ލ. ހިތަދޫގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައިފި

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ދަށުން ހިދުމަތް ފޯރުކޮށްދޭ ފާމަސީއެއް ގާއިމުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ލ. ހިތަދޫގައި ވެސް އެސްޓީއޯ އިން ފާމަސީއެއް ހުޅުވައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ ހިތަދޫގައި ހުޅުވި ފާމަސީ އިން އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ. ހިތަދޫގައި ހުޅުވި އެސްޓީއޯ ފާމަސީއާ އެކު އެ ކުންފުނީގެ ފާމަސީތަކުގެ އަދަދު މިހާރު 20 އަށް އަރައެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގެ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކުރުމަށް ކުރިއަށް ގެންދާ ބޮޑު މަޝްރޫއަށް ލޯކަލް ކައުންސިލްތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ، ކޮންމެ ރަށެއްގައި ބޭސްފިހާރައެއް ހެދުމުގެ ބޭނުމަކީ ރައްޔިތުންނަށް ފަސޭހަކަމާ އެކު ބޭހުގެ ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި ސަރުކާރުގެ އުންމީދަކީ ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތަކީ ވެސް އާސަންދައިގެ ދަށުން ބޭސް ލިބޭ ރައްޔިތަކަށް ވުން ކަމަށެވެ. އަދި އަމާޒަކީ މީހުން އުޅޭ ކޮންމެ ރަށެއްގައި ފާމަސީއެއް ހުޅުވުން ކަމަށް އާޒިމް ވިދާޅުވެފައިވެ އެވެ.

ކޮންމެ ރަށެއްގައި ފާމަސީއެއް ގާއިމު ކުރުމުގެ ޕްރޮޖެކްޓް ދެ އަހަރު ތެރޭގައި ނިންމާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު