ޔޫރަޕްގައި ކުޅޭ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރޮނާލްޑޯއަށް

މޮނާކޯ (އޭޕީ) – މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި 17 ލަނޑުގެ ރެކޯޑު އަދަދަކަށް ލަނޑު ކާމިޔާބުކޮށްފައިވާ ރެއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ޔުއެފާއިން ހޮވާ ޔޫރަޕްގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިއްޖެ އެވެ.

ރެއާލް މެޑްރިޑާއި ޕޯޗްގަލްގެ ގައުމީ ޓީމުގެ ފޯވާޑް، ޔޫރަޕްގައި ކުޅޭ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދީ، ޖަރުމަނުގެ ބަޔާން މިޔުނިކަށް ކުޅޭ ދެ ތަރިން ކަމަށްވާ، އެޓީމުގެ ގޯލް ކީޕަރު މެނުއަލް ނޮޔާއާއި ނެދަލެންޑް ފޯވާޑް އާޔެން ރޮބެންއާ ވާދަކޮށްގެންނެވެ.

މޮޅު ކުޅުންތެރިޔާ ހޮވުމަށް ވޯޓު ދީފައި ވަނީ، ޗެމްޕިއަންސް ލީގުގެ ގުރު ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުއެފާގެ މެންބަރު 54 ގައުމުގެ ނޫސްވެރިން ވޯޓ ދީގެންނެވެ.

ނިމިދިޔަ ވޯލްޑް ކަޕްގެ ކޮލިފައިންގެ ޕްލޭއޮފްގައި ރޮނާޑޯ ވަނީ، ހަނދާނުން ފޮހެލަން ދަތި ހެޓްރިކެއް ސްވިޑެން ކޮޅަށް ހެދުމަށްފަހު ޕޯޗްގަލް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ޔުއެފާއިން 2011 ވަނަ އަހަރު ތައާރަފްކުރި މި އެވޯޑް މީގެ ކުރިން ހޯދާފައިވާ ކުޅުންތެރީންގެ ތެރޭގައި ލިއޮނަލް މެސީ، އަންދްރޭ އިނިއެސްތާ، އަދި ފްރެކް ރިބެރީ ހިމެނެއެވެ.

ޔުއެފާއިން ހޮވި މިދިޔަ ސީޒަންގައި ޔޫރަޕްގައި ކުޅުނު އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިއަކަށް ހޮވުނީ، ވުލްވްސްބާގަށް ކުޅޭ ޖަރުމަނުގެ އެޓޭކިން މިޑްފީލްޑަރު ނަދީން ކޭސްލާއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު