޫޕެއްގެ ކުޅުން ނިމޭއިރު އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓީމެއް ނޮކްއައުޓް ސްޓޭޖަށް ކޮލިފައިވާނެ އެވެ.

ޔޫރަޕްގެ އެންމެ ޝަރަފްވެރި ކްލަބު މުބާރާތުގައި ވާދަކުރާ 32 ޓީމުން ފައިސާގެ އިނާމުގެ ގޮތުގައި ގާތްގަނޑަކަށް އެއްބިލިއަން ޔޫރޯ (1.34 ބިލިއަން ޑޮލަރު) ހިއްސާކުރާނެ އެވެ. އެގޮތުން ގްރޫޕް ސްޓޭޖަށް ކޮލިފައިވުމުން ޔުއެފާއިން ކޮންމެ ޓީމަކަށް 8.6 މިލިއަން ޔޫރޯ ދޭނެއެވެ. އަދި މޮޅުވާ ކޮންމެ މެޗަކަށް އެއް މިލިއަން ޔޫރޯ ލިބޭއިރު އެއްވަރުވާ ކޮންމެ މެޗަކަށް 500000 ޔޫރޯ ލިބޭނެއެވެ. މީގެ އިތުރުން ޓީމުތަކަށް މުބާރާތުގެ ޓީވީ އިޝްތިހާރުން ލިބޭ ފައިސާގެ ހިއްސާއެއް ވެސް ލިބޭނެ އެވެ.

މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅޭނީ އަންނަ އަހަރުގެ ޖޫން މަހުގެ ހަ ވަނަ ދުވަހު ޖަރުމަނުގެ ބާލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައެވެ. (އޭޕީ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު