ވަޒީފާ އަދާކުރުމުގައި ކަންބޮޑުވާ މިންވަރަށް ޒުވާނުން ފަރުވާ ކުޑަ: އޮޑިޓާ ޖެނެރަލް

މަސައްކަތުގެ މާހައުލަށް ނުކުންނަ ޒުވާނުން ވަޒީފާ އަދާކުރުމުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ފަރުވާ ކުޑަވަމުންދާ ކަމަށް އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ނެޝެނަލް ޔުނިވަސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނެރަލް ވިދާޅުވީ، ވަޒީފާއަށް ނުކުންނަ ޒުވާނުންގެ ތެރެއިން ބައެއް ޒުވާނުން މަސައްކަތުގެ މައިދާނުގައި ނާކާމިޔާބު ވާތަން ފެންނަނީ މަދެއްކޮށް ނޫން ކަމަށެވެ. އަދި އެކަމާގުޅޭ ރަސްމީ ތަފާސް ހިސާބެއް ހެދިފައި ނެތް ނަމަވެސް ތައުލީމް ހާސިލުކޮށް ނިންމުމަށްފަހު މަސައްކަތުގެ މާހައުލަށް ނުކުންނަ ޒުވާނުން ވަޒީފާ އަދާކުރަން ފެށުމަށް ފަހު ކަންބޮޑުވާންޖެހޭ މިންވަރަށް މަސްއޫލިއްޔަތު އަދާ ކުރުމުގައި ފަރުވާ ކުޑަވާކަމަށާއި ކަމަށް ކަމޭ ނުހިތުން އިތުރުވަމުންދާކަން އޮޑިޓަރ ޖެނެރަލް ފާހަގަ ކުރެއްވި އެވެ.

"މިކަމުގެ ސަބަބަކީ ހަރުދަނާ ސުލޫކީ ސިފަތަކެއް ބޮޑެތި ވަމުން އަންނަ ދަރިންގެ ކިބައިގައި ނުވުން. އަދި ހަވާލުކުރާ މަސައްކަތް ތެދުވެރި ކަމާ އަމާނާތްތެރިކަމާ އެކު ކުރެވޭނެ ސަގާފަތެއް ނެތުން،" ނިޔާޒު ވިދާޅުވި އެވެ.

އޮޑިޓަރ ޖެނެރަލް ވިދާޅުވީ މި މައްސަލައަކީ މުޅި މުޖުތަމައަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި އެކަން ހައްލު ކުރެވެން އޮތީ ގައުމީ މަންހަޖުގެ ތެރެއަށް އެކަން ފުޅާ ދާއިރާއެއްގައި އެޑްރެސް ކުރެވި ގައުމީ ފެންވަރުގައި އެކަމަށް ހައްލު ހޯދުމަށް މަސައްކަތް ކޮށްގެން ކަމަށެވެ.

އަދި ހަވާލުކުރާ ޒިންމާ ތެދުވެރިކަމާ އެކު އަދާކުރުމަންމަތީ ދެމިތިބުމަށާއި ވަޒީފާގެ މާހައުލުގައި އެ ސަގާފަތް އަށަގެންނެވުމަށް ކުރަމުންދާ މަސައްކަތުގައި ހިއްސާވުމަށް ދަރިވަރުންނަށް އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމް ގޮވާލެއްވި އެވެ.

"ފާގަތި އަމާން މުޖުތަމައެއް ގާއިމު ކުރުމަށް ކޮންމެ މީހަކީ ވެސް ހިއްސާވެވޭވެނެ މީހެއް. އެފުރުސަތު އެންމެ ބޮޑަށް ލިބިފައިވާ ބަޔަކީ ދަރިވަރުން. އަމަލީ މައިދާނުގައި މަސައްކަތް ކުރުމަށް ނުކުންނަ އިރު ތެދުވެރިކަމާއި ނަޒާހާތްތެރިކަމާ އެކު ވާޖިބު އަދާ ކުރުމަށް އިލްތިމާސް ކުރަން،" އޮޑިޓަރ ޖެނެރަލް ނިޔާޒު ވިދާޅުވި އެވެ.


ނިޔާޒު ވިދާޅުވީ، ގައުމު މިއަދު ހާލުގެ ދުލުން ގޮވަނީ ގައުމު ބިނާކޮށް އާރާސްތު ކުރާ ފަރާތްތައް ތެދުވެރިކަމާއި ނަޒާހާތްތެރިކަމާއެކު މަސްއޫލިއްޔަތުތައް އަދާ ކުރުމަށް ކަމަށެވެ. އަދި މަސައްކަތުގެ މާހައުލުގައި ކޮންމެހެން ހިފަހައްޓާންޖެހޭ ސުލޫކީ މިންގަނޑު ތަކަށް ބޯލަނބައި ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުމުގެ ސަގާފަތަށް އަހުލުވެރިވެފައިވާ ޖީލުތަކެއް ބިނާ ކުރުމަކީ މިއަދު އަހައްމިއްޔަތުކަން ދޭންޖެހިފައިވާ ވަރަށް މުހިންމު ގައުމީ މައްސަލައެއް ކަމަށް ވެސް އޮޑިޓަރ ޖެނެރަލް ވިދާޅުވި އެވެ.

ދަރުބާރުގޭގައި މިރޭ އޮތް ރަސްމިއްޔާތުގައި ގައުމީ ޔުނިވަސިޓީގެ މެދު ޓާމްގެ ދަސްވެނިވުން ފުރިހަމަކޮށް މިރޭ ވަނީ ޖުމްލަ 365 ދަރިވަރަކު ސެޓްފިކެޓް ހާސިލު ކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 254 އަންހެން ކުދިންނާއި 115 ފިރިހެން ކުދިންނެވެ.

ގައުމީ ޔުނިވަސިޓީން ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި ޑިޕްލޮމާ އަދި ބެޗްލާ ލެވެލްގެ އިތުރުން މާސްޓާސް ލެވެލްގެ ކޯސްތައް ހިންގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު