ރިޟުވާންގެ މައްސަލައިގައި 198 މީހަކާ ސުވާލުކޮށް 80 މީހުންގެ ބަޔާން ނަގައިފި

މި އޮގަސްޓް މަހުގެ ހަތްވަނަ ދުވަހުގެރޭ ވީނުވީތަނެއް ނޭނގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ޢަބްދުﷲ ހޯދުމަށް މިހާތަނަށް 198 މީހަކާ ސުވާލުކޮށް މައުލޫމާތު ހޯދައި 80 އަށްވުރެ ގިނަ މީހުންގެ ތަހުގީގު ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިޟުވާން ހޯދުމަށާއި އޭނާގެ ތަހުގީގުގެ މަސައްކަތް ފުލުހުން ދަނީ ހަލުވިކަމާއެކު ކުރަމުން ކަމަށާއި ގިނަ އަދަދެއްގެ މީހުންނާ ސުވާލުކޮށް ތަހުގީގު ބަޔާން މިހާރު ނަގާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ރިޟްވާން އުޅުނު އެޕާޓްމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި އެޕާޓްމަންޓުތަކުގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ރިޟުވާން ހޯދުމަށާއި މައްސަލަ ތަހުގީގުކުރުމުގެ މަސައްކަތުގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 30 އަށްވުރެ ގިނަ ތަނަކުން 293 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެނިހެން މާއްދީ ހެކިތައް ހޯދައި އެތަކެތި އެނަލައިޒް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހުޅުމާލޭގެ އެކި ހިސާބުތަކާއި ކޯޓު އަމުރެއްގެ ދަށުން 50 ގެ ބަލައި ފާސްކޮށް ހުޅުމާލޭ ފަޅުތެރޭގައި އޮންނަ ކުރިން ރިޒޯޓެއްގެ ގޮތުގައި ބޭނުންކުރި ފަރުކޮޅުފުށި ދެ ފަހަރެއްގެމަތިން ވަނީ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ވިލިމާލެއިން ހަތަރު ގެއަކާއި ވިލިމާލޭގެ އެކި ސަރަޙައްދުތަކާއި މާލެއިން ބައެއް ތަންތަންވެސް ބަލައި ފާސްކޮށްފައިވާ އިރު ހުޅުމާލޭގެ ފަޅުތެރެއާއި ކަނޑުގެ ސަރަހައްދާއި އުރަފަށް ބެލުމުގެ އިތުރުން ހުޅުމާލޭ ފަޅުގައި ހުރި ގިނަ އުޅަނދުތައް ވެސް ވަނީ ބަލައިފާސްކޮށްފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެމައްސަލައާ ގުޅިގެން އަތޮޅުތެރޭގެ ބައެއް ރަށްރަށް ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން އެ މައްސަލައާ ގުޅުން ހުރިކަމަށް ބެލެވޭ ކާރެއް ހުޅުމާލެއިން ހިފަހައްޓައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އެ މައްސަލައާ ހުރި ގުޅުން ދިރާސާ ކުރުމުގެ މަސައްކަތް ވެސް ހަލުވިކަމާއެކު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

ރިޟުވާން އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެ މައުލޫމާތެއް ފުލުހުންނަށް ފޯރުކޮށްދިނުމަށް ފުލުހުން އެދެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު